ޚަބަރު

ކޮވިޑަށް ވެކްސިނެއް އުފެއްދިއްޖެ ނަމަ އެ ވެކްސިން ހުރިހާ ގައުމަކަށް ލިބޭނެގޮތް ހެދުމަށް ރާއްޖެއިން ގޮވާލައިފި

މަރިޔަމް ޝަހުދާ

ކޮވިޑް19 އަށް ވެކްސިނެއް އުފެއްދިއްޖެނަމަ އެ ވެކްސިން ހުރިހާ ގައުމަކަށް ލިބޭގޮތް ހެދުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި ވާޗުއަލްކޮށް ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ސްޓޭޓްމަންޓުގައެވެ.

އެގޮތުން މިނިސްޓަރު އަމީންގެ މި ސްޓޭޓްމަންޓުގައި ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިއްޖެނަމަ ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކެކޭ އެއްފަދައިން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށްވެސް ފަރުވާ ނުވަތަ ވެކްސިން ލިބެންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ކޮވިޑް19ގެ ހާލަތުން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައިވާ ގުޅުންތައް ބަދަހިކޮށް، އެއްގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް ހެލްތު މިިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކޯލް ޓު އެކްޝަންގައި ބައިވެރިވެވަޑައިގަތް ހުރިހާ ގައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތް ހެދުމަށާއި، މައުލޫމާތު ބަދަލުކޮށް ކޮވިޑް19ގެ ކަންކަމުގައި އެއްގައުމުން އަނެއްގައުމަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓަރު އަމީން ދެއްވި ސްޓޭޓްމަންޓުގައި ރާއްޖެއިން ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ބައިވެރިވާނެކަން ފާހަގަ ކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސްވިޒްލޭންޑްގެ ޖެނީވާގައި ވާޗުއަލްކޮށް ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަން އަކީީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔުއެޗްއޯއާއި އެކު ކޮވިޑް19ގެ ކަންކަމުގައި ހެލްތު ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލްއެއް އެކުލަވާލައި، އެއަށް ހުރިހާ ގައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮވާލި ގޮވާލުމެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި 34 ގައުމެއް ބައިވެރިވި ކަމަށާއި، ގައުމުތަކުގެ ބޮޑުވަޒީރުންނާއި، ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާ އަދި ފަންނީ އެހެން ދާއިރާތަކުގެ މަތީފަންތީގެ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.