ޚަބަރު

ސަރުކާރު ހަރަދުގައި ރަށަށް ގެންގޮސްދެނީ، ރަށުގައި 24 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭ

އަލީ ޔާމިން

މާލެއިން ރަށްރަށަށް ދާ މީހުން 24 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޮވިޑު 19 ފެތުރޭތީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުން އެނބުރި ރަށްރަށަށް ގޮސް ގޭގައި ކަރަންޓީން ކުރުމުގައި އަމަލުކުރަން ޖެހޭނެ ކަންކަން ހިމަނައި އެޗްޕީއޭއިން މިއަދު އާންމުކުރި އުސޫލުގައި ބުނީ، މާލެއިން އަތޮޅުތެރެއަށް ދެވޭނީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށް ކަމަށާއި އެމީހުން ރަށަށް ގެންގޮސްދޭނީ ސަރުކާރުގެ ހަރަދުގައި ކަމަށެވެ.

ރަށްރަށަށް ދާ މީހުން ކަރަންޓީން ކުރުމަށް ކުރިން 14 ދުވަސް ހަމަޖައްސާފައި އޮތް ނަމަވެސް އެކަމަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ރަށުގައި 24 ދުވަހަށް އެފަދަ ފަރާތްތަކުން ކަރަންޓީންވާން ޖެހޭނެއެވެ. އަދި 24 ދުވަސް ހަމަވުމުން ކޮވިޑުގެ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުން އެފަދަ މީހެއް ކަރަންޓީން ކުރާ ގޭގައި ހައިރިސްކް ކެޓަގަރީއަށް ފެތޭ އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. އޭގެ ތެރޭގައި މާބަނޑު މީހުންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްކާ މީހުން ހިމެނެއެވެ.

ކަރަންޓީން ކުރެވޭ މީހާ ހުންނަން ޖެހޭނީ ވަކިން ކޮޓަރިއެއްގައި ކަމަށާއި އެކަކަށް ވުރެ ގިނަ މީހުން އެއް ކޮޓަރީގައި ކަރަންޓީން ކުރާނަމަ ދެ އެނދުގެ ދޭތެރޭގައި މަދުވެގެން ތިން ފޫޓު ހުންނަން ވާނެކަމަށްވެސް އުސޫލުގައިވެއެވެ.

މީގެ އިތުރުން ކަރަންޓީން ކުރާ މީހާ ކަރަންޓީން ކުރާ ދުވަހުން ފެށިގެން އެމީހަކު ކަރަންޓީންކޮށްފައިވާ މުއްދަތު ހަމަނުވަނީސް ބޭރުން އެއްވެސް މީހަކަށް އެގެއަށް ނުވަދެވޭނެ ކަމަށާއި ކަރަންޓީން ކޮށްފައިވާ މީހާ ހުންނަ ގޭގެ މީހުންވެސް އެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެގެން ނުވާނެކަމަށް އުސޫލުގައިވެއެވެ. އެ މުއްދަތުގައި އެގެއަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމަށް އާއިލާގެ މެންބަރަކު ނުވަތަ ރަހުމަތްތެރިއަކު ކަނޑައެޅިދާނެ ކަމަށާއި އެފަދަ އެހީތެރިކަމެއް ލިބެން ނެތްނަމަ ރަށުގެ ސޯސަލް ސަޕޯޓް ޑެސްކްގެ އެހީތެރިކަން ހޯދިދާނެ ކަމަށް ބުނެފައިވެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން"އަށް ވިދާޅުވީ، ރަށްރަށުގައި މީހުން ކަރަންޓީން ކުރުމުގެ އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރާނެ ކަމަށެވެ.