ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޔުނިސެފުން އެހީތެރިކަންދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވީ ނަމަވެސް ހުއްޓުމެއް ނެތި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ޔުނިސެފުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުން ކަމަށެވެ. އެގޮތުން މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި އުނގަންނައިދިނުމުގައި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޔުނިސެފުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.
ގޫގުލް ކްލާސްރޫމު ބޭނުންކޮށްގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްގީކުރުމަށް ވެސް ޔުނިސެފުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ނިއު ނޯމަލްގައި ސްކޫލުތައް އަލުން ހުޅުވުމަށް ތައްޔާރުވަމުން އަންނަ އިރު، ސްކޫލުގައި ދަރިވަރުން އަތް ދޮންނަން ބޭނުންވާ ސައިބޯންޏާއި ކަރިކިއުލަމްތަކަށް ބަދަލުތައް ގެނައުމާއި އޮންލައިންކޮށް ކިޔަވައިދޭން ބޭނުންކުރާނެ އެއްޗެހި ތައްޔާރުކުރުމުގައިވެސް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިޔަވަޅުތަކަށް ލުއިދީ އެންމެ އަވަހަށްވެސް ސްކޫލުތައް ހުޅުވާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.