ޚަބަރު

ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓް ބިލް ދައްކައިދިނީ ދާއިރާގެ މެންބަރު ރިޒާ

އަލީ ޔާމިން

ކޮވިޑް 19 އަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ލޮކްޑައުން ކުރި ށ. ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު، އެރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ދައްކަވައިދެއްވައިފިއެވެ.

ނަރުދޫން ބައްޔަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އޭގެ ފަހުން އެރަށުން 11 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއާއެކު މުޅި ނަރުދު ބިރުވެރިކަމެއްގައި އޮތް އިރު އަވަށްޓެރި ރަށްތަކުންނާއި، އެކިއެކި ފަރާތްތަކުން އަންނަނީ އެރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ށ. ފުނަދޫން ވެސް އެރަށަށް އެހީގެ ތަކެއްޗާއެކު ބޯޓެއް ފޮނުވާފައިވެއެވެ.

ނަރުދުއަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެރަށުގެ ރަަށްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ މިމަހު އެރަށުގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް ބިލް މެންބަރު އަލީ ރިޒާ ދައްކަވައިދެއްވުމެވެ. ޖުމްލަ 87 ގޭބިސީއެއްގެ ކަރަންޓް ބިލު މެންބަރު ރިޒާ ވަނީ ދައްކަވައިފައެވެ.

މިކަމާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ނަރުދޫ ފެނަކަ ބްރާންޗުގެ އޮފިސަރު އާދަމް ޒާހިރު ވިދާޅުވީ، 87 ގޭގެ ކަރަންޓް ބިލަށްވާ 37،662ރ މިހާރު ފެނަކައިގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

"މެއި މަހު މިރަށުގެ ހުރިހާ ގޭބިސީއެއްގެ ކަރަންޓް ބިލަށް އެރި 37،662.65ރ ރޭގެ ވަގުތެއްގައި ވަނީ މި ބްރާންޗުގެ އެކައުންޓަށް ޖަމާކޮށްދީފައި. މިފަދަ ދަތި ދަނޑިވަޅެއްގައި މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށްޓަކައި ފެނަކަ ނަރުދޫ ބްރާންޗުގެ މުވައްޒަފުންނާއި، ނަރުދޫގެ ރައްޔިތުން ޝާމިލްވާހެން މެންބަރު ރިޒާއަށް ޝުކުރު ދަންނަވަން،" އާދަމް ވިދާޅުވިއެވެ.

ނަރުދޫއަކީ މާލެއިން ބޭރުން އެންމެ ގިނަ ކޮވިޑުގެ ކޭސްތައް ފެނުނު އެއް ރަށެވެ. އެހެންވެ، މިދިޔަ މަހު 16 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ އަރައި ފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތުގައެވެ. ނަމަވެސް އެރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފައެވެ.