ޚަބަރު

މެލޭޝިއާގެ ލިންބަގް ހޯލްޑިންގެ ފައުންޑަރު ރާއްޖެއަށް 1000 ޕީޕީއީ ހަދިޔާކޮށްފި

މަރިޔަމް ޝަހުދާ

މެލޭޝިއާގެ ލިންބަގް ހޯލްޑިންގެ ފައުންޑަރު ޑަޓުކް ވިރާ ލިންގް ކާ ޗޮކް، ރާއްޖޭގެ ސަރުކާރަށް 1000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓު (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލިންބަގް ހޯލްޑިންގެ ފައުންޑަރު ހަދިޔާކުރެއްވި 1000 ޕީޕީއީ ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.

ލިންބަގް ހޯލްޑިންގެ ފައުންޑަރަކީ ކާނަލް ނާޒިމްގެ ގާތް ރަހުމަތްތެރިއެކެވެ. ރާއްޖެއަށް ހަދިޔާކުރި ޕީޕީއީތަކަކީ ކޮވިޑް 19ގެ މި ދަނޑިވަޅުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް މުހިއްމު އެއްޗެއް ކަމެއް ކަމަށް ކާނަލް ނާޒިމްގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.

ލިންބަގް ހޯލްޑިންގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަބަދުވެސް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ވިޔަފާރިވެރިން ގެންގުޅޭ ފިލޯސަފީއެއް ކަމަށް ފައުންޑަރު ޑަޓުކް ވިރާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކޮށްފައިވާ އަސަރު ކުޑަކޮށް، މި އިގުތިސާދީ އަޑިގަނޑުން އަރައިގަތުމަށް ރާއްޖޭގެ ސަރުކާރުން އެކި މަސައްކަތް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޑަޓުކް ވިރާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ސަރުކާރާއެކު އެކި އިގުތިސާދީ މަސައްކަތްކުރާނެ ކަމަށާއި މިފަދަ "ވެންޗާ" ތަކުން ރާއްޖެއަށް ފައިދާކުރާނެ ކަމަށް ޑަޓުކް ވިރާ ވިދާޅުވިއެވެ.

މި 1000 ޕީޕީއީގެ އިތުރުން މިދިޔަ މަހު ލިންބަގް ހޯލްޑިންގެ ފައުންޑަރު ޑަޓުކް ވިރާ ވަނީ ރާއްޖެއަށް 60،000 މާސްކް ވެސް ހަދިޔާކޮށްފައެވެ.