ޚަބަރު

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހެދުން އެއީ އެންމެ ރަނގަޅު ޗޮއިސްއެއް ނޫން: ސައީދު

ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުން އެއީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން ކުރަމުން އަންނައިރު އެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ މަޝްރޫއު ހުއްޓާލަން ތިމާވެށި ހިމާޔަތްކުރާ މީހުންނާއި ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.

ނަމަވެސް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ، މިފަދަ އެހެން ޕްރޮޖެކްޓުތަކަކޭ އެއްގޮތަށް މި ޕްރޮޖެކްޓުގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެ ކަމަށާއި ނަމަވެސް ގުޅިފަޅު ޕޯޓް ޕްރޮޖެކްޓަކީ އިގުތިސާދަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގުޅިފަޅުގައި އެ ޕްރޮޖެކްޓް ހިންގަން ނިންމީ މާލެ ކައިރިން އެފަދަ ބަނދަރަކަށް އެންމެ ރަނގަޅު ތަނަށް އެ ފަޅު ވާތީ ކަމަށެވެ. އަދި ތިލަފުށީގައި އެކަން ނުކުރީ އެއީ ކުރީއްސުރެ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ތަނަކަށް ވާތީ ޕޯޓެއް ހިންގަން ދަތިވާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ސައީދު ވިދާޅުވި ގޮތުގައި މިސަރުކާރުން ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރަން އުޅުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. އަދި އެކަން އިތުރަށް ތަފްސީލު ކޮށްދެވަމުން އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް މެރިޓައިމް ކޮމާސްގެ ފައިދާ އެންމެ ފުޅާމިނުގައި ނެގުމަށް ކަމަށެވެ.

"ގުޅިފަޅު ކޮމާޝަލް ޕޯޓް ހެދުން އެއީ އެންމެ ރަނގަޅު ޗޮއިސް ނޫންކަން މެޕް ބަލާލީމަ އެނގި ހާމަވާނެ. މުސްތަގުބަލުގައި ތަރައްގީ ވާންވާނީ އިންޑަސްޓްރިއަލް، ކޮމާޝަލް އަދި ރެސިޑެންޝިއަލް ޒޯން ކުރެވި ޖާގަ އޮތް ތަރައްގީއަކަށް،" ރައީސް ޔާމީންގެ ސަރުކާރުން ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމި ސަރަހައްދު ކުރަހާފައި އިން މެޕަކާއެކު ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ، މި ސަރުކާރުން ތިލަފުށީގައި އަޅަން އޮތް ޕޯޓް، ގުޅިފަޅަށް ބަދަލުކުރަން ނިންމުމުގައި އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ހަދަން ބަޔަކަށް ދީފައިވޭތޯ އަދި އެ ނިންމުމާ ގުޅުމެއް ވޭތޯ ޔަގީން ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.