ޚަބަރު

ކެންސަރު ބަލީގެ މީހަކު މަރުވި މައްސަލައިގައި މީޑިއާގައި ދައްކާ ވާހަކަތައް ސައްހައެއް ނޫން: އައިޖީއެމްއެޗް

މަރިޔަމް ޝަހުދާ

ކެންސަރު ބަލީގެ މީހަކު މަރުވި މައްސަލައިގައި މީޑިއާގައި ދައްކާ ވާހަކަތައް ސައްހަ ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު މިހެން ބުނެފައިވަނީ އެ ހޮސްޕިޓަލުން އާންމު ކުރި ނޫސް ބަޔާނެއްގައެވެ.

އެގޮތުން މިފަދަ ނާޒުކު މައްސަލަތަކުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ހޮސްޕިޓަލުގެ ބަހެއް ނުހޯދައި ހަބަރު ފެތުރުމަކީ އެކަމާ ހޮސްޕިޓަލުން ހިތާމަ ކުރާކަމެއް ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ. މި މައްސަލައިގައި ރިވިއުކޮށް، އިސްލާހުކުރަން ޖެހޭ ކަމެއް ނުވަތަ ހޮސްޕިޓަލުން މިހާރު އަމަލު ކުރަމުން އަންނަ ގޮތަށްވުރެ ރަނގަޅަށް ކުރެވޭނެ ކަމެއް އޮތްތޯ ބަލަމުން އަންނަ ކަމަށާއި، ބަދަލެއް ގެންނަން ޖެހޭނަމަ އެފަދަ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށްވެސް ބުނެފައި ވެއެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހާ މަރުވެފައިވަނީ އެޑްމިޓުކޮށްފައި އޮންނަތާ ހަމަސް ވީ ފަހުން، ފަރުވާއެއް ނުލިބި ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި މިއީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި، އެމީހާ އައިޖީއެމްއެޗަށް އެންމެ ފުރަތަމަވެސް ދައްކާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މި މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ދައްކާފައިވަނީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން އެމީހާގެ ކޭސް އައިޖީއެމްއެޗަށް ރިފާ ކުރުމުން ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުން މި ކޭސް ރިފާ ކޮށްފައިވަނީ އެ ހޮސްޕިޓަލަށް މިއީ އެޑްވާންސް ކެންސަރުކަން ދެނެގަނެވި، ސީރިއަސް ކޭހެއްގެ ގޮތުގައި ފާހަގަ ކުރެވުމުން ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

އެގޮތުން ކޮވިޑް 19 އާއި ގުޅިގެން އެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައިވެސް ބަލިމީހާ އައިޖީއެމްއެޗަށް ގެންދެވުމާއެކު ލަސް ނުވެ ސީޓީ ސްކޭން ހަދާފައިވާކަން އައިޖީއެމްއެޗުން ފާހަގަކޮށްފައި ވެއެވެ. އަދި ސީޓީ ސްކޭނުން ބަލި މީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރު ދެނެގަނެ، ދެން ދިމާވެދާނެ ކަންކަން އާއިލާއާ ހިއްސާ ކޮށްފައިވާނެ ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އައިޖީއެމްއެޗްގެ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މީހާ މަރުވެފައިވަނީ ފަރުވާގެ ކަންކަން ކުރިޔަށް ގެންދަނިކޮށް، އައިޖީއެމްއެޗްގައި އެނދުމަތި ކުރިތާ ދެދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ބަލިމީހަކު މަރުވުމަކީ އެ ބަލި މީހާޔަށް ފަރުވާ ދޭ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި ހޮސްޕިޓަލުގެ އެހެން މުވައްޒަފުންނަށް އެކަމުން ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމުގައި އައިޖީއެމްއެޗުން ފާހަގަކޮށްފައި ވެއެވެ. އަދި މި ދަނޑިވަޅުގައި އާއިލާގެ ހިތާމައިގައި ހޮސްޕިޓަލުން ބައިވެރިވާ ކަމަށާއި މައްޔިތާގެ ފުރާނަޔަށް ރަހުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރާކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.