ޚަބަރު

އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް ބުރާންޗްތަކުން ދޭނީ އެޕޮއިންޓްމަންޓަށް: ބީއެމްއެލް

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދިން ލުއިތަކާއެކު ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓް ހައްދާ ކަސްޓަމަރުންނަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ، އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ނިންމާފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީ، ދުވާލަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ވެސް ބޭންކުން ބުނެއެވެ.

ކޮންމެ ދުވަހަކު ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހަމަޖައްސާފައިވަނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށެވެ.

މެއިން ބްރާންޗް، ބީއެމްއެލް އިސްލާމިކް، ހުޅުމާލެ އަދި ވިލިމާލެ ބްރާންޗުން ދޭ ހިދުމަތްތައް:

- ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ނުލިބޭ ކޭޝް ޓްރާންސެކްޝަން
- 25000 ރުފިޔާ އިން މަތީގެ އަދަދުގެ ފައިސާ ނެގުމުގެ ހިދުމަތް
- ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރުމާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ
- ކަސްޓަމަރުން ބްރާންޗަށް ވަޑައިގެން ވެރިފައި ކުރަން ޖެހޭ އެޕްލިކޭޝަންތަކުގެ ހިދުމަތް (ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓް ކުރުން އަދި އިންޓަނެޓް ބޭންކިން އަށް އެދި ހުށަހެޅުން)
- ޗެކް ފޮތަށް އެދި ހުށަހެޅުމާއި ހަވާލުކުރުން
- ރިޓާން ޗެކް ބަލައިގަތުން
- ބޭންކް ގެރެންޓީ

މަތީގައި ދެންނެވިފައިވާ ހިދުމަތްތަކުގެ އިތުރުން:
- ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ ހިދުމަތް ލިބިގެންދާނެެ
- ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ އިތުރުން ޕާސަނަލް އަދި ބިޒްނަސް ފައިނޭންސިން އެޕްލިކޭޝަން ބަލައިގަތުން

ބީއެމްއެލްގެ އެހެން ބްރާންޗްތަކުގެ ތެރެއިން މާލެ ސްކޮޔާގައި ހުންނަ އެކައުންޓް އޯޕެނިން ސެންޓަރުން އެކައުންޓު ހުޅުވުމުގެ ހިދުމަތާއި ލޯނު ސެންޓަރުން ލައިފްސްޓައިލް ލޯނާއި ކިޔަވާ ލޯނާއި ހޯމް ލޯނާއި ހޯމް ކޮންސްޓްރަންކްޝަން ލޯނާ ގުޅުން ހުރި ހިދުމަތްތައް ލިބޭނެއެވެ. އެ ބޭންކުން ދޫކުރާ ލޯނުތަކުގެ ތެރެއިން ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ ލޯން އެޕްލިކޭޝަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.

އޭގެ އިތުރުން ހުޅުމާލެއާއި މާލޭގައި ހުންނަ ބިޒަންސް ސެންޓަރުތަކުން ވިޔަފާރިތަކަށް އެކައުންޓް ހުޅުވުމާއި ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅުމަށް އެޕޮއިންޓްމަންޓު ލިބޭނެއެވެ. އަދި ކަސްޓަމާ ސާވިސް ސެންޓަރުން އެޕޮއިންޓްމަންޓުތަކަށް ކާޑު ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދުން

ބީއެމްއެލުން ބުނީ، އެބޭންކުގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދަން ބްރާންޗް ނުވަތަ ސާވިސް ސެންޓަރު ހިޔާރުކުރެއްވުމަށްފަހު ރިކުއެސްޓް ފޮނުވުމުން، އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސްއަކުން 'ޕާމިޓް' ފޮނުވާނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ބޭންކަށް ވަޑައިގަންނަވަންވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދުން

ބީއެމްއެލް އިން ބުނީ، އެސްއެމްއެސްކޮށް އެޕޮއިންޓްމަންޓަށް އެދުމަށް މެސެޖު ކުރަންޖެހޭނީ 455 އަށް ކަމަށެވެ. އެސްއެމްއެސް ކުރަންޖެހޭނީ ތިރީގައިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.

- ބްރާންޗް ނުވަތަ ސަވިސް ސެންޓަރުގެ ކީވޯޑް
- އައިޑީކާޑު ނަންބަރު / ޕާސްޕޯޓް ނަންބަރު ( ބިދޭސީއެއްނަމަ)
- ނަން
- މިހާރު އުޅޭ އެޑްރެސް

މިސާލު: ކަސްޓަމަރު ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ބަލައިގަތުމަށް
-  CSC
-  AXXXXXX
-  Ali Ahmed
-  H.XXXXXXX

ބުރާންޗް/ސާވިސް ސެންޓަރުތަކަށް ކަނޑައެޅިފައިވާ ކީވޯޑް

ކަސްޓަމަރު ސާވިސް ސެންޓަރު CSC
މެއިން ބްރާންޗް MBR
ހުޅުމާލެ ބްރާންޗް HBR
ވިލިމާލެ ބްރާންޗް VBR
ބީއެމްއެލް އިސްލާމިކް ބްރާންޗް IBR
އެކައުންޓް އޯޕަނިން ސެންޓަރު AOC
ބީއެމްއެލް ލޯން ސެންޓަރު BLC
ހުޅުމާލެ ބިޒްނަސް ސެންޓަރު HBC
މާލެ ބިޒްނަސް ސެންޓަރު MBC