ދުނިޔެ

ލަންކާގެ އާންމު އިންތިހާބު އޮގަސްޓް ފަސްވަނަ ދުވަހު ބާއްވަނީ

މުހައްމަދު އައުޒަމް

ލަންކާގެ އާންމު އިންތިހާބު އަންނަ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ސްރީ ލަންކާގައި ކޮވިޑް ފެތުރެން ފެށުމާއެކު ލަސްކޮށްފައިވާ އާންމު އިންތިހާބު ތިން މަސްފަހުން ބޭއްވުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހުއްދަ ދީފިއެވެ.

ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބުގެ ކަންކަން ގެންދިއުމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާ ބަންދުގައި އަސްލާ އެއްގޮތް އިންތިހާބެއް ޓެސްޓެއްގެ ގޮތުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޓެސްޓް އިންތިހާބުގައި ސިއްހީ ގޮތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި އާ ގަވާއިދުތަކާ އެއްގޮތަށް ވޯޓު ލުމުގެ ކަންކަން ކުރިޔަށް ދާނެގޮތާއި ވޯޓު ގުނުމުގެ ކަންކަން ޓެސްޓު ކުރުމަށް ވަނީ ނިންމައިފައެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު ވަނީ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވަނީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ.