ކޮވިޑް 19

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި ހަތްވަނަ މީހަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި ހަތް ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު މަރުވެފައި ވަނީ ދިވެހި އަންހެނެއް ކަމަށެވެ.

މިި އަންހެން މީހާ އަކީ ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ މީހެއް ކަމަށާއި އޭނާ މަރުވެފައިވަނީ މިއަދު 6:20 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ، ހދ. ވައިކަރަދޫ، ކަށިމާގޭ ރުގިއްޔާ އަލީ އެވެ.

ރުގިއްޔާ އަލީއަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅަކު "ވަން" އޮންލައިން އަށް ދާދި ދެންމެ ވިދާޅުވި ގޮތުގައި ރުގިއްޔާ މަރުވީ ހުޅުލޭ އައިލެންޑް ހޮޓަލުގެ އައިސޮލޭޝަން ފެސިލިޓީގަ އެވެ. އޭނާ މަރުވި އިރު ކައިރީގައި ދެ ދަރީންނާއި އެއް މާމަދަރިޔަކު ވެސް ތިއްބެވެ. އެ ހުރިހާ މީހުންނަކީވެސް ކޮވިޑަށް ޕޮޒިޓިވް ވެ ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

"އެ އެންމެން، ވެސް ތިބީ އެއްކޮށް، މަރުވި އިރު ވެސް ކައިރީގައި ތިބި، ކުއްލިޔަކަށް ހާލުބޮޑުވުން ފަދަ އެއްވެސް ކަމެއް ދިމާވެގެނެއް ނޫން މަރުވީ. މުސްކުޅު ބަލި ފިޔަވައި އެހެން ބޮޑު ބައްޔެއްވެސް ނުހުރޭ. ރޭ އިރާކޮޅުވެސް ހާލު ރަނގަޅު. ވާހަކަދައްކައިވެސް އުޅުނު." ވަން އަށް މައުލޫމާތު ދެއްވި އާއިލާގެ މެންބަރު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި މި ބަލީގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ތިން މީހަކާއި ތިން ދިވެހިންނެވެ. އަދި މިއަދު މަރުވި އަންހެން މީހާއާއެކު ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ ހަތަކަށް އަރައިފައެވެ.