ކުޅިވަރު

މާޒިޔާގެ ކޯޗާއި ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވެއްޖެ، ކޯޗް ބޭނުންވަނީ އެނބުރި ގައުމަށްދާން

އައިދާ އަބްދުލް ހަކީމް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗާއި ބިދޭސީ ހަތަރު ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.

މާޒިޔާގެ ކޯޗް، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީގެ އިތުރުން އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ޑިފެންޑަރު މުހައްމަދު ޝަރީފްގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗްގެ ކޮންޓްރެކްޓް މިހާރު ހަމަވެފައިވާއިރު ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ގޮސްފައެވެ. ރެސްކިޔު ފްލައިޓެއްގައި އަޒީޒީ އާއި ޝަރީފް އެނބުރި ގައުމަށް ގޮސްފައި ވާއިރު، ކޯނޭ އާއި ޕީޓާ އަދި ކޯޗް ސެކުލޮސްކީ ހުރީ ގައުމަށް ނުދެވި ތާށިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓްރެކްޓް ހަމަވެފައިވާތީ އާއި ކޮވިޑް 19ގެ ބަލިމަޑުކަމުގެ މި އުނދަގޫ ވަގުތުގައި ފުރުސަތު ލިބުނުހާ އަވަހަކަށް އެނބުރި ގައުމަށް ދާން ކޯޗު ސެކުލޮސްކީ ބޭނުން ވެއެވެ. ސަބަބަކީ މިހާރު ހާލަތު އޮތް ގޮތުން އަދި ރާއްޖޭގައި ފުޓުބޯޅަ މުބާރާތްތައް ފެށޭނެ ދުވަހެއްވެސް ނޭނގޭތީއެވެ. ނަމަވެސް އޭނާއަށް އެނބުރި ދެވެން އޮތީ މެސެޑޯނިއާގެ ބޯޑަރު ހުޅުވުމުން ނެވެ.

ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅިގެން ފުޓުބޯޅަ ފެށޭނެ ދުވަހެއް އަދި ނޭނގޭތީ ކޮންޓްރެކްޓް ހަމަވެފައިވާ ކޯޗާއި ކުޅުންތެރިންނާއި މެދު އަމަލުކުރަން ނިންމާފައިވާ ގޮތާއި މެދު މާޒިޔާއިން އަދި ވަކި އެއްޗެއް ބުނަން ބޭނުމެއް ނުވެއެވެ. މާޒިޔާއިން ބުނީ ކަން ކަން ވާގޮތަށް ބަލައި ކުރިއަށް އޮތްތާނގައި އެކުލަބުން ނިންމާ ގޮތް މީޑިއާއަށް އާންމު ކުރާނެ ކަމަށެވެ.

މާޒިޔާ އިން ފާހަގަ ކޮށްފައިވަނީ މި ދަނޑިވަޅަކީ ހުރިހާ ކްލަބުތަކަށްވެސް މާލީގޮތުން ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ދަނޑިވަޅެއް ކަމުން ކުރިޔަށް އޮތްތާނގައި ކަންކަން ރާވާނެ ގޮތް އަދި އެކުލަބުން ނުނިންމާ ކަމަށެވެ. މާޒިޔާ އަކީ ރާއްޖޭގައި މިހާރު އެންމެ ވަރުގަދަ ސްކޮޑަކާއި އެކު ރާއްޖޭގެ ފުޓުބޯޅަ ލީޑް ކުރަމުން އަންނަ ޓީމެވެ.