އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމްގެ މަގާމު ދަށް ކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ޖެހިދާނެ ކަމަށް ބުނެ އޭނާއަށް ދީފައިވާ އިންޒާރަކީ، ޕޯޓް ޕްރޮޖެކްޓުގެ ދަށުން، ގުޅިފަޅު ހިއްކުމަށް ހިންގާ ޕްރޮޖެކްޓާ ގުޅުން ހުރި ކަމެއްނޫން ކަމަށާއި، އެއީ ސިވިލްސާވިސްގެ ގާނޫނުގެ ދަށުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ދެއްވި އިންޒާރެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ގުޅިފަޅުގެ މަޝްރޫއަކީ ތިމާވެއްޓާ ގުޅުންހުރި ބޮޑު މަޝްރޫއަކަށް ވާއިރު، އެ މަޝްރޫއު ބަލަހައްޓަމުން ގެންދާ މުއައްސަސާގެ އެންމެ އިސްވެރިޔާއަށް ކުއްލިއަކަށް ދީފައިވާ ވަޒީފާގެ އިންޒާރަކީ އެ މަޝްރޫއަށް މިނިސްޓަރީން ނުފޫޒު ފޯރުވުމަށް ދީފައިވާ އިންޒާރެއް ކަމަށް އާއްމުން ދެކޭނެކަމަށް ބަލައި، އެކަން ކޮމިޓީންވެސް ފާހަގަ ކުރަނީ އެގޮތަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ކުރެއްްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އީޕީއޭއަކީ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާތަނެއް ކަމަށާއި، އެ މުއައްސަސާ ހިންގަނީ އިޖުރާއަތްތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަކީ، މިނިސްޓަރުގެ މަސްއޫލިއްްޔަތެއް ކަމަށެވެ. އަދި އީޕީއޭއިން ނިންމާ ނިންމުމަކާ ބެހޭގޮތުން މައްސަލައެއް އައިސްފިނަމަ އެ ކަމެއް ޕަބްލިކުގައި އިސްތިއުނާފު ކުރުމަކީވެސް މިިނިސްޓަރަށް އޮންނަ ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ގުޅިފަޅު މަޝްރޫއާ ބެހޭގޮތުންވެސް އެފަދަ އެއްވެސްކަމެއް ނޮފިކޭޝަން އައުމުގެކުރިން އައިސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެހެންކަމުން އެތަނަކީ މިނިވަންކޮށް ހިިންގާ ތަނެއް ކަމަށާއި، އެެއްވެސް ޕްރޮޖެކްޓަކާބެހޭ އެއްވެސް ކަމެއް އެއްވެސްގޮތަކަށް ހިންގަން އަންގައި މިހާތަނަށް އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
ނަަމަވެސް ބައެއް ކަންކަމާ ބެހޭގޮތުން ޖެނެރަލް އިންސްޓްރަކްޝަން ދީފައިވާނެކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބައެއް މައްސަލަތަކުގައި ޖޫރިމަނާ ކުރާއިރު މީހުންނަށް ކަތާވަރަށް އެކަންތައް ކުރުމަށާއި، ހިނގާނެ ގޮތަކަށް އެފަދަ ކަންތައްތައް ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ނައީމަށް ދިން އިންޒާރަކީ ސިޔާސީގޮތުން، ނުވަތަ އެ މަޝްރޫއާ ބެހޭގޮތުން ދިން އިންޒާރެއްނޫން ކަމަށާއި، އެއީ މިނިސްޓަރާ މަޝްވަރާ ކުރުމަށްފަހު ދިން އިންޒާރެއްވެސް ނޫން ކަމަށެވެ. އެކަމަކީ، އީޕީއޭއަށް އިރުޝާދު ދެއްވަން ކަނޑައަޅުއްވާފައި ހުންނަވާ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދަކަށް ނައީމު ދެކޮޅު ހެއްދެވުމުން ޕާމަނަންޓް ސެކްރެޓަރީއަށް ފެނިވަޑައިގެން ދެއްވި އިންޒާރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެދުވަހު ޑރ. ނަސީރު އެންގެވީ، ގުޅިފަޅު ޕްރޮޖެކްޓަކީ ރައްޔިތުންގެ އިންޓްރެސްޓް ހުރި ޕްރޮޖެކްޓެއް ވީމާ، މިކަމާބެހޭ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދޭން އަދި އެކަންތައް އަޅުގަނޑުމެން މޮނިޓާކޮށް ބަލަހައްޓާނެ ގޮތާބެހޭގޮތުން އެމައުލޫމާތު އާއްމުކޮށްދޭން، އެދުވަހު އީޕީއޭއިން ޑިރެކްޓާ ޖެނެރަލް ވިދާޅުވި ތިމަންނައެއް އެމަސައްކަތްތަކެއް ނުކުރައްވާނަމޭ، މިނިސްޓްރީން އެކަން ކުރާށޭ، އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި ޑިރެކްޓާ ޖެނެރަލްއަށް އިރުޝާދު ދިނުމަކީ، އަޅުގަނޑުމެނަށް ކުރެވިދާނެ ކަމެއް، ގާނޫނާއި ގަވާއިދުގެ ތެރޭގައި، އިންސްޓްރަކްޝަން ދިނީމަ، ތިމަންނަ ތިކަމެއް ނުކުރާނަމޭ މިނިސްޓްރީން ތިކަން ކުރާށޭ ބުނުމަކީ، ޑިރެކްޓާ ޖެނެރަލްއަށް ކުރެއްވޭނެ ކަމެއް ނޫން، ދެން އެ ބައްދަލުވުމުގެ ޗެޓް ގްރޫޕުގައި ޑިރެކްޓާ ޖެނެރަލްގެ އިމީޑިއެޓް ސުޕަވައިޒަރު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިންނެވި އެހެންވީމާ ޕާމަނަންޓް ސެކްރެޓަރީގެ ނިންމުމެއް އެއީ އޭނާ އަމިއްލަ އިހްތިޔާރުގައި ނިންމި ނިންނުމެއް އެއީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން މީޑިއާތަކާއި، އާއްމުންގެ ތެރޭގައި އެކި ވާހަކަތައް ދެކެވިފައިވާކަން ފާހަގަކުރައްވައި، މިކަމާބެހޭ އެއްވެސް ވާހަކައެއް ވިދާޅު ނުވި ނަމަވެސް މަޖިލީހުގެ ކޮމިޓީއަކުން ސުވާލެއް ކުރުމުން ޖަވާބު ދޭންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އެ އިންޒާރާ ބެހޭގޮތުން ޕާމަނަންޓް ސެކްރެޓަރީ މަޝްވަރާ ކޮށްފައިނުވާ ކަމަށާއި، މަޝްވަރާ ކުރަންވެސް ނުޖެހޭނެ ކަމަށެވެ.
"އެއީކީ ސިޔާސީ ގޮތުން އެއްވެސް އިންސްޓްރެކްޝަނެއް އަޅުގަނޑުމެން ދީގެން ޕާމަނަންޓް ސެކްރެޓަރީ ކުރެއްވި ކަމެއް ނޫން، އަދި އަޅުގަނޑުމެންގެ ލަފާ ހޯދައިގެންވެސް ކުރެއްވި ކަމެއްނޫން، ސިވިލްސާވިސްއަކީ ވަކި ގާނޫނުތަކެއް ހިނގާ ތަންތަން ކަމަށްވީމާ އޭގެދަށުން ކުރައްވަން ޖެހޭ ކަމެއް ކުރައްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މައްްސަލައިގައި، އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން ދިއުމާ ގުޅިގެން އެކަމުގައި އީޕީއޭ އިން އަމަލުކުރަންވީ ގޮތުގެ ލަފަޔާއި އިރުޝާދު ދިނުމަށް އުފެއްދި ވަޓްސްއަޕް ގުރޫޕުގައި ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ނައީމު ވިދާޅުވެފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ވަޓްސްއަޕް ގުރޫޕުގައި ނައީމު އެހެން ވިދާޅުވިއިރު އެ ގުރޫޕުގައި ޑރ. ނަސީރުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އީޕީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދާއި އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހެއިރު ވެސް ތިއްބެވި ކަމަށް ލިޔުމުގައި ބުނެފައި ވެއެވެ.
އެ ލިޔުމުގައި ބުނެފައިވާ ގޮތުން ޑރ. ނަސީރަކީ އީޕީއޭގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި އީޕީއޭގެ ވެރިންނަށް އިރުޝާދާއި ލަފާދިނުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާ ސިޔާސީ އެންމެ އިސް މުވައްޒަފެވެ.
އެހެންކަމުން ވަކި ކަމެއް ވަކި ގޮތަށް ކުރުމަށް އޭނާ ލަފާ އެރުވުމުން އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމަކަށް ނުވާނަމަ، އެކަން އެގޮތަށް ކުރުމަށް އިންކާރު ކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ކަމަށް ނުދެކޭ ކަމަށާއި އަދި އެއީ އީޕީއޭ ފަދަ ސަރުކާރުގެ މުހިންމު ރެގިއުލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިޔަކަށް ހުރި ފަރާތެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ލިޔުމުގައި އިތުރަށް ބުނެފައިވަނީ، ނައީމުގެ އެ އަމަލަކީ ސިވިލް ސާވިސް ގަވާއިދުގެ 2014ގެ އިސްލާހީ ފިޔަވަޅު އެޅުމާބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދަރަޖަ ދެޔަކަށް ފެތޭ ކުށެއް ކަމަށެވެ.
އެހެންކަމުން، ނައީމްއާ ހާވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރުމަށާއި، ވެރިންނަށް އިހުތިރާމު ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮހިތުން ބަލައިގަތުމަށް ވަނީ އަންގައިފައެވެ. އަދި މީގެފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާޔަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާކަން އަންގައި އިންޒާރު ދީފައިވެއެވެ.