ޚަބަރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުރު އާ ސަބްމެރިން ކޭބަލެއް އެޅުން އަވަސްކުރާނަން: މިނިސްޓަރު މަލީހު

އައިދާ އަބްދުލް ހަކީމް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުރު އާ ސަބްމެރިން ކޭބަލެއް އެޅުން އަވަސްކުރައްވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މިިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އަޅާފައިވާ ކޭބަލްގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް އާ ކޭބަލެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކަނޑުގެ އަޑީގެ އެންމެ ޒަމާނީ ކޭބަލް އެޅުމުން އެކަމުގެ މަންފާ ދިވެހިރާއްޖެއަށް ކުރާނެ ކަމަށް ވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

"އެންމެ ޒަމާނީ ކަނޑުގެ އަޑީގެ ކޭބަލް އެޅުމުން އެކަމުގެ މަންފާ ދިވެހިރާއްޖެއަށް ކުރާނެ. އިންޑައާ އާއި ރާއްޖެއާ ދެމެދު އަޅާފައިވާ ކޭބަލް ވަނީ އައުޓްޑޭޓްވެފައި. އިތުރު އާ ސަބްމެރިން ކޭބަލެއް އިންޑިއާ އާއި ރާއްޖެއާ ދެމެދު އެޅުން އަވަސްކުރާނަން،" މަލީހު ވިދާޅުވިއެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެސް ސަބްމެރިން ކޭބަލެއް އެޅުމަށް ވަނީ ނިންމައިފައެވެ. އެ މަސައްކަތް މިއަހަރުގެ ފަހުކޮޅު އަޅައި ނިމޭނެ ކަމަށް ވާވޭ ކުންފުނިން ބުނެފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި ސަބްމެރިން ކޭބަލްގެ މަސައްކަތުގެ ދަށުން "ވާވޭ މެރައިން" އިން ވަނީ މި ކޭބަލް އެޅުމަށް ކުރަން ޖެހޭ ކަނޑުގެ ދިރާސާތައް ކޮށް ނިންމާލައިފައެވެ.