ދުނިޔެ

ބިސް އެޅުމަށް 64000 އެއްހާ ވެލާ ކުރާ ދަތުރުގެ ފޮޓޯތަކުން އުފާވެރިކަމާއި އުންމީދެއް

މުހައްމަދު އައުޒަމް

ދުނިޔޭގެ ކަނޑުތަކުގައި ހަތް ވައްތަރެއްގެ ވެލާ އުޅޭކަން މިހާތަނަށް ވަނީ އެނގިފައެވެ. ނަމަވެސް ވެލައަކީ ހިޖުރަކުރާ ޖަނަވާރެއް ކަމުން އޭގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަނީ ކަނޑުގައެވެ. އަރާމުކޮށްލުމަށް ނުވަތަ ބިސް އެޅުމަށް އެއްގަމަށް އަރަނީ ވަކި ދުވަސްތަކެއްގައެވެ. އާންމުކޮށް ވެލައެއް ފެނުނަސް ފެންނާނީ އެކަތި ނުވަތަ ދޭއްޗެވެ. އެއަށްވުރެ ގިނައިން ފެނުމަކީ ނާދިރު ކަމެކެވެ.

ނަމަވެސް އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ޑިޕާޓްމަންޓް އޮފް އެންވައިރަމަންޓް އެންޑް ސައިންސް މިވަނީ ގިނަ އަދަދެއްގެ ވެލާ ހިޖުރަކުރާތަން ފެންނަ ވީޑިއޯއެއް ދައްކާލައިދީފައެވެ. ޑްރޯންއަކުން ނަގާފައިވާ އެ ވީޑިއޯކޮޅުން ފެންނަނީ ގާތްގަނޑަކަށް 64000 ވެލާ ގްރޭޓް ބެރިއާ ރީފްގައި އޮންނަ ވެލާ އަރާ ކަމަށް މަޝްހޫރުވެފައި އޮންނަ ރޭއިން އައިލެންޑްސްއަށް ބިސް އަޅަން ކުރާ ދަތުރެވެ.

"ޑްރޯން ފޮޓޯތަކުން އެ ފެންނަނީ ދުނިޔޭގެ އެންމެ ބޮޑު ގްރީން ޓާޓަލް ކުލަސްޓާ. މިއީ ރޭއިން އައިލެންޑް ރިކަވަރީ ޕްރޮޖެކްޓް ފެށިފަހުން މިހާ ގިނަ އަދަދެއްގެ ވެލާ އެއްފަހަރާ ފެނުނު ފުރަތަމަ ފަހަރު،" ގްރޭޓް ބެރިއާ ރީފް ފައުންޑޭޝަންގެ މެނޭޖިން ޑިރެކްޓަރު އަންނާ މާސްޑެން ވިދާޅުވެފައިވެއެވެ.

ސައިންސްވެރިން ވަނީ ވެލާތައް އެރަށަށް ދަތުރުކުރުމަށްފަހު ރަށް ވަށާލުމަށްފަހު ބިސްއަޅާނެ ސަރަހައްދެއް ހޯދާނެ ކަމަށް ބުނެފައެވެ.

ވޭތުވެދިޔަ 200 އަހަރުގެ ތެރޭގައި ވެލާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއީ ވެލާ މަހާއި ހަން އަދި ތޮށިގަނޑުގެ ބޭނުމުގައި އެތަކެތި ހިފުން އިތުރުވުމާއި ވެލާ ބިސް ނެގުން އިތުރުވުމުންނެވެ. އޭގެ އިތުރުން އެތަކެތި ބިސް އަޅާ ސަރަހައްދުތައް ނެތި ދިއުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި މަސްވެރިކަމުގައި ބޭނުންކުރާ ދާ ފަދަ ތަކެތީގެ ސަބަބުން ވެސް ވެލާގެ އާބާދީ މަދުވަމުން އަންނަކަން ސައިންސްވެރިން ފާހަގަކުރެއެވެ.