ކުއްލި ޚަބަރު

ކޯލިޝަނުގެ ވާހަކަ ދައްކާ އިރު، ޕީޕީއެމުން ކަންތައް ކުރި ގޮތުގެ ވާހަކަ ވެސް ދައްކަން ޖެހޭ: ގާސިމް

އަލީ ޔާމިން

ކޯލިޝަނުގެ ވާހަކަ ދައްކާ އިރު، ޕީޕީއެމުން ކަންތައް ކުރި ގޮތުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ގާނޫނު އަސާސީ އިސްލާހުކުރަން މިރޭ ބޭއްވި ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ.

ތޯރިގު ވިދާޅުވީ ސަރުކާރު ވެރިކަމަށް އައުމަށް އުފެއްދި ކޯލިޝަން މިހާރު ނެތް ކަމަށާއި ކޯލިޝަން އޮތްކަން ދައްކަން ވަކި ބޭފުޅުންތަކެއް ވަޒީރުންގެ ގޮތުގައި ބައިތިއްބާފައިވާ ކަމަށެވެ.

"އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން މިނިސްޓަރު ކަމުގައި ބެހެއްޓީމަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނުނިމޭނެ، ދެން މިގޮތަށް ގޮސް އަޅުގަނޑު ދަންނަވާލަން އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން ހިފެހެއްޓީމަ ކޯލިޝަން ނުރޫޅޭނެ. ރައީސް މައުމޫންގެ ދަރިފުޅުގެ މިނިސްޓަރުކަން ހިފެހެއްޓީމަ މިވެރިކަން ނުރޫޅޭނޭ." ތޯރިގު ވިދާޅުވިއެވެ.

ތޯރިގު އެހެން ވިދާޅުވުމުން ގާސިމް ވަނީ ނިޒާމީ ނުކުތާއަކަށް އެދިވަޑައިގެންފައެވެ. ރިޔާސަތުން ފުރުސަތުދެއްވުމުން ގާސިމް ވަނީ ތޯރިގު ބަހުސްކުރައްވަނީ ހުށަހެޅިފައިވާ މައްސަލައަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ކޯލިޝަނާ ބެހޭގޮތުން ޕީޕީއެމްގެ މެންބަރުންނަށް ވާހަކަދެއްކެން ނެތް ކަމަށާއި ޕީޕީއެމުންވެސް ކޯލިޝަންގެ ބައިވެރިންނަށް ހެދީ ހިތުހުރި ގޮތެއް ކަމަށް ވިދާޅުވެ، ތޯރިގު ދައްކަވަނީ ވަރަށް ހުތުރު ވާހަކައެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުމީ، ޕީޕީއެމް ކަންތައް ކުރީ ކިހިނެތްތޯއޭ. ޕީޕީއެމް ކަންތައް ކުރި ގޮތުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކާލަމާ ހިނގާށޭ. އެހެންވީމާ ބަލަ އެއް ބަޔަކާ ދިމާލަށް އެއްޗެހި ކިޔޭކަށް ނެތޭ ނޫންތޯ. ތިމާމެންގެ ފަހަތް އޮތީ ކިހިނެއްތޯވެސް ބަލާލަން އެބަޖެހޭ ދެއްތޯ. އޭގެ ފަހުން އެހެން ވާހަކައެއް ދައްކަން ޖެހޭނީ. އަޅުގަނޑަށް ހީވަނީ ވަރަށް ހުތުރު ވާހަކައެއް ކަންނޭނގެ އެއީ،" ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ތޯރިގު، މީހުންގެ ޒާތީ ކަންކަމާ ބެހޭއިރުވެސް މަޖިލީހުގެ ރައީސް މަޑުން ހުންނަވާތީ ހިތާމަކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެއްވެސް މީހެއްގެ ޒާތީ ވާހަކަނުދެއްކުމަށް މެންބަރު ތޯރިގަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ އިލްތިމާސްކުރައްވައިފައެވެ.