އެއް ގަރާޖަކަށް 200 އެއްހާ އުޅަނދު މީގެ ކުރީން، އޮޅުވާލައިގެން ރަޖިސްޓްރީ ކުރުމުގެ ކަންތައް ހިނގައި ދިއުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭން ބައެއް ބޭފުޅުންނާ ގުޅިގެން ހިނގާފައިވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، ނަމަވެސް މިހާރު އެގޮތަށް އެކަންތައް ނުހިނގާނެ ކަަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުުލާ ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެއް ގަރާޖަކަށް 200 އަދި 300 އެއްހާ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ކަންތައް މީގެ ކުރިން ކުރިޔަށް ގޮސްފައިވާ ކަމަށެވެ.
"ނަހަމަ އިން ނޫނީ ނާޖާއިޒް ފައިދާ ލިބޭ ގޮތެއްގައި ކަންތައްތަކެއް ހިންގާފައި އޮތިއްޔާ އޭގެ މާނައަކީ ބަޔަކު އެއްބައިވެގެންނޭ އެކަމެއް ހިންގޭނީ އެއީ ތިން ތަނެއް ގުޅޭ ކަމެއް ކަމަށް ވަންޏާ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި ދެން އެކަމަށް އިހުމާލުވާ ފަރާތާ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭރު އެކަންތައް ކުރަނީ މިިނިސްޓްރީގެ ފަރާތުން މުވައްޒަފަކު އެތަނަށް ގޮސް ބަލައިގެން ނޫން ކަމަށެވެ. ނަމަވެސް އެފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް މިހާރު ހަރުދަނާކޮށްފައިވާ ކަމަަށާއި، އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަންކަން ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.
އެމައްސަލައާބެހޭ އިތުރު ތަފްސީލު ދެއްވަމުން ޑެޕިއުޓީ މިިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ، މާލޭ ސަރަހައްދުން ގަރާޖު ހުއްދަ ދެނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. އެ ހުއްދައަކީ އިމާރާތުގެ ވެރިފަރާތަށް ދޭ ހުއްދައެއް ކަމަށާއި، 70،000 ރުފިޔާ އާއި 80،000 ރުފިޔާއަށް ގަރާޖު ހުއްދަދޭ ވާހަކަ ދައްކަނީ އެއީ ގަރާޖުގެ ވެރި ފަރާތުން އެ ގަރާޖު އެކި ފަރާތްތަކަށް ކުއްޔަށްދޭ ވާހަކަ ކަމަށެވެ. އެފަދަ ކަންކަން މިހާރު މިނިސްޓްރީންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ވިދާޅުވިއެވެ.
މާލޭ ސިޓީކައުންސިލުން ގަރާޖު ހުއްދަ ދިން ނަމަވެސް، އެ ތަނަކަށް މިނިސްޓްރީގެ މުވައްޒަފަކު ގޮސް އެތަނުގެ ސައިޒާއި އެދެނީ ރަނގަޅު ހުއްދައެއްތޯ ބަލަމުން އަންނަ ކަމަށްވެސް ޝިމާޒު ވިދާޅުވިއެވެ.
ޝިމާޒު ވިދާޅުވީ، މާލޭގެ ރަނގަޅު ސަރަހައްދެއް ޕާކިންއަށް އެލޮކޭޓް ކުރެވިގެން ދިއުމުން މުސްތަގުބަލްގައި ޕާކިންއަށް ރަނގަޅު ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.