ދުނިޔެ

ކޮވިޑްގެ ފަރުވާގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދޭ ބޭހެއް ރަޝިއާއިން އުފައްދައިފި، މިމަހު ބޭނުން ކުރަން ފަށަނީ

މުހައްމަދު އައުޒަމް

ފަރުވާގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދޭ ބޭހެއް ރަޝިއާއިން އުފައްދައިފި ކަމަށައި މިމަހު އެ ބޭސް ބޭނުން ކުރަން ފަށާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ރަޝިއާގެ ސޮވެރިން ވެލްތު ފަންޑުން ފަންޑުކޮށްގެން އުފައްދާފައިވާ އެ ބޭސް ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި މި ބޭސް ބޭނުންކުރުމުން ކޮވިޑް ބަލީގެ މީހުން ބަލީން ރަނގަޅުވާ ސްޕީޑް އަވަސް ކޮށްދެއެވެ. މިހާރުވެސް އެގައުމުގައި 330 ބަލިމީހުންނަށް މިބޭސްދީ ޓެސްޓުކުރަމުން ދެއެވެ.

ކޮވިޑް19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އުފެއްދި މިބޭސް ބޭނުންކުރި މީހުންގެ ތެރެއިން 65 ޕަސެންޓް މީހުން ފަސް ދުވަހަށްފަހު ކުރި ޓެސްޓުތައް ނެގެޓިވެ ވެފައިވާކަމަށް ތަހުލީލު ޓިމުން ވަނީ ބުނެފައެވެ. މިއީ މިހާރު ދެމުން އަންނަ ފަރުވާތަކަށްވުރެ ދެގުނަ އަވަސް މިނެކެވެ.

ރަޝިއާގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ މި ބޭސް ކޮވިޑް19 ގެ ބަލިމީހުނަށް ބޭނުން ކުރުމުގެ ހުއްދަ ވަގުތީގޮތުން ދީފައެވެ.

މިނިސްޓްރީގެ ހުއްދަ ލިބުމާއެކު މިބޭސް ހޮސްޕިޓަލުތަކަށް ފޮނުވައިދިނުމުގެ މަސައްކަތް ރަޝިއާގެ ސޮވިރިން ވެލްތު ފަންޑުން މި މަސްތެރޭ ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ރަޝިއާގައި މިހާތަނަށް ހަތަރު ލައްކަ އަށްވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އަދި ފަސްހާހާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.