ސުޕްރީމް ކޯޓް

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސުޕްރީމް ކޯޓުންވެސް ލަފާދީފި

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު، އަންނަ މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ހަމަވެގެން އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް، އިންތިގާލީ މާއްދާއެއް ހިމަނަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާދީފިއެވެ.

އާ އިންތިހާބަކުން ހޮވޭ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅުމާ ގުޅިގެން މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން، ބުދަދުވަހުގެ ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ، ގަރާރެއް ފާސްކޮށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހެޅިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ލަފާގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަަމަވާއިރު، ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނޫން ގޮތަކަށް ގާނޫނު އަސާސީއާ އެއްގޮތަށް ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށެވެ.

އެ ލަފާގައިވަނީ ގާނޫނު އަސާސީއަށް ފަސްވަަނ އިސްލާހު ގެނައުމުުގެ ގާނޫނުގެ ހަތަރުވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެބިލުން ނުވަތަ އެ ގާނޫނުންވެސް ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގުސަދު ހާސިލުކުރުމަށްޓަަކައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ.

"އެގޮތުން ގެނެވޭ އިސްލާހު ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން، ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަގާމާ ހަވާލުވި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަބަހުން ބަޔާންކޮށްގެން މެނުވީ 4 އޭޕްރީލް 2020 ގައި ރާއްޖޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައައް ދިމާވާ ގާނޫނީ ހުސްކަން ގާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެނޭ،" ކަމަށެވެ.