ޚަބަރު

ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ދުނިޔެ އެކަތިގަނޑަކަށް ވާންޖެހޭ: މިނިސްޓަރު ޝާހިދު

އަލީ ޔާމިން

ކޮވިޑު 19ގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ދުނިޔޭގެ ގައުމުތަކުން އެކަތިގަނޑަކަށް ވުމަށް ފޮރިން ރާއްޖޭގެ މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޔަމަނުގައި ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޒަރޫރީ ބޭނުންތަކަށް ޖެހިފައިވާ 24 މިލިއަން މީހުން ޔަމަނުގައި އެބަތިބި ކަމަށެވެ.

މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައޫދު އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ފަރާތުން އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒާ ބެހޭ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި އިމަޖެންސީ ރިލީފް ކޯޑިނޭޓާ މާކް ލޯކޮކް އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި، އެހެންކަމުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް މެދުއިރުމަތީގެ ހަމަޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަނެވޭނީ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދުނިޔޭގެ ގައުމުތަކަށް ގޮވާލަން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް އެކަތިގަނޑަކަށް ވުމަށް" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޔަމަނުގެ ހާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދ.ގެ މެންބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.