ދުނިޔެ

އާކްޓިކް ސަރަހައްދަށް 20،000 ޓަނުގެ ޑީސަލް ލީކުވުމުން ރަޝިޔާއިން އިމަޖެންސީ އިއުލާންކޮށްފި

މުހައްމަދު އައުޒަމް

އާކްޓިކް ސަރަހައްދަށް 20،000 ޓަނުގެ ޑީސަލް ލީކުވުމުން ރަޝިޔާ އިން އިމަޖެންސީ އިއުލާންކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ކަރަންޓު އުފައްދާ ޕްލާންޓެއްގެ ކައިރީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގެ ޓޭންކަކުން ތެޔޮ ލީކުވެގެން ކަމަށާއި ހާދިސާ ހިނގަން ދިމާވި ސީދާ ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ރަޝިޔާގެ ތަހުގީގީ ކޮމޮޓީއަކުން ވަނީ މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފައެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުން ކަމާބެހޭ ފަރާތްތަކަށް ބޯޓުން ތެޔޮ ލީކުވާކަން އަންގާފައިވަނީ ދެދުވަސް ފަހުންނެވެ. އަދި ގިނަ ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ރަޝިޔާގެ ރައީސް ޕޫޓިން ވެސް ވަނީ މިކަން އެންގުމުގައި ލަސްތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. މިހާދިސާގެ މައުލޫމާތު ރަޝިޔާގެ ސަރުކާރަށް ލިބިފައިވަނީ ސޯޝަލް މީޑިއާއަށް ލާފައިވާ ޕޯސްޓަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓުން ލީކުވާން ފެށި ތެޔޮ 12 ކިލޯ މީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާކަމަށް ރަޝިޔާގެ އޮފިޝަލުން ވަނީ ބުނެފައެވެ. ރަޝިޔާއިން ވަނީ އިމަޖެންސީ އިއުލާންކޮށް ތެޔޮ ސާފުކުރާ ޓީމުތައް އެސަރަހައްދަށް ފޮނުވައިފައެވެ.

ތިމާވެށީގެ މާހިރުން ވަނީ މިހާދިސާއަކީ އާކްޓިކް ސަރަހައްދުގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.