ގޫގުލް އިން އެންޑްރޮއިޑް 11 ބީޓާ ލޯންޗުކޮށްފިއެވެ.
ވާޗުއަލް ކޮށް ބޮޑު އިވެންޓެއްގައި ލޯންޗުކުރުމަށް ނިންމުމަށްފަހު އެ އިވެންޓު ކެންސަލްކޮށް ގޫގުލް އިން އެންޑްރޮއިށް 11 ބީޓާ ފަހުން މި ލޯންޗްކުރީ ކުޑަ ވީޑިއޯއެއް މެދުވެރިކޮށެވެ.
ގޫގުލް އިން ވަނީ އިވެންޓު ކެންސަލް ކޮށްފައިވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ކަމަށް ބުނެފައެވެ. އެގޮތުން އިވެންޓަކަށް ވުރެ މުހިންމު ކަންކަމަށް މީހުންގެ ފޯކަސް ބަދަލުވެފައިވާ ކަމަށްވެސް ގޫގްލްއިން ބުނެވައި ވެއެވެ.
ގޫގުލް އިން ވަނީ އެންޑްރޮއިޑް 11 ގެ ވާހަކަތައް އާންމު ކުރުމަށް ކެތް މަދުވެފައި ތިބިކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ. އަދި މި ޓުވީޓްގައި މިއީ އުފާ ފާޅުކުރަން ވީ ވަގުތެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.
އެންޑްރޮއިޑް 11 ގައި ގޫގުލް އިން ވަނީ އާކަންތައްތަކެއް ތައާރަފު ކޮށްފައެވެ. އެގޮތުން އެންޑްރޮއިޑް 11 ބީޓާ ބޭނުންކުރާ ފޯންތަކުގެ އެޕްތަކުން ފޯނުގެ ލޮކޭޝަން އަދި ކެމެރާގެ އިތުރުން މައިކް ބޭނުން ކުރެވޭނީ އެ އެޕެއް ބޭނުންކުރާ ވަގުތުގައި އެކަންޏެވެ. ބޭނުން ކުރަމުންދާ އެޕް ލައްޕައިލުމާއެކު ދެން އެޕްތަކުން ފޯނުގެ ލޮކޭޝަން އަދި ކެމެރާގެ އިތުރުން މައިކް ބޭނުން ކުރެވޭނީ އެމީހަކު ހުއްދަ ދިނުމުންނެވެ.
އެންޑްރޮއިޑް 11ގެ އެންމެ ތަފާތު ކަމަކަށް ފާހަގަ ކުރެވޭ ކަމަކީ އެންޑްރޮއިޑް 11 ބޭނުން ކުރާ ފޯނުތަކަށް އަންނަ ރޮބޯ ކޯލް ނުވަތަ ފޭކު ކޯލުތައް ދެނެގަންނާނެއެވެ. އަދި އެކޯލެއް ވެރިފައި ކުރުމަށްފަހު ރިޖެކްޓު ކޮށްލާނެއެވެ.
އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަކީ ދުނިޔޭގައި އެންމެ ގިނަ ފޯނުތަކުގައި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމެެވެ. ދުނިޔޭގައި އުފައްދާ ކޮންމެ 10 ފޯނަކުން ނުވަ ފޯނުގައި ބޭނުންކުރަނީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމެވެ.