ދުނިޔެ

ކޮވިޑް އިތުރަށް ފެތުރެން ފެށުމާއެކު ކޮރެއާގެ 200 އަށްވުރެ ގިނަ ސްކޫލް އަނެއްކާވެސް ބަންދުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑް އިތުރަށް ފެތުރެން ފެށުމާއެކު ކޮރެއާގެ 200 އަށްވުރެން ގިނަ ސްކޫލް އަނެއްކާވެސް ބަންދުކޮށްފިއެވެ.

ދެކުނު ކޮރެއާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށްފަހު ސްކޫލްތައް ހުޅުވައި އެތަކެއް ހާސް ދަރިވަރުން ސްކޫލަށް ދާންފެށީ މިދިޔަ ބުދަދުވަހުއެވެ. ނަމަވެސް އޭގެ އެއްދުވަސް ފަހުން ކޮރެއާގައި ބާރު ސްޕީޑެއްގައި ކޮވިޑް ފެތުރި 79 އާ ކޭސް ވަނީ ފެނިފަ އެވެ.

މިއީ ފާއިތުވެ ދިޔަ ދެމަސްދުވަހާ އަޅައިބަލާއިރު ކޮރެއާއިން އެއްދުވަހެއްގެ ތެރޭ ކޮވިޑް އެންމެ ގިނައިން ފެނުނު ފަހަރު ކަމަށް ރެކޯޑް ތަކުން ދައްކައެވެ. ފެނިފައިވާ ގިނަ ކޭސްތައް ގުޅިފައިވަނީ ވެރިރަށް ސޯލް ގެ ބޭރުން ެތެރެވީ މީހުންނާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކޮރެއާގައި ކޮވިޑް ކޭސްތައް ގިނަވެފައިވާއިރު އެންމެ ގިނައިން ކޭސްތައް ފެންނަން ފަށާފައިވަނީ ބުޗެއޮން އިންނެވެ. އެސިޓީގެ ވެއާހައުސް އަކުން ވަނީ ގިނަ އަދަދެއްގެ ކޭސް ފެނިފައެވެ. އޮފިޝަލުން ވަނީ އެ ވެއާހައުސް އިން އެއްވެސް ވަރަކަށް ކޮވިޑުން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާކަމަށް ބުނެފައެވެ.

ބުޗެއޮން ސިޓީގެ ވެއާހައުސް އިން ނެގި ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވް ވެފައިވާއިރު އޮފިޝަލުން ވަނީ އެތަނުގައި މަސައްކަތް ކުރާ މީހުން ބޭނުންކުރާ ހެދުންތަކާއި ބޫޓުން ވެސް ކޮވިޑް ވައިރަސް ފެނިފައިވާކަމަށް ބުނެފައެވެ.