ދުނިޔެ

ނާސާގެ އެސްޓްރަނޯޓުންނާއެކު ސްޕޭސް އެކްސްގެ ރޮކެޓް އުދުއްސާލައިފި

މުހައްމަދު އައުޒަމް

ނާސާގެ އެސްޓްރަނޯޓުންނާއެކު ސްޕޭސް އެކްސްގެ ރޮކެޓް އުދުއްސާލައިފިއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ނާސާގެ އެސްޓްރަނޯޓުން ގެންދިއުމުގެ މިޝަންގައި ސްޕޭސް އެކްސްގެ ރޮކެޓް އުދުއްސާލައިފައި މިވަނީ ދެވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މިއީ މިހާތަނަށް ތާރީހުގައި ޕްރައިވެޓް ކުންފުންޏެއްގެ ރޮކެޓެއްގައި އައިއެސްއެސް އަށް ނާސާގެ އެސްޓްރަނޯޓުން ގެންދިޔަ ފުރަތަމަފަހަރެވެ.

ސްޕޭސް އެކްސްގެ ރޮކެޓް އުދުއްސާލުމަށް މިދިޔަ ބުދަ ދުވަހުވެސް ނާސާގެ އެސްޓްރަނޯޓުން ރޮކެޓަށް އަރައި ތައްޔާރުވެފައިވަނިކޮށް މޫސުން ގޯސްވެ ވަނީ ލަސްކޮށްފައެވެ.

ފްލޮރިޑާގެ ކޭޕް ކަނަވެރަލް ގައި ހުންނަ ސްޕޭސް ސްޓޭޝަން އިން އުދުއްސާލި މި ރޮކެޓްގައި ހިމެނެނީ ނާސާގެ ދެ އެސްޓްރަނޯޓުންނެވެ. ނާސާގެ އެސްޓްރަނޯޓް ބޮބް ބެންކެންގެ އިތުރުން ޑައުގް ހޫލޭ ވަނީ ނާސާއިން އަލަށް ތައާރަފު ކުރި ސްޕޭސް ސޫޓް އެންމެ ފުރަތަމަ ބޭނުންކުރި އެސްޓްރަނޯޓުންގެ ގޮތުގައިވެސް ހިމެނިފައެވެ.

ސްޕޭސް އެކްސްގެ މިޝަން ކާމިޔާބު ވެއްޖެނަމަ މިއީ 2011 ވަނަ އަހަރު ސްޕޭސް ޕްރޮގްރާމް ހުއްޓާލުމަށްފަހު ނާސާގެ އެސްޓްރަނޯޓުން އައިއެސްއެސް އަށް ދަތުރުކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.