ރިޕޯޓް

ޕައިލެޓް ރަނޭ: ވައިގެތެރޭގައި ކޮވިޑްބަލި މީހުން ގޮވައިގެން އުދުހުމުގައި، ގޭގައި ފޭސް ޝީލްޑް ތައްޔާރުކުމުގައި އަވަދިނެތި

އައިދާ އަބްދުލް ހަކީމް

1

ކޮވިޑް 19 އާ ގުޅިގެން މުޅިގައުމު ހުއްޓި ބޯޑަރު ބަންދު ކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ އުދުހުންތަކުގެ ޝެޑިއުލަށް ވެސް ބޮޑެތި ބަދަލުތަކެއް އައެވެ. މުހިންމު ބޭނުންތަކުގައާއި އިމެޖެންސީ ދަތުރުތަކުގެ އުދުހުންތަކަށް އެކަނި ފްލައިޓް ދަތުރުތައް ބަދަލުވެގެންދިޔައެވެ. މިހާރު އޮންނަނީ ޗާޓަރު ދަތުރުތަކާއި އިމަޖެންސީ ދަތުރުތަކެވެ. މައިގަނޑު ދަތުރުތަކަކީ ކޮވިޑާއި ގުޅުން ހުރި ދަތުރުތަކެވެ. ޕޮޒިޓިވް މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސާމްޕަލް ތައް އުފުލުމާއި އެނޫންވެސް ކޮވިޑާއި ގުޅޭ ހާއްސަ ދަތުރުތަކެވެ.

އެއާއެކު ކުރިޔަށްވުރެ ގިނަ ވަގުތު އާއިލާއާ އެކު ހޭދަކޮށްލުމަށް ފްލައިޓްތަކުގެ ޕައިލެޓުންނަށް ވެސް ވަގުތު ލިބިގެންދިޔައެވެ. އެކަމަކު އަބަދުވެސް ތިބެން ޖެހެނީ އެލާޓުގައެވެ. މި ލިބުނު ވަގުތުގައި މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓުގެ ސީނިއާ ކެޕްޓަން މުހައްމަދު ރަނޭޝް (ރަނޭ) ކުރަން ފެށީ ތަފާތު ކަމެވެ.

ދިވެހި ވޮލީ ބޯޅަ ކިރިޔާ ވެސް ބަލައި އުޅޭ މީހެއް ނަމަ ރަނޭ އޭ ބުނުމުން އެއީ ކާކުކަން އެނގޭނެއެވެ. ރަނޭއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ސެޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު ސެޓަރެކެވެ. މޮޅު ކެޕްޓަނެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ގައުމީޓީމަށް ވެސް އޭނާ ވަނީ ކުޅެފައެވެ. ރާއްޖޭގެ ވޮލީޓީމް ތަކަށް ކުޅެ މޮޅު ކުޅުމެއް އޭނާ ވަނީ ދައްކައިފައެވެ. އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާ ވަޒީފާ އަދާކުރާ ކުންފުނި މޯލަޑިވިއަންގެ ޓީމުންނެވެ. މޯލްޑިވިއަން އާއެކު ވެސް ރަނޭ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ގައުމީ އެއާލައިންގެ ވޮލީ ޓީމްގެ ކުރީގެ ކެޕްޓަން އަދި މިހާރު ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓުގެ ސީނިއާ ކެޕްޓަންގެ ދަތުރު ޝެޑިއުލްއަށް ކޮވިޑާއި ގުޅިގެން ބޮޑެތި ލުއިތަކެއް ލިބުނެވެ.

ރަނޭ "ވަން" އަށް ބުނީ، ލިބުނު ހުސްވަގުތުގައި ކޮންމެވެސް ކަމެއް މި ޕެންޑަމިކާއި ގުޅިގެން ކުރުމަށް ވިސްނީ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އޮންނަންވާނެ ކަމަށް ރަނޭ ގަބޫލު ކުރެއެވެ. އެގޮތުން މިބަލިން އަރައިގަތުމަށް ހަމައެކަނި ކުރެވޭނޭ ކަމަކީ ގައިދުރުކަން ނޫން ކަމަށާއި އެކަމަކު ކޮންމެ މީހަކަށް ބަލިމީހުންގެ ގަޔަށް އިންޖެކްޝަން ނުޖެހިދާނެ ކަމަށް ރަނޭ ބުންޏެވެ. ނަމަވެސް ކޮންމެ މީހަކު ވެސް އެމީހަކަށް ލިބިފައިވާ ހުނަރެއްގެ ބޭނުން ކޮށް މިދަނޑިވަޅުގައި ކޮވިޑު ޕެންޑަމިކް އިން އަރައިގަތުމަށް ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި ސޯޝަލް ޑިސްޓެންސިންއަށް ވުރެ ފުޅާކޮށް ވިސްނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އެގޮތުން ފޭސް ޝީލްޑަކީ މި ޕެންޑަމިކްގައި ރައްޔިތުންނަށް އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް މުހިންމު އެއްޗަކަށް ވެފައި، ގޭގައި އަމިއްލަޔަށްވެސް ތައްޔާރުކުރެވިދާނެ އެއްޗަކަށް ވުމުން، އެކަން ކުރަން ނިންމީ ކަމަށް ރަނޭ ބުންޏެވެ. ރަނޭ ބުނީ އޭނާގެ ދަތުރުތައް ކުރިޔަށް ވުރެ މަދުވުމުން ގޭގައި ލިބޭ ހުސްވަގުތުގައި މިހާ ތަނަށް 2130 ފޭސް ޝީލްޑް ހަދާފައިވާ ކަމަށެވެ.

ރަނޭ ވަނީ ގޭގައި ފޭސް ޝީލްޑް ތައްޔާރުކޮށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އައިޖީއެމްއެޗް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އޭނާ މަސައްކަތް ކުރާ މޯލްޑިވިއަން އަށް ހަދިޔާ ކޮށްފައެވެ.

ރަނޭ ބުނީ އެޗްޕީއޭއިން އަންގާ އެންގުންތަކަށް ރައްޔިތުން ބޯލަނބަމުން އަންނަ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން އާންމުންގެ ފަރާތުން އޯޑަރުތައް ލިބެމުންދާތީ މިހާރު އާންމުންނަށް ވެސް ޝީލްޑް ތައްޔާރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އޭނާ އާންމުންނަށް ޝީލްޑް ހަދައިދެނީ އެ ހެދުމަށް ހިނގާ ހަރަދު ކަވަރުވާ ގޮތަށް އެއްވެސް ފައިދާއަކާ ނުލައެވެ. އެގޮތުން ޝީލްޑެއް ވިއްކަނީ 25 ރުފިޔާއަށެވެ. މިހާރު ދުވާލަކަށް 300 ވަރަކަށް ޝީލްޑް ތައްޔާރު ކުރެވޭ ކަމަށް ރަނޭ ބުންޏެވެ.

ރަނޭ އާ ގުޅޭގޮތުން ގައުމީ އެއާލައިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ވަން"އަށް ވިދާޅުވީ ރަނޭ އަކީ ކޮވިޑް ޕެންޑަމިކްގައި ފްރަންޓް ލައިންގައި މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ގައުމު ދެކެ ލޯބިވާ ހީވާގި މުވައްޒަފެއް ކަމަށެވެ. ރަނޭ ފާހަގަވެގެންދަނީ މަސައްކަތަށް ކަމޭހިތައި ގޮވާލި ކޮންމެ ވަގުތަކުވެސް ހިދުމަތް ދިނުމަށް ތައްޔާރަށް ހުންނަ މީހެއްގެ ގޮތުގައިއެވެ. އަދި ކޮންމެ ދަނޑިވަޅެއްގައިވެސް މަސަލަހަތަށް މަސައްކަތްކުރާ އެހެން މީހުންނަށް ނަމޫނާ ޕައިލެޓެއްގެ ގޮތުގައި ކަމަށެވެ. އަދި މޯލްޑިވިއަން އިން ރަނޭ ކޮށްދެމުން އަންނަ ހިދުމަތްތަކަށް ފަހުރުވެރިވާ ކަމަށެވެ.