ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު ގެންގުޅެގެން ނުވާނެ: ހަސަން ލަތީފް

މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ހުރެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފު މިހެން ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމަށް މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު، ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި، އިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރާއި، އެމްޑީޕީގެ މެންބަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ލަތީފްގެ ޓްވީޓްގައި ވިދާޅުވީ، "ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅަައި މަޖިލީހުގެ އިންތިޒާމް ތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝައިހު އިމްރާން ގެ ހުރެގެން ނުވާނެ،" ކަމަށެވެ.

މަޖިލީހުގައި ހިނގައި ދިޔަ ކަންތަކާ ގުޅިގެން ޝިޔާމަށް އަނިޔާވެފައިވާ ކަމަށްބުނެ އެ މައްސަލަ ވަނީ ފުލުހުުންނަށް ހުށަޅައިފައެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލިސް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުން ފުލުހުންނާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން އެ މައްސަލަ އިންސާފުވެރިކަމާ އެކު ބަލައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި އެއީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރާ ކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ އިންތިޒާމު މަޖިލިސް ތެރޭގައި ހަމަޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ހިނގައިދިޔަ ހާދިސާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ، މަޖިލިސް ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެ މައްސަލަ މަޖިލީހުން ބޭރަށް ނެރެގެން ނުވާނެ ކަމަށާއި، މަޖިލީހުގައި އެކަމަށް އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

މަޖިލިސްގެ މެންބަރުންގެ ކަންތައްތައް ބެލުމަށް ޓަކައި އިމްތިޔާޒުގެ ކޮމިޓީގެ ނަމުގައި މަޖިލީހުގައި ކޮމިޓީއެއް އޮވެއެވެ.