ވިޔަފާރި

ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ބީއެމްއެލް ކަސްޓަމަރުންނަށް ތައާރަފް ކުރި ހިދުމަތްތަކުގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ބީއެމްއެލް ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ހިދުމަތްތަކުގެ މުއްދަތު އެ ބޭންކުން އިތުރުކޮށްފިއެވެ.

ބީއެމްއެލުން ވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް ބީއެމްއެލް ޑެބިޓް ކާޑުން ދުވާލެއްގެ މައްޗަށް ނެގޭ މިންވަރު އިތުރު ކުރުމުގެ އިތުރުން ދިވެހި ރުފިޔާ އެކައުންޓު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަމަޖައްސައިފައެވެ. އަދި މި ދެ ހިދުމަތް މިމަހު 15ގެ ނިޔަލަށް ލިބޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ދިވެހި ރުފިޔާ އެކައުންޓު ބޭނުން ކޮށްގެން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާއި ހަމަޔަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ. މި ގޮތަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ފޮރިން ބޭންކު ޗާޖު ކަމަށާއި ބޭންކުން މި ހިދުމަތްތަކަށް އިތުރު ޗާޖެއް ނުނަގާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މޯބައިލް ޕޭ މެދުވެރިކޮށް ޑިޖިޓަލް ވޮލެޓު ބޭނުންކޮށްގެން ކަސްޓަމަރުންނަށް 500 ޑޮލަރާއި ހަމަޔަށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ. ނަމަވެސް މި ހިދުމަތް ލިބޭނީ ފޮރިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީވެފައިވާ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ބުނެއެވެ. މި ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސި އިރު ފޮރިން މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ވުމަށްވެސް އެދިފައެވެ.

ބީއެމްއެލުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އޭޓީއެމަކުން ދުވާލަކު ނެގޭނީ 1000 ޑޮލަރާއި ހަމަޔަށް ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލް ޑެބިޓް ކާޑު ބޭނުން ކޮށްގެން ބޭރު އޭޓީއެމްތަކުން ފައިސާ ނަގާއިރު ބީއެމްއެލުން ޗާޖު ކުރާ މިންވަރު ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ.