ދުނިޔެ

އިންޑިއާގައި ރާމާމަކުނުތަކެއް ޖަހައިގަނެގެން ގެންދިޔަ ކޮވިޑް ސާމްޕަލްތަކެއް ފަހުން ހޯދައިފި

މުހައްމަދު އައުޒަމް

އިންޑިއާގައި ރާމާމަކުނުތަކެއް ޖަހައިގަނެގެން ގެންދިޔަ ކޮވިޑް ސާމްޕަލްތައް ހޯދައިފިއެވެ.

ދިއްލީ ކައިރީގައި އޮންނަ މީރަތުގައި ކޮވިޑަށް ޓެސްޓުކުރުމަށް ބޭނުންކުރި ސާމްޕަލްތަކެއް ރާމާމަކުނުތައް ޖަހައިގަތީ ހެލްތު ވޯކަރަކަށް ހަމަލާ ދިނުމަށްފަހު ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮވިޑް ސާމްޕަލްތައް ޖަހައިގަނެގެން ރާމާމަކުނުތައް އެސާމްޕަލްތައް ގެންގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ ދައުރުވާން ފަށައިފައެވެ.

ރާމާމަކުނުތައް ޖަހައިގަތް ކޮވިޑް ސާމްޕަލްތަކުގެ ސަބަބުން އެސަރަހައްދުގައި ކޮވިޑް އިތުރަށް ފެތުރިދާނެކަމުގެ ބިރު އުފެދުމާއެކު އެހޯދުމުގެ މަސައްކަތް އޮފިޝަލުން ފެށިއެވެ.

މީރަތުގެ މެޑިކަލް ކޮލެޖުން ވަނީ ފަހުން ސާމްޕަލް ފޮށިތައް ހޯދައި ރައްކާތެރިކޮށްފައެވެ. މެޑިކަލް ކޮލެޖްގެ އޮފިޝަލު ވަނީ އެއްވެސް ސާމްޕަލަކަށް ގެއްލުމެއް ނުލިބި ހުރިހާ އެއްޗެއް ހޯދިފައިވާ ކަމަށް ބުނެފައެވެ. އޮފިޝަލު ވަނީ މިކަމުގެ ސަބަބުން އެއްވެސް ވަރަކަށް ކޮވިޑް ފެތުރުމުގެ ފުރުސަތެއްވެސް ނެތްކަމަށް ބުނެފައެވެ.