ޚަބަރު

އީމެއިލް މެދުވެރިކޮށް ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ހިދުމަތްދޭން ފަށައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އީމެއިލް މެދުވެރިކޮށް ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ހިދުމަތްދޭން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނޫސްމަޖައްލާ އޮންލައިން ނޫސް ރަޖިސްޓްރީކުރުމަށް އެދި ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންވާނީ ސްކޭން ކޮށްފައިވާ ޕީ.ޑީ.އެފް ފައިލްތަކެއްގެ ގޮތުގައެވެ. އަދި މި ތަކެތި ([email protected] ) އީމެއިލް އަށް ފޮނުވުމަށް އެމިިނިސްޓްރީން ވަނީ އެދިފައެވެ.

ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި ބަލައިގެންފިކަމުގެ އީ-މެއިލެއް ފޯމު ހުށަހެޅި ފަރާތަށް ލިބިވަޑައިގަންނަވާތާ ހަތް ދުވަހުގެ ތެރޭގައި ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ ސިޓީއާއެކު ރެޖިސްޓްރޭޝަންގެ ތަފްސީލު އީ-މެއިލެއް އެ މިނިސްޓްރީން ފޮނުވާނެ ކަމަށް ވަނީ ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވާނީ، ކޮވިޑް 19 އާ ގުޅިގެން އިއުލާންކުރައްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އާއްމު ހާލަތަކަށް ބަދަލުވާ ދުވަހުން ފެށިގެން 21 ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމިނިސްޓްރީން ބުނީ ދާއިމީ ރަޖިސްޓްރޭޝަން ހޯއްދުމަށް، ކޮވިޑް 19 އާ ގުޅިގެން އިއުލާންކުރައްވާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އާއްމު ހާލަތަކަށް ބަދަލުވެ، ސަރުކާރުގެ އޮފީސްތަކުގެ ހިނގުން އިއާދަކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ނިޔަލަށް، މިނިސްޓްރީން ދޫކޮށްފައިވާ ވަގުތީ ހުއްދަ އަދި ރަޖިސްޓްރީގެ ތަފްސީލާއެކު 25 ރުފިޔާގެ ރެވެނިއު ސްޓޭމްޕް އަދި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ދާއިމީ ރަޖިސްޓްރީގެ އަސްލު، މަސްއޫލުވެރިޔާއާ ހަވާލުކުރާނީ މި މަރުހަލާ ފުރިހަމަކުރުމުން ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރަޖިސްޓަރީ ކޮށްފައިވާ ނޫސްމަޖައްލާތަކުގެ ލިސްޓުގައި އެ ނޫސްތައް ހިމެނޭނީ ނަމްބަރު 5 ގައިވާ މަރުހަލާ ފުރިހަމަކުރެއްވުމުންނެވެ.

ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އޮންލައިންކޮށް ވަގުތީ ރަޖިސްޓްރޭޝަނަށް ހުށަހަޅާ އީ-މެއިލްތަކަށް އަދި މިކަމާ ގުޅިގެން ކުރާ ފޯންކޯލްތަކަށް ޖަވާބުދެވޭނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.

ނޫސްމަޖައްލާ އޮންލައިން ނޫސް ރަޖިސްޓްރީކޮށްދިނުމާއި މަސްއޫލުވެރިޔާ ބަދަލުކުރުމާއި އެޑިޓަރުން ބަދަލުކުރުމާއި ނޫހުގެ ނަން ބަދަލުކުރުމާއި ނޫސް އުވާލުމުގެ އިތުރުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.