ޚަބަރު

މަޖިލިސް ތަޅުމުގައި ލިބުނު އަނިޔާތަކަށް މެންބަރު ޝިޔާމް އޭޑީކޭ އިން ފަރުވާ ހޯއްދަވަނީ

ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފައްޓަވައިފިއެވެ.

މެމްބަރު ޝިޔާމަށް އަނިޔާވީ އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުންނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާ ޒުވާބުކޮށް އެއް މެންބަރަކު އަނެއް މެންބަރަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައެވެ. އެ ހަމަނުޖެހުންތަކުގައި ޝިޔާމުގެ ގަމީސް ވެސް ވަނީ ވީދައިގެން ގޮސްފައެވެ.

ލިބިވަޑައިގެން އަނިޔާތަކަށް ޝިޔާމް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން އަންނައިރު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މެންބަރުގެ ބުރަކައްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މަޖިލީހުގެ ތަޅުމުގައި ހިނގި ކަންތަކާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޝިޔާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށެވެ.