ވާހަކަ

ދެކިލަން އެދޭތީ - 16

1

މުޅި ވުޖޫދު ވެސް ހުއްޓުމަކަށް އައި ކަހަލައެވެ. އީވާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. އެވަގުތު ލޮލުގެ ހިމަކޮޅުން ލާފައި ފައިބައިގެން ދިޔަ ކަރުނަތަކުން ކޯތާފަތުގައި ރޮނގު ދަމާލައިފިއެވެ. މުޅި މީހާ ފިނިވެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. ހަރަކާތެއްކޮށްލަން ވެސް ހަނދާން ނެތުނީ ތަޤުދީރުގެ ނިޔާ ޤަބޫލުކުރެވުނު ފަދައަކުންނެވެ. ބިރުވެރިކަމުގެ ކިއްލާއެއްގައި ނަފުސު ޤައިދުވެ، މަރު ކުރިމަތިން ފެނިގެން ދިޔަ ހިނދު ފިނި ނޭވާއެއް ވެސް ދޫކޮށްލެވުނެވެ. އެއިހުސާސްތަކުގެ ތެރޭގައި ޤައިދުވެފައި ވަނިކޮށް މީހަކު އޭނަގެ އަތުގައި ހިފާ ބާރަށް ދައިމަގަތް ކަމުގެ އިހުސާސް ކުރެވުނެވެ. ދެވަނަ ސިކުންތުގައި ޖެހި ލައްކާއެކު އޭނަ ގޮސް ތަތްވީ ފިރިހެނެއްގެ މޭގައެވެ. އެވަގުތު ބާރު ސްޕީޑްގައި ދިޔަ ކާރުގެ އަޑުފަށްގަނޑު ވެސް ކަންފަތުގައި ގުގުމާލިއެވެ.

އެޒުވާނާގެ މޭގައި އީވާގެ މޫނު ޖެހުނީ ނިކަން ބާރަށެވެ. ނޭފަތަށް ވެސް ތަދުވެގެން ދިޔައެވެ. ލޯހުޅުވާލަން ވެސް ނޭނގިފައި އެޒުވާނާގެ ޓީޝާޓު އަތުގެ ތެރެއަށް ބޮނޑިކޮށްލެވުނެވެ. ހިއްސުތައް ހޭލައިގެން ދިޔަ ވަގުތު އެޒުވާނާގެ މޭގައި އީވާއަށް މޫނު ފޮރުވާލެވުނެވެ. މީހާ ހުރީ ނާޒުކު ފަތްތަރެއްގެ މަތީގައެވެ. އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ލޯކުރިމަތިން ނިއުޅިގެން ދިޔަ ހާދިސާގެ ގިލަންވެރިކަމާއި ބިރުވެރިކަމުން ހިތުގައި ވަރުގަދަ ބާނީތަކެއް އުފައްދާލައިފިއެވެ. މުޅި މީހާ ވަނީ ސިހުމެއްގެ ތެރޭގައެވެ.

މާކިންއަށް ހުރެވުނީ ގަނޑުވެފައެވެ. އޭނައަށް އީވާ ފެނުނީ އިއްތިފާޤަކުންނެވެ. އެތާ ކައިރީ ހުރި ފިހާރައަކަށް ވަދެފައި ނިކުތް އިރު ފެނުނީ މަގަށް ސަމާލުކަން ދިނުމެއް ނެތި ކަފިހުރަސްމަތިން ހިނގަން އީވާ ދިމާކޮށްލި ތަނެވެ. ކުރިމަތިން އަންނަމުން ދިޔަ ކާރު ފެނި ބިރުވެރިކަމުގެ އަސަރުތަކާއެކު އީވާ ހުއްޓުންއެރި ތަން ފެނުމުން، މާކިންއަށް ދެފަޔަށް ބާރު ލާފައި ދުއްވައިގަނެވުނީ އިހްތިޔާރަކާ ނުލައެވެ. އޭނައަށް އީވާގެ އަތުގައި ހިފާ ދަމައިގަނެވުނީ ފޫޓެއްހާ ކައިރިއަށް ކާރަށް އާދެވުނު ފަހުންނެވެ. އޭނަގެ މުޅި ނަފުސު ވެސް ސިއްސުވާލާފައިވަނީ ބިރުވެރިކަމުންނެވެ. އެވަގުތު އީވާގެ މަދަދަށް އޭނައަށް ނާދެވުނު ނަމަ ވާނެ ގޮތެއް ވެސް ހިތަށް ގެންނަން ދައްޗަވެ. އެހިތުގައި އީވާއާ މެދު އޮތްނަ ރުޅިވެރިކަމުގެ ތޫފާން ހިނދިފައިވާ ކަހަލައެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. ނަފުރަތުގެ އަސަރެއް ނުވެއެވެ.

އީވާގެ ކަރުނަތަކުން މާކިންގެ ޓީޝާޓް ތެމެމުން ދިޔައެވެ. އެހޫނު ކަރުނަތަކުން މެޔަށް ފިނިވެ ދިލަ ނަގަން ފެށިހެން މާކިންއަށް ހީވާން ފެށިއެވެ. ރޮވެމުން ދިޔަ އީވާ މަސަލަސްކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. އީވާގެ ގިސްލުންތަކުގެ އަޑު ކަންފަތުގައި ޖެހުމުން ނަފުސަށް ލޮޅުން ގެނުވައިފިއެވެ. ދެއަތްތިލަ މުށްކަވާލެވުނީ މާޒީގެ ތެރޭން ނިއުޅެން ފެށި މަންޒަރުތަކެއްގެ ސަބަބުންނެވެ. ކަފުންކޮށް ވަޅުލަން މަސައްކަތްކުރަމުން ދިޔަ ސަފުހާތަށް ހީވަނީ ލޯކުރިމަތިން ތަމްސީލުވާން އުޅޭހެންވެ. އެހަނދާންތަކާއި ދުރުވާން އޭނަ ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވީ ދެލޯ ހަނިވެ ބުމަ ގޮށްޖެހިގެން ދިޔުމެވެ. އެހަނދާންތައް އަލާވާން އޭނަ ބޭނުމެއް ނުވިއެވެ. ނަފުރަތުގެ އަލިފާން ހިތުގައި ރޯވެ އަނދަން ފެށީ ދެނެވެ.

ތެޅިގަނެވުނު މާކިން އުޅުނީ އީވާ ދުރަށް ލާށެވެ. އޭރު އޭނަ ނަފުސުގެ މައްޗަށް އަތްގަދަ ކުރަމުން ދިޔައީ މުޅިން ތަފާތު ޖަޒުބާތެކެވެ. ކަންބޮޑުވުމުގެ އަސަރު ފިލައި ރުޅިވެރިކަން މޫނަށް ވެރިވެއްޖެއެވެ. އޭނަ ބޭނުންވީ އީވާއާއި ދުރަށް ދާށެވެ. އެގާތްކަމުން ކުއްލިޔަކަށް އާލާވާން ފެށި ހަނދާންތަކާ ދުރުވާން އޭނަ ބޭނުން ވިއެވެ. މާޒީގެ ހިތިކަން އިހުސާސްކުރަން ބޭނުން ނުވާތީއެވެ. މުޅި މީހާ ހީވަނީ ހާސްކަމެއްގެ ތެރެއަށް ގެނބެމުން ދާހެންނެވެ. މޭފިތި ނޭވާލާން އުނދަގޫވާހެންނެވެ.

އީވާ ދުރަށް ލާން އުޅުނު ވަގުތު، އީވާ ހެޔަށް ގޮތްތަކެއްވެ އަރިއަޅާލަން އުޅުންނެވެ. ސިހުން ލިބުނު މާކިންއަށް ހުޝިޔާރުކަމާއެކު އީވާގެ މެދުހަށީގައި ހިފަހައްޓާލެވުނެވެ. ޚަބަރު ހުސްވަމުން ދިޔަ އީވާއަށް މާކިންގެ ސޫރަ ސިފަކުރެވެމުން ދިޔައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ރައްކާތެރިކަން އީވާއަށް އިހުސާސްކުރެވުނުކަން ޔަޤީނެވެ. މީހާ އޮތް ނާޒުކު ހާލަތުގެ ސަބަބުންކަމެއް ނުވަތަ އޭނަގެ މަދަދުވެރިޔަކަށް މާކިން އައުމުންކަމެއް ނޭނގެއެވެ. ލޯމެރި ހިމޭންކަމުގެ ތެރެއަށް ފީނައި ގަތުމުގެ ކުރިން މާކިންގެ އަތުގައި ބާރަށް އީވާއަށް ހިފަހައްޓާލެވުނެވެ.

ޚަބަރު ހުސްވި އީވާ ބިންމަތީގައި ބާއްވަމުން އީވާގެ ހިތުގެ ވިންދާއި ނޭވާގެ ހިނގުން މާކިން ބެލިއެވެ. އީވާ ދޫކުރަމުން ދިޔަ ނޭވާތަކުގައި ބުރަހެލިކަން އެކުލެވިގެން ވިއެވެ. ހިތަށް ކުރެވެމުން ދިޔަ އުނދަގޫތަކާއެކުގައި ވެސް އެހާލަތުގައި އީވާ ވަނިކޮށް ދޫކޮށްފައި ދާން މާކިންއަށް އޭނަގެ ޒަމީރާއި އެއްބަސްވުމަކަށް ނާދެވުނެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ވެސް ފަސްދީފައި ދެވޭކަށް ނެތެވެ. ލިބުނު ކުއްލި ސިހުމުގެ ސަބަބުން އީވާ އެވަނީ ޝޮކެއްގެ ތެރޭގައެވެ. މަދަދަށް ބޭނުން ވެފައެވެ.

ޖީބުގައި އޮތް ފޯނުނަގައި އެމްބިއުލާންސަށް ގުޅަން އުޅުނު ވަގުތު، ވަރު ދޫވެގެން ގޮސް އޭނަގެ އަތުން އީވާގެ އަތްތިލަ ދޫވެގެން ދިޔަ މަންޒަރު މާކިންއަށް ފެނުނެވެ. އިރުކޮޅެއް ވަންދެން އެމަންޒަރު ބަލަން އޭނައަށް އިނދެވުނެވެ.

ވަށައިގެން މީހުންތައް އެއްވަމުން ދިޔައެވެ. ޚަބަރު އޮޅުން ފިލުވަން އެއްވެފައި ތިބި މީހުންގެ ސަބަބުން މާކިންއަށް އުނދަގޫވާން ފެށިއެވެ. މީހުންގެ ނަޒަރުތަކުން އުނދަގޫވާން ފެށިއެވެ. މާކިންއަކީ އެކަނިވެރިކަމަށް ލޯބިކުރާ ޒުވާނެކެވެ. މީހުންނާ މެދު އެހިތުގައި އޮތްނަނީ ނަފުރަތެވެ. އެހުރިހާ ކަމެއް ގުޅިފައިވަނީ މާޒީގެ ހަނދާންތަކާއެވެ. ދުރުވާން މަސައްކަތްކުރަމުންދާ އުދާސްތަކާއެވެ. އޭގެ ސަބަބުން މީހުންނާ ގާތް ގުޅުމެއް ބާއްވަން އޭނަ ބޭނުމެއް ނުވެއެވެ. ވާހަކަދައްކަން ބޭނުމެއް ނުވެއެވެ. އެސިފަތަކުން އެންމެންގެ ނަޒަރުގައި އޭނަ ސިފަކުރެވެނީ ބޮޑާ އަދި ކިބުރުވެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެއްވެސް މީހަކާއި އެހިތުގެ ގިލަންވެރިކަމާއި އުދާސްތައް އިހުސާސެއް ނުކުރެވޭނެއެވެ. އެކަނިވެރިކަމަށް ލޯބިކުރަން ފެށި ސަބަބު ވިސްނައި ނުގަނެވޭނެއެވެ. އެއްވެސް މީހެއްގެ ހަމްދަރުދީއެއް ކުލުނެއް ވެސް އޭނަ ބޭނުމެއް ނުވެއެވެ. ދުނިޔެމަތިން ފޫހިވެފައިވާ ކަހަލައެވެ. ދިރުން ގެއްލިފައިވާ ކަހަލައެވެ.

*****

އެމްބިއުލާންސް އައުމުން، އީވާ އަރުވާފައި އޮތް ސްޓްރެޗާރގެ ފަހަތުން މާކިންއަށް ދެވުމުން އެކަމާ މެދު ޚުދު އޭނަ ވެސް ހައިރާން ވިއެވެ. ނޭނގޭ ދަމާބާރެއް އޭނަ ކުރިއަށް ގެންދާ ކަހަލައެވެ. އެކަމާމެދު ރަނގަޅަށް ވިސްނައިނުގަނެވެނީސް އެހީތެރިއެއްގެ ގޮތުގައި އޭނަ އިނީ އެމްބިއުލާންސަށް އަރައެވެ. ސްޓްރެޗާރގައި އޮތް އީވާއަށް ބަލަން މާކިންއަށް އިނދެވުނެވެ. އެދޮން މޫނު ހުނދުވެފައިވާތަން ފެނި ހިތަށް ގޮތެއް ވެގެން ދިޔައެވެ. އަނެއްކާ ވެސް ހަނދާނުގައި ކުރެހިގެން ދިޔައީ ޚަބަރު ހުސްވުމުގެ ކުރިން އޭނަގެ އަތުގައި އީވާ ހިފަހައްޓާލި މަންޒަރެވެ. އޭނަގެ މަދަދަށް އެހަރަކާތުން އެދުނު ފަދައެވެ.

*****

ކުއްލިފަރުވާ ދިނުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވުމުން، ގުޅާފައި އޮތް އައިވީ ހުސްވުމާއެކު ގެއަށް ފޮނުވާލެވޭނެ ވާހަކަ ޑޮކްޓަރު ބުންޏެވެ. ލިބުނު ޝޮކުގެ ސަބަބުން ހޭނެތުނީ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. އެއީ ކުރިން ވެސް އޭނައަށް ލަފާކޮށްލެވުނު ގޮތަށްވުމުން މާކިން ބޯޖަހާލިއެވެ. ކަންބޮޑުވެފައި ހުރި މިންވަރު މާކިންއަށް ރޭކާލީ، އޭނަގެ ކޮނޑުގައި ޑޮކްޓަރު ހިފާލަމުން ބުނެލި އެއްޗަކުންނެވެ.

''ޑޯންޓް ވޮރީ!، ޝީ ވިލް ބީ ފައިން ވެރީ ސޫން!...'' ލުއި ހިނިތުންވުމަކާއެކު ޑޮކްޓަރު ބުންޏެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ޑޮކްޓަރު ދިޔުމުން މާކިންގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް އީވާ އަށެވެ. އައިވީ ގުޅާފައި އޮތް އިރު ވަރުބަލިކަން އެމޫނުމަތިން ފެންނަމުން ދިޔައެވެ. ދެން ހަދާނެ ގޮތަކާ މެދު މާކިންއަށް ވިސްނާލެވުނެވެ.

''ކޮންނަމެއްތަ އޭނައަށް ކިޔަނީ؟... ރައުހާތަ؟... އާނ އެކަލަ ނަމެއް ކިޔަނީ...'' އީވާއާއެކު ފެންނަ އަންހެންކުއްޖާއާ މެދު ވިސްނާލަމުން މާކިންއަށް ބުނެވުނެވެ. އީވާގެ އެކުވެރިޔާއަށް ގުޅަން އޭނަ ބޭނުން ވިއެވެ. ނަމަވެސް ފޯނުނަންބަރެއް އޭނަގެ އަތުގައި ނެތެވެ. ހަމައެއާއެކު ހޯދަންދާނެ ތަނެއް ވެސް ނޭނގުނެވެ. މިހާރު ކޮލެޖް ވެސް ނިމިދާނެއެވެ. ދިގުވެފައިވި ތުނބުޅީގައި މާކިންއަށް އަތްތިލަ ހިންގާލެވުނެވެ.

އެހީތެރިޔާއަށް ހާއްސަވެފައިވާ ގޮނޑީގައި މާކިންއަށް އިށީނދެވުނެވެ. އީވާ އެކަނި ހޮސްޕިޓަލަށް ދޫކޮށްފައި ދާން ވެސް އޭނަ ވިސްނިއެވެ. އީވާއަކީ އޭނަގެ ޒިމްނާއެއް ކަމުގައި ނުވާތީއެވެ. އެދެމެދުގައި އެކުވެރިކަމެއް ނެތެވެ. އެއީ ދެ ދުޝްމަނުންނެވެ. އެމޭރުމުން ވިސްނާއިރު އީވާއަށް ކޮންމެކަމެއް ވިޔަސް އޭނައަށް ކޮންކަމެއް ހެއްޔެވެ؟ އެގޮތްބޮޑު އަންހެންކުއްޖާއަށް އޭނަ ސަމާލުކަން ދޭންވީ ވެސް ފަހެ ކީއްވެގެން ހެއްޔެވެ؟

ސިކުނޑީގައި ބުރުޖަހަން ފެށި ޚިޔާލުތަކާއެކު އީވާ އަމިއްލަ ހާލަތަށް ދޫކޮށްފައި ދާން ވެސް އޭނަގެ ހިތަށް އެރިއެވެ. ދޭންވާ ފަރުވާއެއް އެވަނީ ދެވިފައެވެ. އިތުރަށް މަޑުކުރުމުގެ ބޭނުމެއް އޭނައަށް ނުފެނުނެވެ. ނަމަވެސް ގޮނޑިން ބުޑު ހިއްލައެއް ނުލެވުނެވެ. އީވާގެ މައުސޫމު މޫނަށް އޭނަގެ ނަޒަރު ހުއްޓުމުން އޭނަގެ ޚިޔާލުތައް މަސްހުނިވެގެން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ސިކުނޑީގެ ބުރަހެލިކަމާ ދުރުވުމަށެވެ.

*****

އެޕާރޓެމެންޓްގެ ދޮރު ހުޅުވާލުމާއެކު ރައުހާއަށް ލިބުނީ ހައިރާންކަމެވެ. މުޅި މާހައުލުގައި ވަނީ އަނދިރިކަމެވެ. އީވާ އަދި ވެސް ހަމައަކަށް ނޭޅެނީއޭ ހިތާ އޭނައަށް އަވަސްއަވަހަށް ހިނގައިގަނެވުނީ އީވާގެ ކޮޓަރިއާ ދިމާއަށެވެ. އޭގެ ކުރިން އެޕާރޓްމެންޓްގެ ބޮކިތައް ދިއްލައިލިއެވެ.

ކޮޓަރީގެ ދޮރުގައި ޓަކިދެމުން ރައުހާ ގޮވާލިއެވެ. ކޮލެޖްގައި ދިމާވި ކަންތަކަށް ފަހު އީވާ ހުންނާނީ ހިތްހަމަނުޖެހިފައިކަން އޭނައަށް އެނގެއެވެ. ނަސޭހަތްދީ ފޮނުވި މެސެޖަށް ވެސް ރައްދެއް ނުދިނެވެ. އޭނަ ގަސްދުކޮށްގެން ހުރީ އީވާއާއި ބައްދަލުކޮށް ވާހަކަދައްކާށެވެ. މަސްރަހު އިތުރަށް ގޯސްނުވަނީސް އީވާއަށް އެއްޗެއް ވިސްނައިދެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ. އެހެންނޫންނަމަ މާކިންއަށް ލަނޑުދޭން ހަދައިގެން އީވާއަށް ބޮޑު ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. މާކިންއަކީ ރުޅިގަދަ ޒުވާނެކެވެ. މާކިންގެ ފަރާތުން ހަސްކާއެއް ނުލިބެނީސް ސަލާމަތުގެ އައްސޭރިޔަކަށް އީވާ ގެންދަން އެބަޖެހެއެވެ.

''އީވް!، ދޮރުހުޅުވަބަލަ...'' ތިންފަހަރު ޓަކިދިން އިރުގައި ވެސް އީވާގެ ޚަބަރެއް ނުވިއެވެ. ލިބުނު ހައިރާންކަމާއެކު ރައުހާއަށް ތަޅުގައި ހިފާ އަނބުރާލެވުނެވެ. ތަޅުނުލާ ހުރުމުން އިތުރު ހައިރާންކަމެއް ލިބުނެވެ. ދޮރޮހުޅުވާލި އިރު ކޮޓަރިއަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ދިރޭ ފުރާނައެއްގެ ހިލަން ވެސް ލިބުނެވެ. ސުވާލު އުފެދުމާއެކު ފާރުގައި އަތް ހިނގާލެވުނީ ބޮކީގެ ސްވިޗް ހޯދުމަށެވެ. ބޮކި ދިއްލާލުމުން އޭނައަށް ލިބުނީ ހާސްކަމެވެ. އީވާ ކޮޓަރީގައި ނެތުމުންނެވެ. ފާޚަނާ ހުޅުވައި އެތަން ވެސް ބަލައިލެވުނެވެ.

''ގެއަށް ދާނަމޭ ބުނެފަ ކޮންތާކަށްތަ އެދިޔައީ؟...'' ރައުހާއަށް ހާސްކަމާއެކު ބުނެވުނެވެ. އޭނަގެ ހިތް ބިރުވެރިކަމާއެކު ތެޅިލައިފިއެވެ. އީވާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މިހާ އިރު ވީއިރުގައި ވެސް ގެއަށް ނައިސް އުޅެނީ ކީއްވެގެން ހެއްޔެވެ؟ އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެސް ވެރިވެއްޖެއެވެ. ކެފޭގައި ވެދާނެއޭ ހިތާ ގުޅަން އުޅުނު ވަގުތު ޔުނިފޯމު ހެދުން ހަރުގަނޑުގައި އަޅުވާފައި އޮތް ތަން ފެނުންނެވެ. އޭގެ ސަބަބުން އިތުރު ހާސްކަމެއް ރައުހާއަށް ލިބުނެވެ.

''ކޮންތާކަށްތަ އެދިޔައީ؟...'' ނުތަނަވަސްކަމާއެކު ރައުހާއަށް ހިތާއި ސުވާލުކުރެވުނެވެ. އަވަސްއަވަހަށް ފޯނު ނަގައި އީވާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އޭރު ފިނިދަލެއް ވެސް ނިތުން ހިއްލައިފިއެވެ.

*****

ދެޚިޔާލެއްގެ މަތީ އިން މާކިން ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުގައި އަޅުވާފައި އޮތް އީވާގެ އަތްދަބަސް ތެރޭން އީވާގެ ފޯނު ރިންގްވާން ފެށުމުންނެވެ. މިހުރިހާ އިރު އޭނަގެ ކޮނޑުގައި އީވާގެ އަތްދަބަސް އޮތްކަން ވެސް އޭނައަށް ރޭކާލީ ދެނެވެ. އެކަމާ މެދު ނުވިސްނުނީ ތީ ވެސް މީހާއަށް ހައިރާންކަން ލިބުނެވެ. އަތްދަބަސް ހާވާލުމަށްފަހު އޭނަ ފޯނު ނެގިއެވެ. ގުޅަނީ ރައުހާއެވެ. މާކިންގެ މޫނުން ހަމަޖެހުމުގެ އަސަރު ފާޅުވިއެވެ.

މާކިންގެ އަޑު އިވުމުން ރައުހާ ހުއްޓުން އެރިއެވެ. ސުވާލެއްކޮށްލުމުގެ ފުރުސަތު ނުލިބެނީސް މާކިން ވެގެން އުޅޭ ގޮތް އޮޅުން ފިލުވައި ދީފިއެވެ. އިރުކޮޅެއްގެ ތެރޭގައި ދާނަން ކަމަށް ބުނެ ރައުހާ ފޯނު ބޭއްވިއެވެ.

ހަމަޖެހުމުގެ ނޭވާއެއް މާކިންއަށް ދޫކޮށްލެވުނެވެ. ކޮނޑުގައި އޮތް އަތްދަބަސް ނަގައި އީވާ އޮތް އެނދުމަތީ އޭނަ ބޭއްވިއެވެ. އެވަގުތު ނިދީގައި އޮތް އީވާ ގެނައި ހަރަކާތާއެކު މާކިންގެ އަތުގައި ހިފާލިއެވެ. މާކިންއަށް ބަލައިލެވުނީ އީވާގެ މޫނަށެވެ. ފުން ނިންޖެއްގެ ތެރޭގައި ފީނަމުންދާ ކަހަލައެވެ. މައުސޫމްކަން އެމޫނުގައި ވިއެވެ.

*****

ރައުހާއަށް ހޮސްޕިޓަލަށް އާދެވުނު އިރު މީހާ ހުރީ ދަހިތްލާ ފޯވެފައެވެ. މައިނޭވާތަކެއް ދޫކޮށްލަމުން މާކިން ދިން އިރުޝާދުގެ ދަށުން ވޯޑަކަށް އޭނަ ދިޔައެވެ. އެތާ ތިބި ބަލިމީހުންގެ ތެރޭން އީވާ ހޯދައިގަންނަން އޭނައަށް އުނދަގުލެއް ނުވިއެވެ. ހައިރާންކަން ލިބުނީ އަދިވެސް މާކިން އީވާގެ ގާތުގައި އިނުމުންނެވެ. ކުރިއަށް ހިނގައިގަތް ވަގުތު ނިދީގައި އޮތް އީވާ، މާކިންގެ އަތުގައި ހިފަހައްޓައިގެން އޮތް މަންޒަރު ވެސް ލޮލުގައި އަޅައިގަތެވެ. މާކިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ވެސް ފާހަގަ ކުރެވުނެވެ. އެއީ އެފަދަ އިހުސާސެއް މާކިންގެ މޫނުމަތިން ރައުހާއަށް ފެނުނު ފުރަތަމަ ފަހަރު ވެސް މެއެވެ.

ސުވާލު އުފެދިފައިވާ ހާލު ރައުހާ ގޮސް އެނދު ކައިރިއަށް ހުއްޓިއްޖެއެވެ.

ފިޔަވަޅުތަކެއްގެ އަޑު އިވުމުން މާކިން ފަސްއެނބުރިލިއެވެ. އޭނައަށް ރައުހާ ފެނުމުން ކުއްލިޔަކަށް ގޮނޑިން ތެދުވެވިއްޖެއެވެ. އެއަށްފަހު އަވަސްވެގަތީ އެތަނުން ދިޔުމަށެވެ. ކުރިއަށް އަޅާލެވުނު ފިޔަވަޅާއެކު ހުއްޓެވުނީ އޭނަގެ އަތުގައި އީވާ ހިފަހައްޓައައިގެން އޮތް އަތަށް ވާން ވެލުމުންނެވެ. މާކިންއަށް އިސްތިރިކޮށްލެވުނެވެ. އަދި އީވާގެ އަތުގެ ތެރޭން އޭނަގެ އަތްތިލަ މިނިވަންކުރަމުން ކުރިއަށް ހިނގައިގަތެވެ.

އެނދުގައި އޮތް އީވާއަށް ދިން ފުން ނަޒަރަށް ފަހު ރައުހާ ހިނގައިގަތީ މާކިންގެ ފަހަތުންނެވެ. ވޯޑުން ބޭރަށް ނިކުމެވުމާއެކު މާކިންއަށް ގޮވާލިއެވެ. މާކިންއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. ރައުހާ ހުރީ އަޖައިބުވެފައެވެ. އެހާ އަވަހަށް މާކިންގެ ސިފަ ބަދަލުވާތީއެވެ. އެވަރު މީހަކު ދަސްވާނީ ކިހިނެއް ބާވައޭ ވެސް ރައުހާގެ ހިތަށް އެރިއެވެ.

''މާކިން!، މަޑުކޮށްބަލަ...'' ބާރުބާރަށް ހިނގަމުން ދިޔަ މާކިންއަށް ހުއްޓެވުނީ އޭނަ ފަހަތުން ދުވެފައި އައި ރައުހާ އޭނަގެ ކުރިމައްޗަށް އެރުމުންނެވެ. ނޭވާތައް ހަމައަކަށް އަޅުވަން އުޅޭ ހާލު މާކިންގެ މޫނަށް ރައުހާ ބަލައިލިއެވެ. އެމޫނުން ފެންނަ އަސަރުތައް ދެނެގަތުމަށް ރައުހާ ނުކުޅެދުނެވެ. ހިމޭންކަމާއި ރުޅިވެރިކަމާއެކުވެ މޮޅިވެރިކަން ވެސް އެދެލޮލުން ފެނުނުހެން ރައުހާއަށް ހީވިއެވެ.

''ޝުކުރިއްޔާ... އީވް ހާލުގައި ޖެހުނު ވަގުތު މަދަދުވެރިވެދިނީތީ ޝުކުރިއްޔާ، މާކިންއަށް ނާދެވުނު ނަމަ ހިތަށް ވެސް ނުގަނެވޭނެ ފަދަ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހުނީސްކަން ޔަޤީން... ތިކޮށްދިން އިހުސާންތެރިކަމަށް އަބަދު ޝުކުރުވެރިވެވޭނެ... އަހަރެން ކުރިން ހީކުރީ މާކިންއަކީ ފޮނިމީހެއް ކަމަށް، ހިތުގެ މުރާދު ރަނގަޅު މީހެއް ނޫން ކަމަށް، އެކަމަކު މިއަދު އީވްއާ މެދު ކަންތައް ކުރި ގޮތުން އެއީ ކުށްހީތަކެއް ކަން ޔަޤީން ކުރެވިއްޖެ، ތިދެމެދުގައި އޮތް ރުޅިވެރިކަން ވެސް ހަނދާން ނައްތާލުމަށް ފަހު އީވްގެ ގާތުގައި ސާބިތުވެ ހުރީ މާކިން، ބޮޑު މުސީބާތަކުން ވެސް ސަލާމަތްކޮށްދިނީ މާކިން... މީހާއަށް ކުރެވޭ ކިތަންމެ ކުޑަ ކަމަކުން ވެސް އޭނަގެ ހިތުގެ ސާފުކަން ހާމަވެގެން ހިނގައިދާނެ... އަހަންނަށް އާދެވެންދެން އީވްގެ ގާތުގައި މަޑުކޮށްދިނީތީ މާކިންއާ މެދު ދެކެމުން އައި ހުރިހާ ނަޒަރިއްޔާތެއް ބަދަލުވެއްޖެ، މީހާގެ ބޭރުފުށުން ފެންނަ ސިފަތަކުން ގޮތް ނުނިންމޭނެކަން ވެސް އެނގިއްޖެ، އީވްއަށް މާކިންއާއި މެދު މިހުރިހާ ދުވަހު ކަންތައް ކުރެވުނު ގޮތާ މެދު އަހަރެން މަޢާފަށް އެދެން، އީވް އަކީ އެހާ ރުޅި ގަދަ މީހެއް ނޫން، ނޭނގޭ މިހާރަކަށް އައިސް އެހެންވަނީ ކީއްވެގެން ކަމެއް... ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މާކިންގެ ހިތްހެޔޮކަން އަހަންނަށް ފެނިއްޖެ... މާކިންއަށް ޝުކުރުވެރިވާން އަހަރެން ހަދަންވީ ކިހިނެއްތަ؟...'' ރައުހާއަށް ބުނެވުނެވެ. މާކިންގެ ދެލޮލުން ރައުހާއަށް ފެނުނީ ބަޔާން ކުރަން ދަތި ޖަޒުބާތުތަކެކެވެ. ކަޅިޖަހާލުމެއް ނެތި ބަލަން ހުރެވުނެވެ. މާކިންގެ އެފަދަ ފަރާތެއް އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

މާކިން އިސްއޮބާލިއެވެ. އެދެލޮލުގައިވި އިހުސާސްތައް ސިއްރުކުރަން ބޭނުންވި ކަހަލައެވެ. ވާހަކަދެއްކުމެއް ނެތި އޭނަ ކުރިއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ރައުހާއަށް ހުރެވުނެވެ. މާކިން ސިއްރުކުރަން ބޭނުން ވިޔަސް އެމޫނުމަތިން އޭނައަށް ވާހަކަތަކެއް ކިޔައިދީފިއެވެ. އެހިތުގެ ސާފުކަން ހާމަކޮށްދީފިއެވެ. އެކަނިވެރިކަމަށް ލޯބި ކުރާ އެޒުވާނާ ކެކުޅުންތަކެއް ބަރުދާސްތު ކުރަމުންދާކަން ވެސް އޭނައަށް ހާމަކޮށްދީފިއެވެ. އެހުރިހާ އިހުސާސްތަކެއް ސިއްރުކުރަން މާކިން ޚިޔާރުކުރަނީ ރުޅިވެރިކަމެވެ. އެކަނިވެރިކަމެވެ. އެހެނިހެން މީހުންގެ ނަޒަރުގައި މާކިން ކިބުރުވެރި ބޮޑާ މީހަކަށް ވަނީ އެސިފަ ތަކުގެ ސަބަބުންނެވެ. ނަމަވެސް ވަންހަނާ ކުރަން މަސައްކަތްކުރާ ޖަޒުބާތުތަކުން މާކިން ވަނީ ކެކުޅުންތަކެއްގެ ތެރޭގައެވެ. އެކަނިވެރިކަމުގެ ކިއްލާއެއްގައި ގައިދުވެފައެވެ. ފުރަތަމަ ފަހަރަށް މާކިންއާ މެދު ރައުހާއަށް ވިސްނާލެވުނެވެ. ހިތަށް މޮޅިވެރިކަން ލިބުނެވެ. މާކިންއަށް މަދަދުވެރި ވެވޭނެ ގޮތެއް ޚިޔާލަކަށް ނައެވެ.

''ކުރިން ނުފެންނަ ސިފައެއް މާކިންގެ ފަރާތުން ފެނިއްޖެ، ކޮންމެ ވެސް ކަމަކާ ކުރިމަތިލާން ޖެހިފައިވާހެން ހީވަނީ؟، ކޮންކަމެއްތަ؟... އެދެލޮލުން ރިހުމެއް އަހަންނަށް ފެނުނު، އެކަމުގެ ސިއްރަކީ ކޮބައިތަ؟، އަބަދުވެސް ސިއްރުވެރި ކަމެއް މާކިންގެ ހުރޭ، އެއްވެސް މީހަކަށް އިހުސާސްތައް ހާމަކުރަން ބޭނުން ނުވާތީ އިސްކުރަނީ ރުޅިވެރިކަން، ހުރިހާ ކަމެއްގެ ހައްލެއްކަމުގައި މާކިންއަށް ރުޅި އިސްކުރެވެނީ ވެސް އެސަބަބާ ހުރެ...'' ރައުހާ ވިސްނާލިއެވެ. އަނބުރާ ވޯޑަށް ވަންނަން ހިނގައިގަތީ އެވިސްނުމުގައި ހުރެއެވެ.

*****

އެޕާރޓްމެންޓްގެ ދޮރު ހުޅުވާލާފައި މާކިން އެތެރެއަށް ވަން އިރު އޭނައާއެކު އެޕާރޓްމެންޓް ހިއްސާ ކުރާ ޑޭވިޑް ސޯފާގައި އޮތެވެ. ކުޅެމުން ދިޔަ ގޭމަށް އޭނަގެ ސަމާލުކަން ވަނީ ދެވިފައެވެ. ޓީވީ ކުރިމަތިން ހުރަސް ކަނޑާލާފައި ދިޔަ މާކިންއަށް ޑޭވިޑް ބަލައިލިއެވެ. އެތައް މަހެއް އެކުގައި އުޅެވުނުކަމުގައި ވިޔަސް މާކިންއާއި އޭނައާ ދެމެދު ވާހަކައެއް ބަދަލެއް ނުކުރެވެއެވެ. އެކުވެރިކަން ބަދަހިކުރަން ޑޭވިޑް އުޅުނުކަމުގައި ވިޔަސް މާކިންގެ ފަރާތުން ފެންނަނީ ފަރުވާކުޑަކަމެވެ. ރުންކުރުކަމެވެ. އެކަމާ ހުރެ އެހިތުގައި މާކިންއާ މެދު ފޫހިކަން އިތުރުވިއެވެ. މާކިން ބޭރުކޮށްލާފައި އެހެން މީހަކު ގެންނަން ވެސް ހިތަށް އެރިއެވެ. ނަމަވެސް އެކަމަށް ނަގާނެ ވަގުތާއި އަތުން ދޫވެދާނެ ފައިސާކޮޅާ މެދު ވިސްނާފައި އޭނަ އެޚިޔާލު ދޫކޮށްލަން ޖެހުނެވެ. މާކިން އެތަނަށް އައީ އެޕާރޓްމެންޓް ހިއްސާކުރަން މީހަކު ހޯދަން އެތައް އިއުލާނެއް ހަރުކުރެވުނު ފަހުންނެވެ. ހަމައެއާއެކު މާކިން ގޭގައި އުޅުނަސް ނެތް މީހަކު ފަދައެވެ. އޭގެ ސަބަބުން ލިބިފައި އޮތްނަ މިނިވަންކަމުގެ ސަބަބުން ޑޭވިޑް ހުންނަނީ ހިތްހަމަޖައްސާލައިގެންނެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު ކޮނޑުގައި އޮތް ދަބަސް ގެންގޮސް އެތާ ހުރި ލިޔާމޭޒުމަތީގައި ބޭއްވިއެވެ. އެއީ ޖާގައިގެ ގޮތުން ކުޑަ ތަނެކެވެ. އެނދާއި، އަލަމާރައިއާއި، ލިޔާމޭޒު ބަހައްޓާފައި އޮތްނަނީ ކުޑަ ތަންކޮޅެކެވެ. ފަންކާގަނޑުން ވެސް ޖެހޭ ވަޔެއް ހަރާމުން ހަރާމެވެ. ކިރިޔާ ވެސް ފިނިވަނީ ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލުމުންނެވެ.

ޓީޝާޓުގެ ކަރުވަޅުގައި ހިފާ ދަމައިގަންނަމުން ހަށިގަނޑާ ޓީޝާޓު ވަކިކޮށްލިއެވެ. އެއާއެކު މަސްތައް ރީތި އެހަށިގަނޑު ހާމަވެގެން ދިޔަ އެވެ. ޓީޝާޓު ގެންގޮސް ދާވަށިގަނޑަށް ލުމަށްފަހު ޖިންސުގެ ގޮށްތައް ނައްޓަމުން މާކިން ގޮސް ވަނީ ފާޚަނާއަށެވެ. ފާޚަނާއަށް ވަނުމުގެ ކުރިން ފާރުގައި ހަރުކުރެވިފައިވި ތުވާލި ހަރުގަނޑުގައި އޮތް ތުވާލީގައި ހިފައި ދަމައިގަތެވެ.

*****

ފެންމާގަނޑުން އޮހެމުން ދިޔަ ފިނި ފެނުން ހަށިގަނޑަށް ތާޒާކަން ގެނެސްދެމުން ދިޔައެވެ. ހަށިފުރާ ދޫކޮށްލެވުނު ނޭވާއާއެކު މާކިންއަށް މުށްކަވާލެވުނު އަތްތިލަ ގެންގޮސް ފާރުގައި ޖައްސާލެވުނެވެ. ދެ ލޯމަރާ ބާރުކޮށްލެވުނު ހިނދު ލޯ ކުރިމަތިން ސިފަވާން ފެށީ މިއަދުގެ ހާދިސާއެވެ. ބިރުން ގޮސް ރޫރޫއަޅަމުން ދިޔަ އީވާގެ ހަށިގަނޑެވެ. ޚަބަރު ހުސްވަމުން ދިޔަ ވަގުތު އެމޫނުމަތިން ފެނުނު ކުލަވަރުތަކެވެ. އޭނަގެ އަތުގައި ހިފާ ބާރުކޮށްލި މަންޒަރެވެ. އެކަރުނަތަކުން އޭނަގެ މެޔަށް ފިނިވެގެން ދިޔަ ހިނދު ކުރެވުނު އިހުސާސްތަކެވެ. ކުއްލިޔަކަށް މާކިންއަށް އޭނަގެ ދެލޯ ހުޅުވާލެވުނެވެ. އަދި އޭނަގެ ތަނަވަސް މޭގައި ފިރުމާލެވުނެވެ. މިއަދުގެ ހާދިސާއާއި ކުރިގުޅިގެން ގޮސް ދެން ފެންނަން ފެށީ މާޒީގެ އަނދިރިކަމެވެ. އޭނަގެ މެޔަށް ތޫނު ކަށިތަކެއް ހެރުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެކަނިވެރިކަމަށް އޭނަ ލޯބިކުރަމުން ދިޔައީ އެއިހުސާސްތަކާ ދުރުވާން ބޭނުން ވާތީއެވެ. މީހުން އޭނައާ މެދު ފޫހިވާނެހެން އަމަލުތައް ބަހައްޓަން ފެށީ ވެސް އެސަބަބާ ހުރެއެވެ. ރުޅި އޭނަގެ އެކުވެރިޔަކަށް ވެގެން ދިޔައީ ވެސް މާޒީގެ ސަބަބުންނެވެ. ބޮލާއި ތުނބުޅި ދިގުކޮށް މީހާގެ ސިފަ ވަކިނުވާވަރު ވިއިރު ވެސް ސަމާލުކަން ނުދިނީ އަންހެންކުދިންގެ ކެހިވެރި ނަޒަރު އޭނައަށް ހުއްޓެން ބޭނުން ނުވާތީއެވެ. ސަމާލުކަން ލިބެން ހިތް ނޭދޭތީއެވެ. ހިތުގެ ގިލަންވެރިކަން ހަނދުމަކުރަން ބޭނުން ނުވާތީއެވެ. ކަފުންކުރަން މަސައްކަތްކުރާ އިހުސާސްތަކަށް ނޭވާލުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. ނަމަވެސް މިއަދު އީވާއާއެކު ހޭދަކުރެވުނު ވަގުތުކޮޅުން އެހިތްދަތިކަން އަނެއްކާ ވެސް ވިންދު ޖަހާލައިފިއެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނު ވަގުތު، މާކިންގެ ލޮލުން ފޭބި އުދާސްކަމުގެ ކަރުނަ ފެނާ އެކުވެގެން ދިޔައެވެ.

(ނުނިމޭ)