ރިޕޯޓް

މެންބަރުން ބުނާބަހެއް މިނިސްޓަރު ޒަހާއެއް ނާހާ، ދެން އޮތީ ފެންދީ ކަތިލުމުގެ ވަގުތު؟

އިބްރާހިމް ޒަކީ

2

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ކޯލީޝަން ސަރުކާރެކެވެ. އެހެންކަމުން ވަޒީރުންގެ މަޖިލިސް ބެހިފައިވަނީވެސް ކޯލީޝަންގެ މައްޗަށެވެ. ނަމަވެސް ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަަ ރައްޔިތުންގެ މަޖިލީހުން، ކޯލީޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންނަށް އާއްމުކޮށްވެސް ފާޑުކިޔަމުންދެއެވެ.

އެމްޑީޕީ އެމްޕީން އާއްމުކޮށް ފާޑު ވިދާޅުވާ ވަޒީރުންގެ ތެރޭގައި، އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲ އާއި، އެމްއާރްއެމް އަށް ނިސްބަތްވެވަޑައިގަންނަވާ، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދާއި، ޖޭޕީގެ ސްލޮޓްގައި، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ އާއި، ޓޫރިޒަމް މިިނިސްޓަ އަލީ ވަހީދު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހިމެނިވަޑައިގަންނަވަ އެވެ.

އެގޮތަށް މީގެ ކުރިން އެމްޑީޕީގެ ހިޓް ލިސްޓުގައި ހިމެނިވަޑައިގެންނެވި އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާދެއްވީ ވެސް، އެމްޑީޕީ މެންބަރުންގެ ޕްރެޝަރުތަކުގެ ތެރޭންނެވެ. ޝިދާތާ އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް އެމްޑީޕީ މެންބަރުން ބޮޑެތި ތުހުމަތުތަކެއް ކޮށް، އޭނާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ 45 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި ޝިދާތާ މަގާމުގެ މަސްއޫލިއްޔަތުތަކަށް އިހުމާލު ވެފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި، މަގާމުން އިސްތިފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ވެސް އެމްޑީޕީ މެންބަރުން ވަނީ އިންޒާރު ދީފައެވެ.

މިހާރު އަނެއްކާވެސް އެމްޑީޕީ މެންބަރުން މިވަނީ އެހެން ވަޒީރަކަށް އިހުމާލުގެ މައްސަލައިގައި ޓާގެޓް ކޮށްފައެވެ. އެއީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދެވެ. ޒަހާގެ މައްޗަށް ވެސް އެމްޑީޕީ މެންބަރުން ކުރާ ތުހުމަތަކީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ތުހުމަތެވެ. އެ ތުހުމަތާއެކު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ވަނީ ޒަހާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ބަހުސް ފަށައިފައެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހެދުމަށް ލާޒިމް ކޮށްފައިވާ ގިނަ ގަވާއިދުތަކެއް ނިންމާފައި ނުވާކަން ފާހަގަ ކޮށް އެ ކޮމިޓީން މަޖިލީހަށް ފޮނުވި ރިޕޯޓްގައި ވަނީ، މިނިސްޓަރު ޒަހާ ޒިންމާ އަދާ ނުކުރެއްވުމުގެ ސަބަބުން، މިނިސްޓްރީން ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

ގާނޫނުގައި، ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވާނަމަ، އެއީ އެ ގާނޫނުން އުފައްދާ، ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެ ކަމަށް، މާނަ ކުރުމުގެ ހަމަަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

"ކަން މިހެން އޮތްއިރު މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން، އަދި އެ މުއްދަތު ފަހަނައަޅައި ދިޔަފަހުން މިއަދާ ހަމަޔަށްވެސް އެ މަސްއޫލއިްޔަތު އަދާކޮށްފައި ނުވުމުން އެ މިނިސްޓްރީން އެ ގާނޫނާ ހިލާފައިވާކަމަށް ކޮމިޓީން ގަބޫލު ކުރާ ކަމަށާއި، މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް،" ކޮމިޓީ ރިޕޯޓްގައި ވެއެވެ.

އެ މައްސަލައިގައި، ކޮމިޓީއަށް ވަޑައިގަތުމަށް މިނިސްޓަރަށް ދެންނެވި ވަގުތަކީ މަސައްކަތް ހުރިގޮތުން ކޮމިޓީއަށް ވަޑައިގެންނެވޭނެ ވަގުތަކަށް ނުވުމުން މިނިސްޓްރީގެ އެހެން ބޭފުޅުންނާ ބައްދަލުކުރަން ނިންމައި، ކޮމިޓީން ރިޕޯޓް އެކުލަވާލާފައިވަނީ މިނިސްޓަރުގެ ބަހެއް ނުހިމަނައެވެ. ކޮމިޓީން ރިޕޯޓް އެކުލަވައިލާފައިވަނީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި، ޑިރެކްޓާ ޖެނެރަލް އާދަމް ޒިޔާދާއި އެސިސްޑެންޓް ޑިރެކްޓާ އައިމިނަތު ލުބުނާ އާއި ސީނިއާ ލީގަލް އޮފިޒަރު ނިހާމް ޖައުފަރު ދެއްވި މައުލޫމާތު ހިމަނައިގެންނެވެ.

ކޮމިޓީ ރިޕޯޓް އެކުލަވާލި ފަހުން އެ މައްސަލަޔަށް ޖަވާބުދާރީވެ، މިނިސްޓަރު ޒަހާ މަޖިލީހަށް ސިޓީ ފޮނުއްވާފައިވާއިރު، ކޮމިޓީން ބުނާ ގަވާއިދުތަކުގެ މައްސަަލައިގައި، ޒަހާ ވަނީ އެކި މަރުހަލާ ތަކުގައި ވާހަކަދައްކަވައިފައެވެ. އެކަމާގުޅިގެން، އެންމެފަހުން މިދިޔަ ހަފްތާގައި ޒަހާ ވިދާޅުވެފައިވަނީ، އާ ގާނޫނުގައި ކަނޑައަޅައިފައިވާ ގަވައިދުތައް އެކުލަވައިލުމަށްވުރެ މިވަގުތު މުހިއްމީ ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ރިކޮމެންޑޭޝަންގައިވާ ކަންކަން ނިންމުން ކަމަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްވެރިކަމުގައި ހުރި އަދި މަސްވެރިކަމުގައި ކުރެވޭ ބައެއް ކަހަލަ ގާނޫނާއި ގަވައިދާ ހިލާފު ކަންކަމާއި ގުޅިގެން ގިނަ ރިކޮމެންޑޭޝަން ތަކެއް އީޔޫއިން ދީފައި ކަމަށް ޒަހާ ވިދާޅުވިއެވެ. އެކަންކަން ނިންމުން މިނިސްޓްރީއަށް މުހިއްމު ވީ އެ ރިކޮމަންޑޭޝަންތަކުގެ މަސައްކަތް ނުނިންމައި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ނުކުރެވޭނެތީ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެތެރޭގެ ގަވައިދުތައް ނިންމުމަށްވުރެ އަވަހަށް އީޔޫގެ ރިކޮމެންޑޭޝަންތަކުގެ ކަންކަން ނިންމުން މުހިއްމު ކަމަށާއި، އެއީ މަސް އެކްސްޕޯޓު ނުކުރެވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުން ގައުމު ސަލާމަތް ކުރުމަށް ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. އަދި ސަރުކާރު ހުޅުވޭއިރު މަސްވެރިކަމުގެ ހުރިހާ ގަވައިދުތަކެއް ހުންނާނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވިފައި ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. މިނިސްޓްރީގެ މުވައްޒަފުން ގަވައިދުތައް ނިންމުމުގެ މަސައްކަތް ގޭގައި ތިބެގެންވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަން އެހެން އޮތްނަމަވެސް ކޮމެޓީ ރިޕޯޓް މިވަނީ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފައެވެ.

އެރިޕޯޓަށް އިއްޔެ ކުރިޔަށް ދިޔަ ބަހުސްގައި، އެ މައްސަލަޔަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުންހެން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވައިފައެވެ. އަދި ހަމަ އާއްމު ބީދައިން، އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރުމުގެ އިންޒާރުވެސް ދީފައެވެ.

އެގޮތަށް ގިނަ މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިންޒާރު ދީފަިއވާއިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، މާގިނަ ދުވަހެއް ނުވެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކިކުރާނެ ކަމަށެވެ. މީގެ އިތުރުން ކޯލީޝަންގެ އެހެން ވަޒީރުންނަށްވެސް މެންބަރު ރާއީ ވަނީ އިންޒާރު ދެއްްވައިފައެވެ.

ރާއީ ވިދާޅުވީ، ކޯލީޝަންގެ ރަޖާ އަޅައިގެން ފިލައި ތިއްބެވި އެހެން ވަޒީރުންވެސް ސަރުކާރު ފެއިލްކޮށްލަން މަސައްކަތް ކުރާނަމަ އިތުބާރު ނެތްކަމަށް ވޯޓު ނަގައި ބޭރު ކުރާނެ ކަމަށެވެ. އަދި އެކަމަށް ހުރިހާ މެންބަރުން ވޯޓު ދެއްވުމަށްވެސް ރާއީ އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިޔަށް ހުރި ޖަލްސާތަކަށް ބަލާއިރު، ދެން އެންމެ އަވަހަށް ޖަލްސާއެއް ބާއްވާނީ، މިރޭ 11:30 ގައެވެ. އެހާ ދަން ގަޑީގައި ބާއްވާ މަޖިލިސް ޖަލްސާޔަށް އެޖެންޑާ ކޮށްފައި ވަނީވެސް އެންމެ މައްސަލައެކެވެ. އެއީ މިނިސްޓަރު ޒަހާ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށްބުނެ، އެކަމަށް މަޖިލީހުން ގޮތެއް ނިިންމުމުގެ މައްސަލައެވެ. އެހެންކަމުން މިރެޔަކީ ބޮޑު ރެޔަކަށްވެސް ވެދާނެއެވެ.

ޒަހާޔަށް ފެންދީ، ކަތިލުމުގެ ރޫހެއްގައި މަޖިލީހުން މަސައްކަތް ފަށާފައިވާ އިރު، ރައީސް ސޯލިހުގެ ސަރުކާރަށް ވީ މުއްދަތާ އަޅައި ބަލާއިރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް އަންނަނީ ބުނަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި، ޒަހާ އަބަދުވެސް ދައްކަވަނީ ކޮންމެވެސް ގަވައިދެއްގެ ވާހަކައެވެ. ކޮންމެވެސް ކަރުދާހެއް ތައްޔާރުކުރައްވާ ވާހަކައެވެ. އަތޮޅުތަކުގައި މީގެ ކުރީގެ އަހަރުތަކާ އަޅައިކިރައިލެވޭވަރުގެ ތަފާތު އިތުރު އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ނުފެނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ލޮޅުން ވަރަށް ގިނަ މަސްވެރީންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައިވެސް ބޮޑުކަންނެލީގެ އަގު ދަށަށް ނުދާވަރަށް މިދިޔަ ދޮޅު އަހަރެއްހައި ދުވަސް ތެރޭ ރާއްޖޭގައި ކަންނެލި ގަންނަ އަގު ވެއްޓިފައިވާ ކަމަށް އެ މަސްވެރިކަމުގައި އުޅޭ މަސްވެރީން ފާހަގަ ކުރެ އެވެ. އަދި ހަމަ އެހެންމެ މިދިޔަ މަސްވެރި މޫސުމުގައި ވެސް މަސްކޮޅު ނުވިއްކި، އައިސް ނުލިބި، ވިއްކާ މަސްކޮޅަށް ފައިސާ ނުލިބިވެސް އެތައް ދުވަހެއް ދާކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. މަސްވިއްކޭނެ ގޮތެއް ނެތިގެން މަސްވެރީންނަށް މަހަށް ނުފުރި ވެސް ތިބޭން ޖެހުނު ދުވަސްތަކެއް ކުރިމަތިވެގެން ދިޔަ ކަމަށް މަސްވެރީން އަންނަނީ ބުނަމުންނެވެ.

ޒަހާގެ އިތުބާރު ނެތް ކަމަށް ވިދާޅުވަމުން ގެންދަވަނީ ހަމައެކަނި އެމްޑީޕީގެ މެންބަރުން ނޫންކަން ވެސް ފާހަގަކޮށްލެވެ އެވެ. އެ ގޮތުން އިދިކޮޅު މެންބަރުން ވެސް ގެންދަވަނީ މި މައްސަލައިގައި ތަކުރާރުކޮށް މަޖިލީހުގައި އަޑު އުފުއްލަވަމުންނެވެ. އެންމެ ފަހުން މި މައްސަލައިގައި މަޖިލީހަށް ރިޕޯޓު ތައްޔާރުކުރެއްވި ގަވައިދު ކޮމެޓީގެ މުގައްރިރަކީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

ކޮންމެޔަކަސް، މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވާ ގޮތުން ނަމަ، މިހާރު މިއޮތީ ޒަހާގެ ވަގުތު ޖެހިފަ އެވެ. ޒަހާއަށް ނަތީޖާ ނެރެދެއްވިފައި ނެތް ކަމަށް މަޖިލީސް މެންބަރުންނަށް ގަބޫލު ކުރެއްވިއްޖެ ނަމަ، ދެން އިތުރު ގޮތެއް ނޯންނާނެ އެވެ. ވަޒީރު ކަމުގައެއް ނުހުންނެވޭނެ އެވެ. މިސްރާބު ހުރީ އެދިމާއަށެވެ. މި މައްސަލައިގައި ޒަހާޔާ އެއްކޮޅަށް ވާހަކަދެއްކެވި މެންބަރަކުވެސް މިދިޔަ ދުވަސްތަކުގައި ނުފެނުމަކީ މި މައްސަލަ އޮތް ހިސާބު ދައްކުވައިދޭ ހެއްކަކަށް ފުދެ އެވެ.