ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަމާޒުކޮށް އެއްޗެއް ބުނާއިރު ހަ ފަހަރު ވިސްނާލަން ޖެހޭނެ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ، އަދާލަތު ޕާޓީއަށް އަމާޒުކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ފާޑުވިދާޅުވުމާ ގުޅިގެން އެކަމަށް އަދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވާ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްދުދެއްވުމުންނެވެ.
ހަސަން ލަތީފް އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތައް އިންސާފުވެރިކަމާއެކީ ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އިމްރާން އަބްދުﷲ ޕީއެމްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވުމާގުޅިގެންނެވެ.
އެގޮތުން ހަސަން ލަތފް ވަނީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އިމްރާން ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށާއި، އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރުގެ ހުރެގެން ނުވާނެ ކަމަށެވެ.
އެކަމަށް ރައްދުދެއްވަމުން ޝިދާތާ މިރޭ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތަސް އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަސް ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށާއި މިއަދު މާ ބޮޑު ބިޔަ ޕާޓީތަކަކުން އެކަން ހަނދާން ނެތިގެން އުޅޭ ކަމަށެވެ. އަދި މަޖިލީހުގައި ހިނގައިދިޔަ ކަންކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާގެ އެ ވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ޝިފާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން އެމްޑީޕީން ކުރި ބުރަ މަސައްކަތުން އެންމެ ބޭފުޅުންނަށް އެނގެންވީ ހަގީގަތަކީ އެމްޑީޕީއަށް އެއްޗެއް ބުނާއިރު ހަ ފަހަރު ވިސްނާލަންވާނެކަން ކަމަށެވެ.
"ގައުމަށްޓަކައި އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް އެއްވެސް ބޭފުޅަކަށް އޮޅިގެން ނުވާނެ." ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް، ޝިދާތާއަށް ރައްދު ދެއްވިއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޝިދާތާއަށް އަމާޒުކޮށް މިރޭ ޓުވީޓެއް ކުރައްވައިފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ، އަދާލަތު ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމު މަދު ނުވާނެ ކަމަށެވެ. އަދި އަދާލާތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީގެ ޗެއާޕަސަން ކަންކަމާ އެއްޗެއް ވިދާޅުވުމުން އެ ދެއްކެވި ވާހަކައެއް އަޑުއައްސަވާލެއްވުން މުހިއްމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.