ހައިކޯޓު

ހަސަން ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ކުށުގައި، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަކީ، އޮންލައިިންކޮށް ޔޫޓިއުބް މެދުވެރިކޮށް ހައި ކޯޓުން ލައިވްކޮށް ކުރިޔަށް ގެންދިޔަ ފުރަތަމަ ޝަރީއަތުގެ މަޖިލީހެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީިން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށް ދައުވާ އުފުލުމުން 2018 ޖުލައި 19 ގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ކުށުގައެވެ.

އެޔަށްފަހު ކްރިމިނަލް ކޯޓުން އޭނާ މިނިވަންކޮށްފައި ވަނީ، 2018 ނޮވެމްބަރު 5 ގައެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ދައުވާ އޭރު އޭނާގެ މައްޗަށް ކުރީ، ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން އުޅުމުން ފުލުހުންނަށް ފިލައިގެން އުޅެފައިވާ ކަމުގެ ތުހުމަތުގައެވެ.

ހައިކޯޓުގައި މިއަދު އޮތް އެ މައްސަަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހުގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ވަނީ، ހަސަން އެގޮތަށް އަމަލުކުރުމުގެ ސަބަބުން ހުރަސްއެޅުނީ ކޮން ގާނޫނަކަށް ކަން ދައުލަަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.

ހަސަން ސައީދުގެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކުރިނަމަވެސް ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތް ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް މީހަކު ހޯދައި ނުފެނުމަކީ މީހާ ކުށްވެރިވާނެ ކަމެއް ނޫން، ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން މީހަކު ހޯދާކަން އެނގިހުރެ ހާޒިރު ނުވީކަމަށް ނިންމާއިރު، އެކަން އަންގާ އިއުލާންކޮށްފައިވާ ކަން އެމީހަކަން އެނގިފައި ވޭތޯ، ގާނޫނީ ގޮތުން ބަލަން ޖެހޭނެ ކަމަށާއި، ހާޒިރު ނުވީ އެކަމަށް ފުރުސަތު އޮވެގެންތޯވެސް ބަލަން ޖެހޭ ކަމަށާއި، އެކަންކަމަށް ބަލާއިރު، ހަސަން ގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ކުށުގެ އުންސުރުތައް ފުރިހަމަ ނުވާކަން ފާހަގަ ކުރެވޭ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.

އެހެންކަމުން ސުޕްރީމްކޯޓުން ހުކުމް ކުރުމުގައި ރިއާޔަތް ކޮށްފައިވާ ހުރިހާ ނުކުތާއަކަށް ހައިކޯޓުން ރިއާޔަތްކޮށް، ހަސަން ސައީދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ސައްހަ ހުކުމެއް ނޫންކަން ކަނޑައަޅައި، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ބާތިލްކޮށް މައްސަލައިގެ ހުކުމް އިއްވިކަމަށް ހައިކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ.