ޚަބަރު

މޮޅަދޫގައި ކުޑަކުދިންގެ ޕާކަކާއި ޖިމެއް ހަދަން ތަކެތި ގެންދިޔަތާ އެއް އަހަރު، ތަކެތި ހުރީ ހުރިތާ!

އައިދާ އަބްދުލް ހަކީމް

ހއ. މޮޅަދޫގައި ކުޑަކުދިންގެ ޕާކަކާއި ޖިމެއް ހަދަން ތަކެތި ގެންދިޔަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު ޖިމާއި ޕާކު ހަދަން އެއްވެސް މަސައްކަތެއް ނުކުރާ މައްސަލައިގައި މީހުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ޓެގް ކުރައްވައި ހުސައިން މުނައްވަރު ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނީ އެތަކެތި މޮޅަދުއަށް ގެންދިޔަގޮތަށް ހުރީ ކަމަށާއި އެ މަސައްކަތް ކުރަން ރަށު ކައުންސިލުން ނޫޅޭ ކަމަށެވެ. އެހެންކަމުން އެކަން ބަލައި ދިނުމަށް އެޓުވީޓުގައި ވަނީ އެދިފައެވެ.

މިކަމާއި ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ އެތަކެތި ލިބިފައިވަނީ މި ދިޔައަހަރުގެ ފަހުކޮޅު ކަމަށާއި އެމަސައްކަތް ކުރިއަށް ނުގެންދެވިފައިވަނީ އެކައުންސިލްގެ އިދާރީ މަސައްކަތް ކުރާ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށެވެ. އަދި ތަކެތި ދިން ކަމުގައިވިޔަސް ކުޑަކުދިންގެ ޕާކް ހެދުމުގައި ކުރަން ޖެހޭ ގިނަ މަސައްކަތް ތަކެއް އެބަ ހުރިކަމަށެވެ. މިހާރު ކައުންސިލްގައި މަސައްކަތް ކުރަމުން އަންނަނީ ޒިންމާދާރު ވެރިޔާގެ އިތުރުން އެންމެ އިދާރީ މުވައްޒަފެއްކަމަށް ވެސް ނިޝާމް ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ ޔޫތު މިނިސްޓްރީން އެގޮތަށް ތަކެތި ދިނުމަށްފަހު ބައެއް ރަށްރަށަށް އެތަކެތި އިންސްޓޯލް ކުރުމަށް ވެސް މީހުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރިޔަށް ނުގެންދެވިފައިވަނީ އެކަން ކުރާނެ މީހުން ލިބުމުގައި ދަތިތަކެއް ހުރުމުން ކަން މިނިސްޓްރީއަށް އަންގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެމަސައްކަތް ކުރިޔަށް ނުގެންދެވި އޮތީ ކޮވިޑާ ގުޅިގެން ކަމަށާއި މިކަމުން އަރައިގަނެވުމުން އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

މިމައްސަލައިގައި ޔޫތު މިނިސްޓްރީގެ ފަރާތުން "ވަން" އަށް މައުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމަސައްކަތް ކުރިޔަށް ނުދާ ސަބަބެއް މޮޅަދޫ ކައުންސިލުން އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކަކީ ބަޖެޓު ކުރެވިގެން ކުރިއަށްދާ ކަންކަމަށް ނުވާތީ ރަށްރަށުގެ ކައުންސިލްތަކުން އެދުމުން ރަށްރަށަށް އެފަދަ ތަކެތި ފޯރުކޮށްދެނީ ކައުންސިލާއީ އެރަށުގެ ރައްޔިތުން ގުޅިގެން އެމަސައްކަތް ކުރާ ގޮތަށް އެއްބަސް ވެގެން ކަމަށެވެ. މޮޅަދޫ ކައުންސިލަށް ވެސް ކުޑަކުދިންގެ ޕާކަކާއި ޖިމެއް ހަދަން ތަކެތި ފޯރުކޮށްދީފައިވަނީ އެކައުންސިލުން އެގޮތަށް އެއްބަސް ވެގެން ކަމަށާއި އެއްވެސް ރަށެއްގައި މިނިސްޓްރީން މީހުން ފޮނުވައިގެން އެފަދަ މަސައްކަތް ނުކުރާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.