މާލެ ސަރަހައްދުގެ މަސްވެރިންގެ ނަން ނޯޓުކޮށް މައުލޫމާތު އެއްކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ މިހާރު އަންނަ އެންމެބޮޑު މައްސަލަޔަކީ ފަރުމައްޗަށް ދާން ބޭނުން މަސްވެރިންނަށާއި ކުދި ދޯނިފަހަރުގެ މަސްވެރިންނަށް ފުރޭނެ ގޮތެއް ނެތުމުގެ ޝަކުވާ ކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ލޮކްޑައުން އަށް ލުއިދޭ ފުރަތަމަ މަރުހަލާގައި މިފަދަ މަސްވެރިކަމަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި ފޭސްތަކަކަށް ބަހާލައިގެން ލުއިދެމުން ގެންދާނެ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފައެވެ.
ކޮވިޑް 19ގެ މިދަނޑިވަޅުގައި މާލެ ސަރަހައްދުގައި ދުވަހު އާމްދަނީއަށް މަސައްކަތް ކުރަމުން އަންނަ މަސްވެރިންނަށް މަހަށް ދެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފައެވެ.