ޚަބަރު

ކަރަންޓީން ކުރަން އަމިއްލަ އިމާރާތްތައް ހަވާލުކުރަން އެންގުމަކީ ދައުލަތަށް މުދާ ނެގުމެއް ނޫން: އޭޖީ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ކުއްލި ހާލަތުގައި، މީހުން އެކަހެރި ކުރުމާއި ކަރަންޓީން ކުރުމަށް މީހެއްގެ އިމާރާތެއް ހަވާލުކުރަން ސަރުކާރުން އެންގުމަކީ ދައުލަތަށް މުދާ ނެގުން ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފައިވާ "އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައާއި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ނުވަތަ ނުރައްކާތެރި ބައްޔެއް ކަމަށް ކަނޑައަޅާފައިވާ ބައްޔަކާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑައަޅާނީ ހެލްތު މިނިސްޓަރެވެ. އަދި މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެނަމަ، އެތަނެއް ގިނަވެގެން އެއް އަހަރަށް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު މިނިސްޓަރަށް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ރައްޔިތުންގެ މުދާ ފޭރެން އުޅޭ ކަމަށާއި ގެއިން ނެރެ މަގުމަތި ކުރަން އުޅޭކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލައިގައި އޭޖީ ރިއްފަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކި އިމާރާތެއް ކޮންމެހެން ބޭނުންވެގެން ގާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް ފައިސާ ދައްކާ ގޮތަށް އާންމު މަންފާއަކަށް އިމާރާތެއް ހަވާލުކުރުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ގާނޫނުއަސާސީގެ 40 ވަނަ މާއްދާ (މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު)ގެ (ށ) ގައި ބުނެފައިވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫން ކަމަށާއި އާންމުވެގެންވާ މަންފާއަކަށްޓަކައި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައި ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީގެ ގަވައިދުގައި ވެސް ބުނެފައިވަނީ، އިމާރާތެއް ހަވާލުކުރަން އަމުރުކުރާ ތަނަކީ މީހުން ދިރިއުޅޭ ތަނެއްނަމަ އެ އިމާރާތެއް ވަޒީފާ ހަވާލުކުރުމަށް އަންގަންވާނީ އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ތަނެއް ހޯދައިދިނުމަށް ފަހުގައި ކަމަށެވެ. އަދި އިމާރާތް އަނބުރާ ހަވާލުކުރުމުގެ ކުރިން އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ބަދަލު ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން މީހުން ކަރަންޓީން ކުރުމަށް އިމާރާތެއް ހަވާލު ކުރަން އަންގާ އެންގުމަކަށް އެ ތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފިނަމަ، ތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ.