ދުނިޔެ

އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމާއެކު ފަސްދުވަސްތެރޭ ލައްކައަކަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

މުހައްމަދު އައުޒަމް

އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމާއެކު ފަސްދުވަސްތެރޭ ވައިގެމަގުން ލައްކައަކަށްވުރެން ގިނަ މީހުން ދަތުރުކޮށްފިއެވެ.

ކޮވިޑާ ގުޅިގެން ކުރި ލޮކްޑައުން އަށް ލުއިދިނުމާއެކު އިންޑިއާގެ އެތެރޭގެ އުދުހުންތައް ފަށާފައިވާއިރު އެގައުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް 2198 ފްލައިޓުގައި 1.65 ލައްކަ މީހުން ދަތުރުކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެއާޕޯޓުތައް މަޑުމަޑުން އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ބުނެފައެވެ.

ދެމަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އެތެރޭގެ އުދުހުންތައް ފެށުމުން އިންޑިއާގެ ގިނައަދަދެއްގެ ބަޔަކުވަނީ އާއިލާތަކާއި ރައްޓެހިންނާ ބައްދަލުކުރުމަށް ދަތުރުތައް ފަށައިފައެވެ. މީގެ އިތުރުން އެ ގައުމުގައި ވިޔަފާރީގެ ހަރަކާތްތައް ފެށުމާއި ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ އެއް ތަނުން އަނެއް ތަނަށް ދަތުރުތައް ފަށައިފަ އެވެ.

އިންޑިއާއިން ލޮކްޑައުންއަށް ލުއިތައް ދެމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އަދި ދަނީ މައްޗަށެވެ. އެހެން ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ އަދަދު ގިނަ ނޫން ކަމަށާއި ގިނަ ކަމަށް ފެންނަނީ އެ ގައުމުގައި ޓެސްޓު ހަދާ ނިސްބަތް އިތުރުވުމުން ކަމަށެވެ.