މުޅި ދުނިޔެއަށް މިވަނީ ސިއްހީ މަލިމަޑުކަމެއް ކުރިމަތިވެފައެވެ. ކާމިޔާބު ފަރުވާއެއް ހޯދިފައި ނުވާ، އަދި އަލާމާތެއް ނުފެނިވެސް އެބަލީގެ ޝިކާރައަކަށްވާ ކޮވިޑް 19 ޖެހިގެން އެތައް ހާސް ބަޔަކު މިވަނީ މަރުވެފައެވެ. އެބަލީގެ ޝިކާރައަކަށް ހަ މިލިއަނަށް ވުރެ ގިނަ މީހުން ވެފައިވާއިރު ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދޭން ޖެހެނީ ވެންޓިލޭޓަރުގައެވެ. އެހެންކަމުން މުޅި ދުނިޔޭގައިވެސް ވެންޓިލޭޓަރަށް އޮތް ޑިމާންޑް ބޮޑުވެ، ވެންޓިލޭޓަރު މިވަނީ ތަދު އެއްޗަކަށް ވެފައެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ އަދި ވަސީލަތްތައް މަދު ގައުމަކަށް ވެންޓިލޭޓަރު ހޯދުން މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
ވެންޓިލޭޓަރު ހޯދުމަށް ސަރުކާރުން ފޫގަޅައި މަސައްކަތް ކުރާއިރު، ސަރުކާރުން ގެންނަން މަސައްކަތް ކުރާ ހުރިހާ ވެންޓިލޭޓަރު އަދިވެސް ރާއްޖެ އައިސްފައެއް ނުވެއެވެ. ރާއްޖޭގައި މިވަގުތު ހުރީ 130 އެއްހާ ވެންޓިލޭޓަރެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މުޖުތަމައުގެ ގިނަ ބަޔަކަށް ބަލި ޖެހިއްޖެނަމަ މި އަދަދީ ވަރަށް މަދު އަދަދެކެވެ.
ރާއްޖޭގައި ވަސީލަތްތައް މަދު ނަމަވެސް މިހާލަތުގައިވެސް ދިވެހިންގެ ތެރޭގައި އުފެއްދުންތެރި ޒުވާނުން ތިބިކަން ހާމަވެގެންމިދަނީ ދުނިޔޭގައިވެސް މިވަގުތު އެންމެ ޑިމާންޑް ބޮޑު ސިއްހީ އާލާތް ކަމުގައިވާ "ވެންޓިލޭޓަރު" އަޅުގަނޑުމެންގެ ބައެއް ޒުވާނުންވެސް އުފައްދައިފައިވާތީއެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ދިވެހި ސިފައިން ވަނީ ވެންޓިލޭޓަރެއް އުފައްދައިފައެވެ. އަދި އޭގެ ފަހުން އައްޑޫ ސިޓީ ހުޅުމީދޫއަށް ނިސްބަތްވާ ޒުވާނަކުވެސް ވަނީ ވެންޓިލޭޓަރެއް އުފައްދައިފައެވެ. މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ ށ. ގޮައިދޫއަށް ނިސްބަތްވާ އުމުރުން އެންމެ 19 އަހަރުގެ އަހްމަދު އަޝްހަމް އެންމެ ހަތް ދުވަހުގެ ތެރޭގައި ވެންޓިލޭޓެއް އުފެއްދި ވާހަކައެވެ.
މިދިޔަ އަހަރު ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިން ގްރޭޑް 12 ނިންމުމަށް ފަހު މިވަގުތު ރަށުގައި ހުރި އަޝްހަމް "ވަން" އަށް މައުލޫމާތު ދެމުން ބުނީ، ވެންޓިލޭޓަރެއް އުފެއްދުމުގެ ހިތްވަރު ފުރަތަމަ ލިބުނީ ދިވެހި ސިފައިން ވެންޓިލޭޓަރެއް އީޖާދުކުރި ހިސާބުން ކަމަށެވެ.
އެންމެ ކުޑައިރުއްސުރެ އާ އީޖާދުތައް ކުރުމަށް ޝައުގުވެރިކަން ހުންނަ އަޝްހަމް އެ ދުވަހުން ފެށިގެން މަސައްކަތް ކުރީ، ވެންޓިލޭޓަރެއް އީޖާދު ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން ހުސްވި މޭމަހުގެ 17 ވަނަ ދުވަހު ވެންޓިލޭޓަރު އުފެއްދުމުގެ އަމަލީ މަސައްކަތް އަޝްހަމް ފެށިއެވެ. އަދި 7 ދުވަސްތެރޭގައި ވެންޓިލޭޓަރު އެއްކޮށް ނިންމާލެވުނު ކަމަށް އަޝްހަމް ބުންޏެވެ.
"އަޅުގަނޑު މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހު. ހަފްތާއެއްގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވުނު. ދެން އެކަމު އިތުރު ބައެއް އަޕްފްރޭޑްތައް ކުރުމަށް ހަތަރު ދުވަސް ނެގި. ޓެސްޓުކުރަން ސިއްހީ މަރުކަޒަށް ގެންދިޔައީ އަދި ތިން ވަރަކަށް ދުވަހުގެ ރެސްޓެއްވެސް ނެގުމަށް ފަހު" އަޝްހަމްގެ އުފެއްދުމާ ގުޅޭ ގޮތުން "ވަން"އަށް މައުލޫމާތު ދެމުން ބުންޏެވެ.
ވެންޓިލޭޓަރު އުފެއްދުމަށް ބޭނުންވާ ގިނަ ތަކެތި އަޝްހަމް ހޯދީ އެރަށުގެ ކުނިގޮނޑު އަތްފުނާ އަޅައިގެންނެވެ. އެގޮތުން ވެންޓިލޭޓަރުގައި ބޭނުންކޮށްފައިވާ ސްވިޗެއް ފިޔަވައި އެހެން ހުރިހާ އެއްޗެއް އަޝްހަމް ހޯދީ ކުނިގޮނޑުންނެވެ.
އަޝްހަމް ބުނީ ވެންޓިލޭޓަރަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ދަތިތަކެއް ކުރިމަތިވި ކަމަށާއި، އެގޮތުން ގިއާ މޯޓަރު ނުލިބުމުން އެކަންކުރީ އަވަނެއްގެ ޓާން ޓޭބަލްގެ މޯޓަރު ޑީސީއަށް ބަދަލުކުރަން މޮޑިފައި ކޮށްގެން ކަމަށެވެ. އަދި ބައެއް މައުލޫމާތު ޔޫޓިބުން ހޯދި ކަމަށާއި ނަމަވެސް ސާކެޓްތައް ހަދަން ޔޫޓިއުބުންވެސް މައުލޫމާތު ނުލިބުމުން ސާކެޓް ހެދީ އަމިއްލަޔަށް ކަމަށް އަޝްހަމް ބުންޏެވެ. ސާކެޓުތައް ހެދުމަށް ގިނަ ވަގުތު ހޭދަވިނަމަވެސް ވެންޓިލޭޓަރު ހަދާފައިވާނީ ތަފާތު ފީޗާސްތައް ހިމަނައިގެން ކަމަށް އޭނާ ބުންޏެވެ.
"ފީޗާސްތަކުގެ ތެރޭގައި ހިމެނޭނެ، އޭތި ބޭނުންކޮށްކޮށް ހުއްޓާ ކަރަންޓް ގޮސްފިނަމަ ޕަވާ ފެއިލިޔާ އެލާމެއް އަޅާނެ ރަތްކުލައިން ދިއްލޭ ގޮތަށް. ދެން އިންނާނީ އެތެރެބައިވެސް ފެންނަ ގޮތަށް ޕްލާސްޓިކްކޮޅެއް ލާފަ. އެއާ ވޮލިއުމް ކޮންޓްރޯލްވެސް ކުރެވޭގޮތަށް ހުންނާނީ. އެއް ފީޗާ އަނެއް ފީޗާއާ ކޮންމެވެސް ވަރަކަށް ގުޅިފަ ހުންނާނީ." އަޝްހަމް ކިޔައިދިނެވެ.
ގޭގައި ހުންނަ އަމިއްލަ ވޯކްޝޮޕްގައި ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް އަޝްހަމް ކުރިއިރު، އެ މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ގޭގައި އުޅޭ ކޮއްކޮމެންގެ ފަރާތުން ކަމަށާއި، އެގޮތުން އެކުދިން އަތްގާތްކޮށްދިން އިރު އާއިލާގެ އެއްބާރުލުންވެސް ފުރިހަމަޔަށް ލިބުނު ކަމުގައި އަޝްހަމް ބުންޏެވެ.
އަޝްހަމް އުފެއްދި ވެންޓިލޭޓަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް އެތަނުގައި ހުރި ޑޮކްޓަރުވެސް ބަލައި ޓެސްޓްކޮށްފައި ވެއެވެ. އަޝްހަމް ބުނި ގޮތުގައި އޭނާގެ އެ މަސައްކަތް ޑޮކްޓަރު ވަރަށް ބޮޑަށް ބަލައިގަންފައި ވެއެވެ.
"ވެންޓިލޭޓާ ހެދުމަށް ފަހު މަރުކަޒަަށް ގެންގޮސް ޓެސްޓު ކުރުމުގެ ކުރިން ހަތް ގަޑިއިރު ދިނިން އޯވާ ހީޓްވޭތޯއާ އެއްވެސް ކަހަލަގެ މައްސަލައެއް ދިމާވޭތޯ ބެލުމަށް. ހަމަ ބަރާބަރަށް މަސައްކަތް ކުރޭ. ދެން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުންވެސް ރަނގަޅަށް މަސައްކަތް ކުރޭ. ޑޮކްޓަރު ވަރަށް ބޮޑަށް ތައުރީފުވެސް ކުރި. އަދި މި ވެންޓިލޭޓަރަކީ، ކޮންމެހެން ބޭނުންވެއްޖެ ހާލަތުގައި ބޭނުން ހިފިދާނެ ވެންޓިލޭޓަރެއް ކަމަށްވެސް ޑޮކްޓަރު ބުނި." ވެންޓިލޭޓަރު ހެލްތު ސެންޓަރުގައި ޓެސްޓު ކުރުމަށް ފަހު އެކަމުގެ ނަތީޖާ "ވަން"އަށް ކިޔާ ދެމުން އަޝްހަމް ބުންޏެވެ.
ވެންޓިލޭޓަރު ހަދިޔާކުރާނީ ރަށުގެ މަރުކަޒަށް ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ސާމާނު ލިބިއްޖެނަމަ ވެންޓިލޭޓަރުތަކާއި އެނޫންވެސް ބައެއް ސިއްހީ އާލާތްތައް އުފެއްދުމަށް ޝައުގުވެރިކަން ހުންނަ ކަމަށް އަޝްހަމް ބުނެފައި ވެއެވެ.
މީގެ ކުރިންވެސް އަޝްހަމް ވަނީ ބައެއް އަމިއްލަ އުފެއްދުންތައް އުފައްދައިފައެވެ. އެގޮތުން އުމުރުން 14 އަހަރުގައި ފޮގް މެޝިނެއް އުފެއްދިއިރު، އޭގެ ފަހުން ވެލްޑިން މެޝިނެއްވެސް އުފައްދާފައިވާނެ ކަމަށްވެސް އަޝްހަމް ބުންޏެވެ.
ސައިންސްގެ ރޮނގުން ކުރިޔަށްދާން އަޝްހަމް ބޭނުންވާއިރު، މުސްތަގުބަލުގައި އަޝްހަމް އެންމެ ވާން އެންމެ ބޭނުމީ ޕައިލެޓަކަށެވެ. ނަމަވެސް އަޝްހަމްގެ އުންމީދަކީ ހުރިހާ މަސައްކަތެއްވެސް ކުރަން އެނގޭ މީހަކަށްވެ، ގައުމަށް ފައިދާ ހުރި ހިދުމަތްތަކެއް ކޮށްދިނުމެވެ. "ވަން" އިން އެދެނީ އަޝްހަމް އަށް އިތުރު ކާމިޔާބަށެވެ.