ފަސިންޖަރުން އުފުލަން ހާއްސަކޮށްގެން ދުއްވާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކާރު ޖީޕް އަދި ވޭންގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަކުރަން ގާނޫނަށް ހުށަހަޅާ އިސްލާހެއް މަޖިލީހަށް ފޮނުވައިފި އެވެ.
ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހެއްގެ ގޮތުގައި މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވުމަށް ހަަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.
ނަަމަވެސް ބޭނުންކޮށްފައި ހުންނަ ކާރު، ޖީޕް، ވޭންގެ ޑިއުޓީ 300 ޕަސެންޓަށް ހަމަޖެއްސުމަށްވެސް ބިލުގައި ހުށަހަޅާފައި ވެއެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ފަސިންޖަރުން އުފުލަން ހާއްސަކޮށްގެން ދުއްވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ކާރު ޖީޕް އަދި ވޭންގެ ޑިއުޓީން 200 ޕަސެންޓް ނެގުމަށެވެ.
މީގެ އިތުރުން ނުކުޅެދޭ މީހުން ދުއްވާ އިންޖީނުލީ ތަކެއްޗާއި، އެތަކެތީގެ އިންޖީނާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ސުން ޕަސެންޓަށް ހަމަޖެއްސުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
ބޭބީކެރިއާ އާއި ބައިސްކަލާއި އޭގެ ބައިބައި ތަކުން ޑިއުޓީ ސުންޕަސެންޓަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެެ. ނަމަވެސް ސައިކަލުން ނަގަމުން އަންނަ ޑިއުޓީއަށް ބަދަލު ގެންނަން ބިލުގައި ހުށަހަޅާފައެއް ނުވެއެވެ.