ޚަބަރު

ރާއްޖޭގައި ސްކައުޓް ހަރަކާތްތައް ހިންގާތާ 64 އަހަރު ފުރުމުގެ މުނާސަބާގައި ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖޭގައި ސްކައުޓް ހަރަކާތްތައް ހިންގާތާ 64 އަހަރު ފުރުމުގެ މުނާސަބާގައި ރާއްޖޭގެ ހުރިހާ ސްކައުޓުންނާއި ސްކައުޓް ލީޑަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްކައުޓް ހަރަކާތަކީ ފަހުގެ ޖީލުތަކުގެ ދަރީންނަކީ ގައުމުދެކެ ލޯބިވާ ދަރިންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތަކީ ގައުމުގެ ޖީލުތަކަށް ގައުމަށް ހިދުމަތް ކުރުމުގެ މުހިއްމުކަން ދަސްކޮށްދޭ ހަރަކާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ސްކައުޓިންގް ހަރަކާތްތައް ފަށާފައިވަނީ 1956 ވަނަ އަހަރު ރާއްޖެއަށް އިނގިރޭސި މީޑިއަމްގެ އެޑިއުކޭޝަން ތައާރަފް ކުރެވުނު އިރުއެވެ. އަދި ރާއްޖޭގެ ފުރަތަމަ ސްކައުޓް ގްރޫޕް އެކުލަވާލާފައިވަނީ 1961 ގައި މަޖީދިއްޔާ ސްކޫލުގައެވެ.

ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓް މޯވްމަންޓްގެ މެންމަބަރަށް ރާއްޖެއިން ވެފައިވަނީ 1990 ވަނަ އަހަރުއެވެ.