ޚަބަރު

އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި ކަރަންޓުގެ ހަރަދު ކުޑަކުރަން ފަންޑެއް ގާއިމްކުރަން ހުށަހެޅި ބިލު ބަލައިގެންފި

އިބްރާހިމް ޒަކީ

އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަ ކުރުމަށް އެހީވެދޭ ގައުމީ ފަންޑެއް ގާއިމް ކުރުމަށް ގާނޫނުން ލާޒިމު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލުގެ ބަލައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފޮނުވައިފައެވެ.

މި ބިލުގައިވަނީ އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ހަރަދުތައް ކުޑަ ކުރުމަށް އެހީވެދޭ ގައުމީ ފަންޑެއް ގާއިމް ކުރުމަށް ގާނޫނުން ލާޒިމު ކުރަން ހުށަހަޅައިފައެވެ.

ބިލުގައި ވާގޮތުން އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި އެރޮނގުން އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށާއި، ކަރަންޓްގެ ހަރަދު ކުޑަ ކުރުމަށް އެހީވެދޭ ފަންޑެއް ގާނޫނަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ގާއިމް ކުރަން ޖެހޭނެއެވެ.

އެ ފަންޑު ހިންގުމަށް ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެއް އައްޔަންކުރަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބިލުގައިވާގޮތުން އެ ބޯޑުގައި ތިއްބަވާނީ، ތިމާވެއްޓާއި މޫސުމާ ބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިދާރާގެ އިސް މުވައްޒަފަކާއި، ފައިސާ އާއި މާލީ ކަންކަން ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ އިސް މުވައްޒިފެއްގެ އިތުރުން ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާގެ އިސް މުވައްޒަފެކެވެ.

ބިލުގައި ބުނެފައިވަނީ، މި ފަންޑަށް ފައިސާ ހޯދާނީ ތިމާވެށި ހިމާޔަތް ކުރުމަށް، ނުވަތަ ޖައްވަށް ބޭރުވާ ވިހަގޭސް މަދު ކުރުމަށް ނަގާ ޓެކްސްގެ ތެރެއިން އެ ފަންޑަށް ސަރުކާރުން ކަނޑައަޅާ ވަކި އިންސައްތައަކާއި، ލޯނުގެ ގޮތުގަައި ހޯދާ ފައިސާ އާއި އެކި އެކި ފަރާތްތަކުން ފަންޑަށްދޭ ފައިސާ އާއި ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އިތުރުން ހިދުމަތްދޭ އޮތޯރިޓީގެ ހިދުމަތްތަކަށް ފީގެ ގޮތުގައި ނަގާ ފައިސާ އާއި ގަވާއިދާ ހިލާފު ވެގެން ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާގެ ތެރިން ކަނޑައަޅާ މިންވަރެކެވެ.