ޚަބަރު

"އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ"ގައި މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރަނީ

މުހައްމަދު އައުޒަމް

"އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ"ގައި މަޓާޓޯއިން ރާއްޖެ އިޝްތިހާރުކުރަން ނިންމައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު 10އިން 13އަށް މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި "އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ" ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް "މަޓާޓޯ" އާއި ސްފެއަރ ޓްރެވަލް މީޑީއާ އެންޑް އެގްޒިބިޝަން ގުޅިގެންނެވެ.

މެދުއިރުމަތީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ"ގެ ސަބަބުން ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެކަމަށް މަޓާޓޯއިން ބުނެއެވެ. ހާއްސަކޮށް "އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ"ގައި މެދުއިރުމަތީގެ ބޮޑެތި ގައުމުތައް ކަމަށްވާ ދުބާއީ، އޮމާން، ގަތަރު އަދި ކުވައިތު ފަދަ ބޮޑެތި ގައުމުތަކުގެ މާކެޓް ތަކާއި ގުޅުން ބަދަހިވެ އިތުރު ފުރުސަތުތަކެއް ހުޅުވައިލެވިގެން ދާނެ ކަމަށް ވެސް މަޓާޓޯއިން ބުނެއެވެ.

މެދުއިރުމަތީން ރާއްޖެ އަންނަ ފަތުރުވެރިން ގިނަކުރުމަށް މަޓާޓޯއިން އަންނަނީ ބޮޑެތި މަސައްކަތްތަކެއްކުރަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މެދުއިރުމަތި ހިމެނެނީ ތިންވަނައަށް އެންމެ ގިނަ ޓުއަރިސްޓުން ރާއްޖެ އަންނަ ރީޖަންގެ ގޮތުގައެވެ.