ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ ފަދަ ހާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެ ގޮތް ބަޔާން ކުރާނެ ގޮތް ކަނޑައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސް ކޮށްފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއްގެ ގޮތަށް މި ބިލު ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މި ބިލުގައި ހާއްސަ ހާލަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރު މިއޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާން ކުރެވޭ ހާލަތުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ.
އޯޑިއޯ އާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރާ ޝަރީއަތް ތަކަކީ، ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހިންގޭ ޝަރީއަތްތަކެއް ކަމަށް ބެލެވޭނެ ކަމަށް މި ބިލުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ސިކުނޑީގެ ބައްޔެއް ނުވަތަ ނަފުސާނީ މައްސަލަ ދިމާވެފައިވާ ފަރާތްތަކާއި، ކުށަށް އިއުތިރާފު ވެފައިވާ ފަރާތްތަކުގެ ޝަރީއަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރިޒަމް މަނާކުރުމުގެ ގާނޫނުގެ އިތުރުން ގާނޫނުލް އުގޫބާތުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ކުރަން ކަނޑަަޅާފައިވާ ކަންކަން ކުރުމުގައި މުއްދަތު ގުނާނެ އުސޫލުތައް ވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.
އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ދަައުވާ އުފުލުމަށާއި ޝަރީއަތްތައް ނިންމުން ފަދަ މުއްދަތުވެސް ބިލުން ވަނީ ކަނޑައަޅައިފައެވެ.