ޚަބަރު

ޔޫކޭގެ ވިޔަފާރިވެރިޔަކު ރާއްޖެއަށް 75،000 މާސްކު ހަދިޔާކޮށްފި

އައިދާ އަބްދުލް ހަކީމް

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ވޯލްޑް ވައިސް ފުޑްސް އިން ރާއްޖެއަށް 75،000 ޑިސްޕޯސިބަލް ސާޖިކަލް މާސްކު ހަދިޔާކޮށްފި އެވެ.

އެކުންފުނީގެ ޗެއާމަން ޖޯން ބާޓަން ހަދިޔާކުރި މާސްކުތަކަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރި މާސްކްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެން އުންމީދު ކުރަނީ މިތަކެތީގެ ސަބަބުން ދިވެހި މުޖުތަމައު ރައްކާތެރިކުރަން ފްރަންޓްލައިންގައި ރެޔާއި ދުވާލު މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންތެރި ތަކެއްޗަށް ވާނެ ކަމަށް. މިއީ އެންމެންނަށް ވެސް ދަތި ދުވަސްވަރެއް. މި ޑޮނޭޝަންގެ ސަބަބުން ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އުންމީދުކުރަން." ޖޯން ބާޓަން ވިދާޅުވި އެވެ.

މިތަކެއްޗާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވީ މި ތަކެތި މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވެސް މާސްކުތައް ބަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ވައިސް ފުޑްސްއަކީ ރާއްޖެއިން ޔޫރަޕު މާކެޓަށް ދިވެހި ކަނޑުމަސް ބޭރުކުރަމުންދިޔަ ކުންފުންޏެކެވެ. ދިވެހި މަސްވެރިކަމުގެ ސިނާއަތުގެ މުހިންމު ރޯލެއް އަދާކުރަމުން އައި އެކުންފުންޏަކީ މީގެ ކުރިން މިފްކޯ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ.