ކުއްލި ޚަބަރު

އިތުރު 44 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1591 އަށް

އިތުރު 44 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1591 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ބަންގުލަދޭޝްގެ 29 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

އިތުރު 44 މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 78 އަށް އަރައިފައެވެ. މިއީ މި ހަފުތާ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

‎ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ނިސްބަތްވަނީ ބަންގުލަދޭޝްއަށެވެ. ބަންގުލަދޭޝްގެ 834 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 554 ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 152 މީހަކާއި ނޭޕާލުގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. ދެން ހިމެނެނީ އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.

‎ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.