އެމްޑީޕީ

އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ: ރޮޒެއިނާ

އިބްރާހިމް ޒަކީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް އެ ޕާޓީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މުޅި ރައްޔިތުންގެ މަޖިލިސް ކޮމިޓީއަކަށް ބަދަލުކޮށްލައިގެން ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ރޭ ކުރިޔަށް ގެންދިޔަ ބަހުސްގައި ރޮޒެއިނާ މިހެން ވިދާޅުވީ، އެ މައްސަލައިގައި އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑެރި ހިޔާލުތަފާތުވުންތައް އުފެދި، އެމްޑީޕީ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާވެސް ހިލާފަށް ބައެއް މެންބަރުން ވޯޓު ދިނުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަަމުންދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ދިން ލަފަޔާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކަށް ވަނީ ހައްލެއް ލިބިފައެވެ.

އެކަމާގުޅިގެން ރޭގެ ބައްދަލުވުމުގައި ވާހަކަ ދަައްކަވަމުން އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލަރުންގެ ދައުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދީފައިވާ ލަފަޔަކީ "ދެމިޔަލީ ކަނޑިއެއް" ކަމަށާއި އެ ލަފާ ދެ ފެކްޝަނަށް ވެސް ފަހިވާ ކަމަށެވެ.

ޝަރީފްގެ އެ ވާހަކަޔަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ، އޭނާ ނިސްބަތްވާ އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށާއި އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރަނީ އެއް މަގުސަދެއް ހާސިލް ކުރަން ކަމަށެވެ.

"މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ކައިރީގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ އޭ. އެކަމަކު އަޅުގަނޑުމެންނަކީ އަބަދުވެސް ހިޔާލުތަފާތުވީމަ އެކަމާ ވަރަށް ގަދަޔަށް ޒުވާބު ވެސް ކުރާ ބަޔެކޭ،" މެންބަރު ރޮޒައިނާ ވިދާޅުވި އެވެ.

ރޭގެ ކޮމިޓީ ބައްދަލުވުމުގައި އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން، މިހާރު ތިބި ކައުންސިލަރުން އެމަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައަޅައި، އިންތިގާލީ މަރުހަލާގައި އެ މެންބަރުން ތިބޭއިރު އެމީހުން އަމަލުކުރަން ޖެހޭ އުސޫލުތައް ހިމެނޭ އާ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ހަދަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހުގެންނަން، ވަނީ ފާސްކޮށްފައެވެ