ކަޅުބިލަމަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.
ދިވެހި މަސްވެރިން ބާނާ ކަޅުބިލަމަހުގެ ވިޔަފާރި މާދަމާއިން ފެށިގެން އާންމުކޮށް ހުޅުވާލައިފާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
މިކަން އިއުލާންކޮށްފައިވަނީ ހަދަން ޖެހޭ ގަވައިދުތަކެއް ނަހަދައިގެން ކަމަށް ބުނެ، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެން މިނިސްޓަރު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.
ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަޅުބިލަ މަހުގެ ވިޔަފާރިކުރުމަށް މިހާތަނަށް ހުއްދަދީފައި އޮންނަނީ ހަތަރު ކުންފުންޏަކަށެވެ. އެ ކުންފުނިތައް ފިޔަވައި އެހެން ބަޔަކަށް ތިންޓަނަށްވުރެ ގިނައިން ވިއްކޭ ގޮތެއް ނޯވެއެވެ.
އެ ހަތަރު ކުންފުނީގެ ތެރެއިން ތިން ކުންފުންޏަކަށް އެގްރީމެންޓުގައިވާ ކަންކަން ރަނގަޅު ކުރުމަށް ދިން 30 ދުވަހުގެ ނޯޓިސްގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށާއި ނޯޓިސްއާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން އިންވެސްޓަރުންނަށް ދީފައިވާ ކަމަށް ފެންނަ އެކްސްކްލޫސިވް ރައިޓްސްއާ ގުޅޭގޮތުން އެޓާނީ ޖެނެރަލްއާ އިތުރަށް މަޝްވަރާކޮށް އެފަދަ އެކްސްކްލޫސިވް ހައްގެއް އެއްބަސްވުންތަކުން ނުލިބޭކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ލަފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން "ކަޅުބިލަ މަހުުގެ މަސްވެރިކަމުގައި ބާނާ މަސް، އާއްމުކޮށް ގަތުމަށް އާއްމުކޮށް ހުޅުވާލުމަށް މިހާރު ހުރަހެއް ނެތްކަމުގައިވާތީ، މި ވިޔަފާރިއަކީ މިހާރު އާއްމުކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއްކަމަށް ދެންނެވީމެވެ،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މި ނިިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަމަކީ އެކަމަށް ހައްލު ގެނައުމަށް އެތައް ޒަމާނެއް ވަންދެން މަސްވެރިން މަސައްކަތްކުރި ކަމެއް ކަމަށެވެ.
މިހާރު ފިޝަރީޒް މިނިސްޓަރުގެ އެ ނިންމުމާ ގުޅިގެން، ގަންނަ މަހުގެ 50 ޕަސެންޓް ރާއްޖޭގައި ޕްރޮސެސްކުރަން އެއްބަސްވާ ކޮންމެ ފަރާތަކަށް ކަޅުބިލަމަސް ގަނެ، ބޭރު ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.