ޚަބަރު

ސްކޫލުތަކަށް އަތްދޮންނަ ސައިބޯނި ހޯދަން ބީލަމަށް ލައިފި

މަރިޔަމް ޝަހުދާ

ޔުނިސެފްގެ އެހީއާއެކު ރާއްޖޭގެ ސްކޫލުތަކުގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ ''ސްކޫލް ވޮޝް ޕްރޮގްރާމް''ގެ ދަށުން ސްކޫތަކުގެ ކްލާސްރޫމްތަކަށް އަތް ދޮންނަ ސައިބޯނި ހޯދަން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓު ކުރި އިއުލާނެއްގައި ސްކޫލުތަކުގައި މި ޕްރޮގްރާމް ހިންގުމަށް ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500ml ގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓަށް ބީލަމަށް ހުށަހަޅަން ބޭނުން ވިޔަފާރިތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. ރަޖިސްޓާ ކުރުމަށް [email protected] މެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ. އަދި ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ވިޔަފާރިތަކަށް އެކަނި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރަޖިސްޓްރީ ވުމަށް މެއިލް ކުރާ އިރު ރަޖިސްޓްރީ ކުރަން ހުށަހަޅާ ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ގުޅޭނެ މޯބައިލް ނަންބަރު ފޮނުވުމަށް މިނިސްޓްރީން އެދެއެވެ. އަދި މި ޕްރޮޖެކްޓާ ގުޅިގެން ސުވާލެއް ވާނަމަ ހަތެއް ޖޫން ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ސުވާލު މެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

މި ޕްރޮޖެކްޓަށް ބީލަމަށް ހުށަހެޅެނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފަފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އަދި ޕްރޮޖެކްޓާ ގުޅިގެން ހުށަހަޅާ ބީލަން 9 ޖޫން ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ މިނިސްޓްރީގެ ނަންބަރު 9997721 އަދި 9715353 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިފައި ވެއެވެ.