ޚަބަރު

103 ދިވެހިން ގޮވައިގެން ސްރީލަންކަން އެއާލައިންގެ ފްލައިޓެއް ރާއްޖެ އަތުވެއްޖެ

މަރިޔަމް ޝަހުދާ

103 ދިވެހިން ގޮވައިގެން ސްރީލަންކަން އެއާލައިންގެ ފްލައިޓެއް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ފްލައިޓުން ތިން ގައުމެއްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައި ވެއެވެ. އެއީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައެއް މީހުންގެ އިތުރުން ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި މީހުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން މި ފްލައިޓުން ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އެކަނި ރާއްޖެ ގެނެސްފައިވަނީ ލިމިޓެޑް ސީޓު ލިބިފައިވުމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ފްލައިޓުގައި ބެލަރޫސް އިން 48 ދިވެހިން، އިނގިރޭސިވިލާތުން 23 ދިވެހިން އަދި ލަންކާގައި ތިބި 32 ދިވެހިން ގެނެސްފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހުރިހާ މީހުންވެސް ފުރަތަމަ ފޮނުވާނީ ކަރަންޓީނު ފެސިލިޓީތަކަށް ކަމަށެވެ.