އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 71

އަބްދުﷲ ފާރޫގް ހަސަން

8

(30 މެއި ގެ އަދަދާ ގުޅޭ)

"ބޭރުގައި ފޭލިގޭގައެވެ. ޒަރުބަޚުތުގެ މީހުންވެސް ވީ އެފޭލިގޭގައެވެ. އެބައިމީހުންނެއް ނުނިދައެވެ. އެކަމަކު އެމީހުނާމެދު ފަރުވާތެރިވުމުގެ ބޭނުމެއްނެތެވެ."

މިކަން ނިމިގެން މިދިޔައީ އަޅުގަނޑު އުންމީދުކުރި ވަރަށްވުރެ މާފަސޭހަކޮށެވެ. މިހާރު އެންމެ އަވަހަށް ކުރަންވީކަމަކީ ފަރަޚުޒާދުގެ ކިބައިން ސަލާމަތްވުމެވެ."

ކަލޭގެ ޒަހަރަކީ އަސަރުކުރާ އެއްޗެއްކަމުގައިވާނަމަ އޭނާގެ ކިބައިން ސަލާމަތްވެވިއްޖެއެވެ. އަހަރެން އެޒަހަރުގެ އެއްބައި ރާގަދަހަޔަށް އަޅައިލީމެވެ. ފަރަޚުޒާދު ވަނީ އެއިން ކޯވަރުތަކެއް ހިއްޕަވައިފައެވެ. އޭގެކުރިން އޭނާ މެހުމާނުންނާއެކު ހިއްޕެވި ރާވެސް އޭނާ އިރުއަރަންދެން ހޭފުޅުލެއްވުނަނުދޭން ފުދޭނެއެވެ."

ސިޔާދުޚަޝް ޖަވާބުދިނެވެ. "އަޅުގަނޑުގެ ޒަހަރު ވިއްސަކަށް މީހުން މަރައިލަން ފުދޭނެއެވެ. އެހެންކަމާއެކުވެސް އޭނާޔާމެދު ޔަޤީންކަން ހޯދަން ބޭނުމެވެ. ކަމަނާފާނު އަޅުގަނޑާއެކު ވަޑައިގަންނަވާނުތޯއެވެ؟"

"ނޫނެކެވެ. ކަލޭ ގޮސް ކަލޭގެ މަސައްކަތް ނިންމައިލާށެވެ."

ސިޔާދުޚަޝް ބައްތެލިކޮޅުން ފައިބައިފިއެވެ. އާޒަރުމީދުޚުތުގެ އަޅެއްގެ މަގުދެއްކުމާއެކު އޭނާ ގަނޑުވަރާ ދިމާޔަށް ހިނގައްޖެއެވެ. ސިޑީން މައްޗަށް އަރައި ފަރަޚުޒާދުގެ ކޮޓަރިކޮޅަށް ވަދެއްޖެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޚަންޖަރު ނަގައިފިއެވެ. ސިހިފައިތިބި ކަނީޒުން ދެލޯ މަރައިލިއެވެ. އެމީހުން ލޯ ހުޅުވައިލިއިރު ސިޔާދުޚަޝްގެ ފައިކައިރީގައި ފަރަޚުޒާދުގެ ހަށިކޮޅު ތެޅިތެޅި އޮތެވެ. އާޒަރުމީދުޚުތު އޭނާއަށް ހަދިޔާކުރެއްވި ދޫލަ އޭނާގެ ލޭފޮދުން ކަޅިވަމުންދެއެވެ.

ޝެހެޒާދީ އާޒަރުމީދުޚުތުގެ ނޯކަރުން ގަޑިއެއްހައި އިރުފަހުން ޒަރުބަޚުތުގެ ހަށިކޮޅު ބައްތެލިކޮޅުން ބާލައިގެން ގެންގޮސް ގަނޑުވަރުގެ ފެންޑާމަތީގައި ބާއްވައިފިއެވެ. އާޒަރުމީދުޚުތު ހުންނެވީ ސިޔާދުޚަޝް އާއެކު ކޯރުގެ އައްސޭރީގައެވެ.

ސިޔާދުޚަޝް ކަންބޮޑުވެފައިހުރެ ބުންޏެވެ. "އަޅުގަނޑު ހައިރާންވެއްޖައީމެވެ. އަދިވެސް އަޅުގަނޑުގެ އެކުވެރީންގެ ޚަބަރެއް ނުވެއެވެ. އެމީހުން އެއްވެސް ޚަބަރެއްނުކުރީ ކީއްވެގެންބާވައެވެ؟"

ޝެހެޒާދީ ޖަވާބު ދެއްވިއެވެ. "އަހަރެމެން މިތިބީ ތަޚުތަށްޓަކައި ފުރާނަ ވިއްކާލައިގެންނެވެ. ވަގުތު ޖެހުމުގެ ކުރީން ފުރޭބުރުޒަށް ޚަބަރު ލިބިވަޑައިގެން އޭނާޔަށް ޝާހީ ލަޝްކަރުގެ މުއަސްކަރަށް ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ އަހަރެމެންނަކަށް އީރާނުގެ ބިމުން ބޯނިވާކޮށްލާނެ ތަންކޮޅެއް ނުލިބޭނެއެވެ. ނަމަވެސް އިހާނެތި މަރަކާމެދު ކަލޭ ނުވިސްނާށެވެ. އަހަރެންގެ ކޮޓަރީގައި ޒަހަރު އަޅައިފައިހުރި ރާގަދަހައެއް ހުންނާނެއެވެ. ޝާހުޕޫރަކަށް އަހަރެމެން ޚުރާސާބީންނަކާ ހަވާލެއް ނުކުރެއްވޭނެއެވެ."

ސިޔާދުޚަޝް އެކަމަނާއަށް ތަސައްލީދެމުން ދެންނެވިއެވެ. "ނޫނެކެވެ! ނޫނެކެވެ. ކަމަނާފާނު ހިތްވަރުފުޅު ދެރަނުކުރައްވާށެވެ. އަޅުގަނޑުގެ އެކުވެރީންނާމެދު އަޅުގަނޑު އިތުބާރު އެބައޮތެވެ."

ބައްތެލިކޮޅުން ފަޅުވެރިޔަކު ގޮވައިލިއެވެ. "ސާހިބާއެވެ! އެފަރާތް ބައްލަވަ ބައްލަވާށެވެ."

ސިޔާދުޚަޝް ކޯރުގެ އަނެއްފަރާތުގެ އައްސޭރިޔާ ދިމާޔަށް ބަލާން ފަށައިފިއެވެ. އެފަރާތުން އެކެއް... ދޭއް... ދެ ދަންމަރުގެ އަލި ފެންނާން ފަށައިފިއެވެ. ސިޔާދުޚަޝް އުފަލުން ފުމެގެންފިއެވެ. މަލަކާ ޢާލަމެވެ. ކަމަނާފާނުގެ އިތުރު ދުޝްމިނެއް މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. މިހާރު ކަމަނާފާނުގެ ވަފާތެރީން ކޯރުގެ އެފަރާތުގައި ކަމަނާފާނަށް އިންތިޒާރުކުރަމުން ގެންދާނެއެވެ. ކަމަނާފާނު ބައްތެލިކޮޅަށް އަރައިވަޑައިގަންނަވާށެވެ. އެކަމަކު ކަމަނާފާނުގެ ޚާދިމުން އަދި ތިބޭނީ މިފަރާތުގައެވެ. ސިޔާދުޚަޝް އޭނާގެ އެކުވެރީންގެ ގާތުގައި ބުންޏެވެ. "ތިޔަބައިމީހުންވެސް މިފަރާތުގައި ތިބޭށެވެ. އެއްވެސްމީހަކު ގަނޑުވަރުގެ ތެރެޔަށް ވަނަނުދޭށެވެ. ނިދައިފައިތިބި މެހުމާނުން ނިދައިފައި ތިއްބަދޭށެވެ. އެއިންމީހަކު ހޭލައިފިނަމަ ހަޅޭއްލެވުމުގެ ފުރުސަތު ނުދޭށެވެ. އިރުކޮޅެއްގެ ތެރޭގައި ޝާހީ ފާރަވެރީންގެ ލަޝްކަރުގައި އަހަރެމެންނާ އެއްބަޔަށްތިބި އޮފިސަރުން މިތަނަށް އަތުވެދާނެއެވެ. އޭރުން ބޭރުގައި ފާރަޔަށްތިބި ސިފައިންގެ ފަރާތަކުން ނުރައްކަލެއް ނާންނާނެއެވެ. ފަތިސްވުމުގެކުރީން ޒަރުބަޚުތާމެދު ތިޔަބައިމީހުންނަށް އިރުޝާދު ފޮނުވާނަމެވެ. އަހަރެންވަނީ އޭނާގެ ފުރާނަ ސަލާމަތްކުރާން ވަޢުދުވެފައެވެ. ނަމަވެސް އޭނާ ހޭފުޅު އަރައިފިނަމަ ފިލައިވަޑައިގަތުމުގެ ފުރުސަތު ދީގެންނުވާނެއެވެ."

+ + + + +

އެރޭގެ ރޭގަނޑުގެ ފުރަމެންދަމެވެ. ފާރިސީ ރަސްކަމުގެ ކޮއިލުގެ ބަނޑޭރިއާއި ފާރަވެރީން ކޮއިލުގެ މައިދޮރާށީން ބޭރުގައި އާޒަރުމީދުޚުތަށް ޢަސްކަރީކުރުނީސްކޮށްފިއެވެ. ހަމައެވަގުތު ހަތިޔާރުއެޅި ފަސްސަތޭކަ ސިފައިން ޝަހެންޝާހުގެ ރަސްމީ ގެކޮޅު ޙިޞާރުކޮށްފިއެވެ. ރޭވިގެންއައި ބަޣާވަތުގެ ޚަބަރު ލިބިފައިނެތް ވަފާތެރި އޮފިސަރުންނާއި ފާރަވެރީން ފިސާރި ފިރިހެން ގޮތުގައި ބާޣީންނާ ކުރިމަތިލިއެވެ. ނަމަވެސް ބާޣީންގެ ކުރިމަތީގައި އެބައިމީހުންނަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. ބާޣީން ފާރަވެރީންގެ ހަށިތައް ފައިދަށުލައި ޗިސްކުރަމުން ކުރިޔަށްދާން ފަށައިފިއެވެ. ޝާހުޕޫރަށް ހޭފުޅުލެއްވުނީ ޚުވާޖާސަރާއިންނާއި ކަނީޒުން ރޮއިހަޅޭއްލަވާ އަޑާއި ކަނޑިތައް ކޭއްތޭ އަޑު އިވިވަޑައިގެންނެވުމުންނެވެ. އިރުކޮޅެއްވެސް ނުވެއެވެ. ޙަމަލަދޭ މީހުން ކިސްރާ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅުގެ ދޮރުކޮޅު ހަލާކުކޮށްލަން މަސައްކަތް ފަށައިފިއެވެ. ޝާހުޕޫރު ގަނޑުވަރުގެ އެހެން ބައެއްގެ ޙިމާޔަތް ހޯއްދެވުމަށްޓަކައި އެކޮޓަރިކޮޅުން ނުކުމެވަޑައިގަންނަވާން ގަސްދުކުރައްވައި އޭނާ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅުގެ ބިއްދޮށު ދޮރުކޮޅު ހުޅުއްވައިލެއްވިއެވެ. އޭނާގެ ކުރިފުޅުމަތީގައިވަނީ ބަރަހަނާ ކަނޑިތަކުގެ ވަރުގަދަ ފާރެކެވެ. އޭނާ ފަހަތަށް ފަހަތަށް ވަޑައިގެން އޭނާ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭރު ޙަމަލަދޭ މީހުންވަނީ އޭނާ ވަށައިލައިފައެވެ. އޭނާ އެނދުދާންކޮޅުގެ މައްޗަށް ވެއްޓިވަޑައިގެންފިއެވެ. ކޮންމެވެސް މީހެއް އެކޮޓަރިކޮޅުގެ އެހެން ދޮރުކޮޅުތައްވެސް ހުޅުވައިލައިފިއެވެ. އެއާއެކު ހަތިޔާރުއެޅި އިތުރު މީހުންތައް ކޮޓަރިކޮޅުގެ ތެރެއަށް ވަދެގެންފިއެވެ. ޝާޕޫރު ހަޅޭފުޅުލައްވަވަމުން ގެންދަވައެވެ. "އަހަންނަކީ ތިޔަބައިމީހުންގެ ޝަހެންޝާހެވެ. ދުރުފިޝްކާވިޔާނީގެ ފާރަވެރިޔާއެވެ. އަހަންނަކީ ސާސާނީންގެ ތާޖާއި ތަޚުތުގެ ވާރިސެވެ. ތިޔަބައިމީހުންނަކަށެއް އަހަރެން ޤަތުލެއް ނުކުރެވޭނެއެވެ. އަހަރެން ދޫކޮށްލާށެވެ. އަހަރެން ސަލާމަތްކުރާށެވެ. އަހަރެން މިހިރީ ރަސްކަން ދޫކޮށްލަން ތައްޔާރަށެވެ. އަހަރެން ރަށުންބޭރަށް އަރުވައިލާށެވެ. އެކަމަކު އަހަރެން ޤަތުލު ނުކުރާށެވެ."

އާޒަރުމީދުޚުތު އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. ހަތިޔާރުއެޅި މީހުންތައް ފަހަތަށް ޖެހިލައިފިއެވެ. ޝާހުޕޫރު ހަޅޭފުޅުލައްވައިގެންނެވިއެވެ. "އާޒަރެވެ! އާޒަރުމީދުޚުތެވެ! އަޅުގަނޑަކީ ކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިފުޅެވެ. އަޅުގަނޑު ސަލާމަތް ކުރައްވާށެވެ! އަޅުގަނޑު ސަލާމަތް ކުރައްވާށެވެ. އީރާނުގެ ރައްޔިތުން ކަމަނާއަކަށް މާފެއް ނުކުރާނެއެވެ. މިތިބަމީހުންތައް ހުއްޓުވާށެވެ! މިމީހުންތައް ހުއްޓުވާށެވެ! އާޒަރުމީދުޚުތު! އާޒަރުމީދުޚުތު!"

އާޒަރުމީދުޚުތު ސިކުންތުކޮޅެއްހައި އިރަށް އިސްދަށަށް ޖައްސަވައިލެއްވިއެވެ. އެއާއެކު ޝާހުޕޫރުގެ ލޯފުޅުން އުންމީދުގެ އަލިކަންފުޅެއް ފާޅުވިއެވެ. އާޒަރުމީދުޚުތު ސިޔާދުޚަޝްއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަނާގެ ގޮތް ނިންމެވުމުގެ ބާރަށްވަނީ ހުއްޓުންއަރައިފައެވެ. ސިދާޔުޚަޝް އަތްއުފުލައިލިއެވެ. އެއާއެކު އެތައްބަޔެއްގެ ކަނޑިތައް އުފުލައިލެވިއްޖެއެވެ. ސިޔާދުޚަޝް ކުއްލިޔަކަށް އަތްތިރިކޮށްލިއެވެ. އެއާއެކު ޝާހުޕޫރުގެ އަނގަފުޅުން އެންމެފަހުގެ ހަޅޭފުޅުގެ އަޑު ނިކުމެއްޖެއެވެ. ފަނަރަވަރަކަށް ވިއްސަކަށް ކަނޑި ޝާހުޕޫރުގެ ލޭފޮދުން ފެންވަރައިލައިފިއެވެ.

އާޒަރުމީދުޚުތަށް ތާއީދުކުރާ މީހުން އިރުކޮޅެއްގެފަހުން މަދާއިނުގެ އަމީރުންނާއި ސިފައިންގެ އޮފިސަރުން އަވަހާރަފުޅަށް ތިއްބަވަނިކޮށް ދަންނަވައި ހޭލައްވައިފައި ޚަބަރުދެމުން ގެންދިޔައެވެ. ޝާހުޕޫރު އަވަހާރަވެއްޖެއެވެ. އޭނާގެ ޤާއިމުމަޤާމު ޤަޞްރުއަބްޔަޟުގައި ތިޔަބޭފުޅުންނަށް އެބަ އިންތިޒާރުކުރައްވައެވެ. ޒަމާނުގެ ކޮންމެ ބަދަލަކާއެކު ތިމާޔަށް މޮޅުވާނެގޮތަށް މަސްރަޙު ބަދަލުކުރުމުގެ މަސައްކަތަށް އާދަވެފައިތިބި މީހުން އިތުރު ތަފްސީލެއް ހޯދާކަށެއް ނުއުޅެއެވެ. އަވަސްއަވަހަށް ރަސްކަމުގެ ކޮއިލާ ދިމާޔަށް މިސްރާބުޖަހާން ފަށަފިއެވެ. މަރުވީ ކާކުކަމެއް އޭނާގެ ބަދަލުގައި ތަޚުތުގައި އިނީ ކާކުކަމެއް ބަލާކަށެއް އެމީހުން ބޭނުމެއް ނޫނެވެ. އެއިން ކޮންމެ މީހެއްގެވެސް މަޤްޞަދަކީ އައު ޝަހެންޝާހުގެ އެންމެ އަރިސް މީހަކީ ތިމާ ކަމުގައި ވުމެވެ. ތިމާގެ ވާދަވެރިޔާ ކުރިހޯދިޔަ ނުދިނުމެވެ. ކިސްރާގެ ތަޚުތުގައި އާޒަރުމީދުޚުތު އިންނެވިތަން ފެނިފައި އެކަމަނާގެ ވާދަވެރިޔަކު އެތާނގައި ނެތްކަން އެނގުމުން އެކަމަނާ ތަޚުތާ ހަމަޔަށް ވަޑައިގެންނެވުމަށްޓަކައި އިޚްތިޔާރު ކުރެއްވީ ކޮންމަގެއްތޯ ކިތައް މީހުންގެ ހަށިގަނޑު ގިރާކުރެއްވިތޯ ބަލާކަށެއް އެމީހުން ބޭނުމެއް ނޫނެވެ.

ފަތިސްވާންއުޅެނިކޮށް ماه بانو އަށް ހޭފުޅުލެއްވުނީ ގޯތިތެރެއިން ނޯކަރުންތައް ހަޅޭއްލަވާ އަޑު އިވިވަޑައިގެންނެވުމުންނެވެ. އިރުކޮޅަކުން ކޮންމެވެސް މީހެއް އެކަމަނާގެ ކޮޓަރިކޮޅުގެ ދޮރުކޮޅުގައި ވަރަށް ބާރަށް ޓަކިދޭން ފަށައިފިއެވެ. ماه بانو ތެދުވެވަޑައިގެން ދޮރުކޮޅާ ދިމާޔަށް ވަޑައިގަންނަވަމުން ސުވާލުކުރެއްވިއެވެ. "ކާކުހެއްޔެވެ؟"

"ދޮރުކޮޅު ހުޅުއްވަވާށެވެ!" ނޯކަރެއް ބެދިފައިވާ އަޑަކުން ދެންނެވިއެވެ.

ماه بانو ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. އޭނާ އަވަސްއަވަހަށް ދޮރުކޮޅު ހުޅުއްވައިލައްވައިފިއެވެ. ގޯތިތެރޭގައި އެކަމަނާގެ ދެނޯކަރުންގެ ގާތުގައި ފިރުދައުސް ހުއްޓެވެ. އޭނާގެ ބޯހުރީ ހޭވިފައެވެ. ލޮލުގައިވަނީ ބިރުވެރިކަމެވެ. ماه بانو ގެ ހިތްޕުޅު މޮޅިވެރިކަމުން ފުރިގެން ހިނގައްޖެއެވެ.

"ފިރުދައުސް! ކަލޭ މިވަގުތު.......... ބުނެބަލާށެވެ. ކީއްވީހެއްޔެވެ؟"

ނަމަވެސް އެ މުސްކުޅި އަންހެނާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ އިރުކޮޅެއްވަންދެން އޭނާގެ އަލިކަމެއްނެތް ދެލޮލުން ماه بانو އާ ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިޔަކަށް އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔުމާއެކު ރޮމުން ގިސްލަމުން ދުވެފައިގޮސް ماه بانو ގެ ގައިކޮޅުގައި އޮޅުލައިގެންފިއެވެ. އޭނާ ވާހަކަދައްކާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް ގިސްލެވޭވަރުން ވާހަކަ ދެކެވޭވަރެއް ނުވެއެވެ.
ماه بانو ގެ ފިކުރުފުޅު ބޮޑުވުން ބިރުފުޅުގެން ވަޑައިގެންނެވުމަށް ބަދަލުވެއްޖެއެވެ. ماه بانو ހަޅޭފުޅު ލައްވަވަން ބޭނުންފުޅުވިއެވެ. ނަމަވެސް އެއްގޮތަކަށްވެސް އަޑުފުޅެއް ބޭރެއް ނުކުރެއްވުނެވެ. އޭނާގެ ހިތްޕުޅު ދިޔައީ ބަރުދާސްތު ނުކުރެއްވޭފަދަ ބަރެއްގެ ސަބަބުން ފިސްފިސްވަމުންނެވެ. އޭނާ ފިރުދައުސުގެ ދެމުލައްދަނޑީގައި ހިއްޕަވައި ތަޅުއްވާން ފައްޓަވައިފިއެވެ. "ފިރުދައުސެވެ. އަހަރެންގެ ގާތުގައި ބުނެބަލާށެވެ. އަހަރެންގެގާތު ބުނެބަލާށެވެ. ވާހަކަ ދައްކައިބަލާށެވެ!"

ފިރުދައުސް ވަރަށް އުނދަގުލުން އޭނާގެ ގިސްލުން މަތަކޮށްފައި ބުންޏެވެ. "އަޅުގަނޑުގެ ދަރިފުޅާއި ފިރިމީހާއާއި އަޅުގަނޑުމެންގެ ސާހިބާ ޤަތުލުވެއްޖެއެވެ."

ماه بانو އަށް އޭނާއަށް އަޑުއިވިވަޑައިގެންނެވި ވާހަކަ ޤަބޫލުފުޅެއް ނުކުރެއްވުނެވެ. އޭނާއަށް ހަޅޭފުޅުލައްވައިގެންނެވިއްޖެއެވެ. "އަހަރެންގެ ބޭބޭފުޅު ކޮބައިހެއްޔެވެ؟"

"އަޅުގަނޑަކަށެއް ނޭނގެއެވެ. އޭނާ އަޅުގަނޑުމެންގެ ގެޔަށް ވަޑައިނުގަންނަވާތާ ތިންދުވަސް ވެއްޖެއެވެ."

"އެބޭފުޅުން ޤަތުލުކުރީ ކާކުހެއްޔެވެ؟"

"އަޅުގަނޑަކަށެއް ނޭނގެއެވެ. ޤާތިލުން ގެޔަށްވަނީ ބަގީޗާގެ ފާރުމަތީން އަރައިގެންނެވެ. އެމީހުން އެތެރެޔަށް ވަނުމާއެކު ފެންޑާގެ ކައިރީގައިތިބި ފާރަވެރީންގެ ދެމީހުނާ ޙަމަލަދީފިއެވެ. އެމީހުން ރޮއިގަތް އަޑާއެކު ނީލޯފަރުގެ ބައްޕަޔާއި يـاسمـين ގެ މާފާފުޅާ ބޭރަށް ނުކުމެވަޑައިގެންފިއެވެ. ނީލޯފަރުގެ ބައްޕަގެ އަތުގައި ދަންމަރެއް އޮތެވެ. ފެންޑާގެ ކައިރީގައި ފާރަވެރީންގެ އެކެއްގެ ހަށިގަނޑު އޮތެވެ. ދެވަނަމީހާ ޒަޚަމްވެގެން ވެއްޓުމަށްފަހު ތެދުވާން މަސައްކަތް ކުރަނީއެވެ. އޭނާ ހަޅޭއްލަވައިގަތެވެ. "ސާހިބާއެވެ. އެތެރެޔަށް ވެދެވަޑައިގަންނަވާށެވެ. އެމީހުން ފާރުމަތީން އަރައިގެން އެތެރެޔަށް ވަދެއްޖެއެވެ."

"ހަމައެއާއެކު ގަސްތަކުގެ ތެރެއިން ދުނީގެ ވާރޭ އަންނާންފަށައިފިއެވެ. يـاسمـين ގެ މާފާފުޅާއި ނީލޯފަރުގެ ބައްޕަ ޒަޚަމުވެވަޑައިގެން ވެއްޓިވަޑައިގެންފިއެވެ. އަޅުގަނޑު ދުވެފައި ކުރިޔަށް އައުމުން ސާހިބާ ކުއްލިޔަކަށް ތެދުވެވަޑައިގެން އަޅުގަނޑަށް ހުރަސްއަޅުއްވައިފިއެވެ. އަޅުގަނޑު ކޮއްޕަވައި ވައްޓައިލެއްވިތަނާ ސާހިބާވެސް ވެއްޓިވަޑައިގެންފިއެވެ. އެހައިތަނުން ނީލޯފަރު އޭނާގެ ބައްޕަ ގާތަށްގޮސް ރޯންފަށައިފިއެވެ. ސާހިބާ ވަނީ އަޅުގަނޑުގެ އަތުގައި ހިފަހައްޓަވައިފައެވެ. ސާހިބާ ނީލޯފަރާ ދިމާޔަށްވެސް އެތެރެޔަށްދާށޭ ވަރަށްބާރަށް ވިދާޅުވިއެވެ. އެހައިތަނުން ނީލޯފަރުވެސް ވެއްޓިއްޖެއެވެ. ޙަމަލަދޭ މީހުން ގަސްތަކުގެ ތެރެއިން ބޭރަށް ނުކުމެއްޖެއެވެ. އެމީހުން ތިބީ މޫނު ނިވައިކޮށްގެންނެވެ. އަޅުގަނޑު ސާހިބާގެ އަތްޕުޅުން ވީއްލިގަނެގެން ދުވެފައިގޮސް ނީލޯފަރާ އޮޅުލައިގެންފީމެވެ. އޭގެތެރެއިން އެކަކު އަޅުގަނޑު ޤަތުލުކުރާންވެސް އުޅުނެވެ. އެކަމަކު އެހެން މީހެއް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އެއަށްފަހު އެމީހުން ދަންމަރުން އަލިކޮށްގެން އަޅުގަނޑުމެންގެ އެކިމީހުން ވަކިވަކީން ބަލައިލިއެވެ. ސާހިބާ ތެދުވެވަޑައިގަންނަވާން މަސައްކަތްޕުޅު ކުރެއްވުމުން އެއިން މީހެއް ސާހިބާގެ އިސްތަށިފުޅުގައި ކަނޑިން ޖަހައިފިއެވެ. އެއާއެކު ސާހިބާގެ ހަށިކޮޅު ތެޅޭންފަށައިފިއެވެ. އެހައިތަނުން ދޮރާށީގައި ފާރަޔަށްތިބި ނޯކަރުންވެސް އަތުވެއްޖެއެވެ. އެމީހުން ޤާތިލުންނާ މުޤާބަލާ ކުރިއެވެ. ނަމަވެސް ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ތިންމީހުން މަރުވެއްޖެއެވެ. އަނެއް ދެމީހުން ފިލަން ދުއްވައިގެންފިއެވެ. ޙަމަލަދޭ މީހުންކުރެ މީހަކު ބުންޏެވެ. އެދެމީހުން ފަހައިދިޔުމުގެ ބޭނުމެއްނެތެވެ. އެމީހުންނަށް ނުކުމެވޭނީ އަހަރެމެންގެ މީހުންގެ ދުނިތަކުގެ ކުރިމައްޗަށެވެ. ދެން އަވަހަށް ދަމާހިނގާށެވެ. އަހަރެމެންގެ މަސައްކަތް ނިމިއްޖެއެވެ. އަހަރެމެންނަށް ލަސްވަނީއެވެ. އެމީހުން ދިޔަފަހުންވެސް އިރުކޮޅެއްވަންދެން އަޅުގަނޑަކަށް އެމީހުން ދިޔައިކަމެއް ޔަޤީނެއްނުވިއެވެ. ދެން އަޅުގަނޑު ދަންމަރު ނަގައިގެން އަޅުގަނޑުގެ ދަރިފުޅާއި ފިރިމީހާއާއި ސާހިބާގެ ހަށިކޮޅު ބަލައިލީމެވެ. ފިލައިގެންދިޔަ ދެނޯކަރުންކުރެ އެކަކު އެހައިތަނުން އެނބުރި އަތުވެއްޖެއެވެ. އޭނާ ބުނީ އޭނާގެ އެކުވެރިޔާ ދޮރާށީން ބޭރަށް ނުކުންނައިރަށް ޤަތުލުކޮށްލައިފިކަމުގައެވެ."

"ކަލޭ ތިޔަ އައީ އެނޯކަރާ އެކުގައިހެއްޔެވެ؟"

"އާދޭހެވެ. އޭނާ އަޅުގަނޑު މިގެޔަށް ލައިފައި ހިނގައްޖެއެވެ. އޭނާ ދިޔައީ ފަރަޚުޒާދުގެ ގަނޑުވަރަށެވެ. ކަމަނާގެ ބޭބޭފުޅުގެ ޚަބަރެއްވޭތޯ ބަލާންވެގެންނެވެ. ماه بانو އެވެ. އެބޭފުޅުން އަވަހާރަވީކަން ޤަބޫލުކުރާން އަޅުގަނޑަށް ދަތިވިއެވެ. އެކަމަކު މިހުރިހައިކަމެއް ހިނގީ އަޅުގަނޑުގެ ލޯމަތީގައެވެ. އެހަށިކޮޅުތައް މިހާރުވަނީ ފިނިވެފައެވެ. ހިމޭންވެފައެވެ. ރޭގައި ފުރޭބުރުޒު އަޅުގަނޑުގެ ފިރިމީހާގާތު ވިދާޅުވިއެވެ. "ޒަރުބަޚުތު މިދުވަސްކޮޅު އުޅުއްވާނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން ކަލޭގޮސް ماه بانو ދުވަސްކޮޅަކަށް މިގެޔަށް ގެންނާށެވެ. ނީލޯފަރު އެކަމާ ވަރަށް އުފާވިއެވެ. އޭނާ ބުންޏެވެ. ހެނދުނުހެނދުނާ އަޅުގަނޑު ބައްޕަ ގޮވައިގެން އެގެޔަށް ދާނަމެވެ."

(ނުނިމޭ)